22 Jun 2013, 22:32
ދެވަނަ ޑިވިޝަންގެ ފައިނަލްގައި މިއަދު ހަވީރު ޕެނަލްޓީ ޖަހައިގެން 4-6ން މަހިބަދޫ ސްޕޯޓްސް ކްލަބް އަތުން މޮޅުވެ ކްލަބް މެކާނޯ، އެންޖޯއީ ޗެމްޕިއަންޝިޕް ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
އެފްއޭއެމްގެ އެއް ނަންބަރު ޓާފް ދަނޑުގައި މިއަދު ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު 1-1 ލަނޑުގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮތުމުގެ ސަބަބުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
މެޗުގެ 23 ވަނަ މިނިޓުގައި އިބްރާހީމް ޝާތިރު ލަނޑެއް ކާމިޔާބުކޮށް މަހިބަދޫ ޓީމަށް ކުރިހޯދައިދިން ނަމަވެސް 70 ވަނަ މިނިޓުގައި މެކާނޯއަށް ނަތީޖާ ހަމަހަމަކޮށްދިނީ އާދަމް އިމްރާން އެވެ.
ޕެންލްޓީ ޝޫޓްއައުޓްގައި މެކާނޯގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ، އަހްމަދު ނިމާލްއާއި، ހުސައިން ރަޝީދާއި، އަހްމަދު ހަބީބުއާއި މުހައްމަދު ޝަބީން އާދަމް އަދި މުހައްމަދު އިމްރާންއެވެ.
މަހިބަދޫގެ ތިން ޕެނަލްޓީ ކާމިޔާބު ކޮށްދިނީ، އިބްރާހީމް ޝާތިރާއި، ގާސިމް ސިހާންއާއި އަދި އަލީ ރިޝާމް ކާމިޔާބުކުރި އިރު އެޓީމްގެ އަލީ ޝާލިމް ޖެހި ޕެނަލްޓީ، މެކާނޯގެ ކީޕަރު އަލީ އަބްދުﷲ ވަނީ ދިފާއު ކޮށްފަ އެވެ.
މެޗަށްފަހު މުބާރާތުގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ދިނުން އޮތެވެ. އެގޮތުން މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެކާނޯގެ ކެޕްޓަން މުހައްމަދު އިމްރާން އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް މެކާނޯގެ ކީޕަރު އަލީ އަބްދުﷲ ހޮވުނު އިރު މުބާރާތުގެ ފެއަ-ޕްލޭ ޓީމަކަށް ހޮވުނީ މުބާރާތުގެ ރަނަރަޕް މަހިބަދޫ ސްޕޯޓްސް ކުލަބެވެ.
ފުރަތަމަ ޑިވިޝަނުން ރެލިގޭޝަން ކުޅެންޖެހޭ ދެ ޓީމަކާއި ވާދަކޮށް މޮޅުވެގެން، ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށް އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި ފުރަތަމަ ޑިވިޝަނަށް އެރުމުގެ ފުރުސަތު ލިބޭނެ އެވެ.