22 Jun 2013, 23:30
ސެވިއްޔާއަށް ކުޅޭ، ސްޕެއިންގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ފޯވަޑް ލުއިސް އަލްބާޓޯ، އިނގިރޭސި ވިލާތުގެ ލިވަޕޫލްއަށް ސޮއިކޮށްފި އެވެ.
ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން، ލުއިސް ލިވަޕޫލާ ގުޅިފައިވަނީ 6.8 މިލިޔަން ޕައުންޑްގެ ފީއަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ލޯން އެއްބަސްވުމެއްގެ ދަށުން، ސްޕެނިޝް ޗެމްޕިއަން ބާސެލޯނާގެ ބީ ޓީމަށް ކުޅެމުން އަންނަ، 20 އަހަރުގެ ފޯވަޑާ ބެހޭގޮތުން ލިވަޕޫލްގެ ކޯޗް، ބްރެންޑަން ރޮޖާސް ބުނީ، އަލްބާޓޯއަކީ ފުޓްބޯޅައިގެ ރަނގަޅު ޕްރޮފައިލެއް އޮތް، ކުރިއަރަމުން އަންނަ މޮޅު ކުޅުންތެރިއެއް ކަމަށާއި، އޭނާގެ ޓެލެންޓް އިތުރަށް ތަރަށްގީކުރުމަށް ލިވަޕޫލްގައި އޭނާއަށް އެހީތެރިވެދިނުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން އެބަ ހުރި ކަމަށެވެ.
އަލްބާޓޯ، ސެވިއްޔާއަށް ހަތް މެޗު ކުޅެދީފައި ވާއިރު އޭނާ އެންމެ ފުރަތަމަ އެ ކުލަބަށް މެޗެއް ކުޅުނީ އުމުރުން 18 އަހަރުގައި 2011 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ.
ސްޕެއިންގެ 18 އަހަރުން ދަށުގެ އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުރިން ކުޅުނު އަލްބާޓޯވަނީ މިދިޔަ ސީޒަންގައި އޭނާ ބާސާގެ ބީ ޓީމަށް ކުޅުނު 38 މެޗުގައި 11 ލަނޑު އެ ކުލަބަށް ކާމިޔާބު ކޮށްދީފަ އެވެ. އަދި ސެވިއްޔާގެ ބީ ޓީމަށް އޭނާ ކުޅުނު 77 މެޗުގައި 25 ލަނޑު އެ ކުލަބަށް ކާމިޔާބު ކޮށްދީފައި ވެއެވެ.
ކުރިއަށް އޮތް ސީޒަނަށް ކުލަބް ވަރުގަދަކުރުމުގެ ގޮތުން ލިވަޕޫލްއިން ވަނީ، މެންޗެސްޓާ ސިޓީގެ ކޯލޯ ޓޫރޭއާއި ސެލްޓާ ވީގޯގެ ސްޓްރައިކާ ލާގޯ އަސްޕާސް ގެނެސްފަ އެވެ. އަދި ކުރިއަށް އޮތް ހަފްތާ ތެރޭގައި ސަންޑަލޭންޑްގެ ގޯލް ކީޕަރު ސިމޯން މިގްނޮލެޓްގެ އިތުރުން ޝަހްތާ ޑޮނެޓްސްގެ އަރްމީނިޔާ މިޑްފީލްޑަރު ހެންރިކް މިތަރިޔާން ހޯދުމުގެ މަސައްކަތްވެސް އެކުލަބުން ދަނީ ކުރަމުންނެވެ.