22 Jun 2013, 18:34
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ކުޅޭ ގައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު، އިސްމާއީލް އީސާ (މެސީ)، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.
މެސީ ނިއުއާ ގުޅުނުކަން އިއުލާން ކުރުން އޮތީ އެފްއޭއެމް ހައުސްގައި މިއަދު އެ ކްލަބްގެ ފަރާތުން ބޭއްވި ނިއުސް ކޮންފަރެންސެއްގަ އެވެ.
"މިއަދަކީވެސް އަޅުގަނޑުމެންގެ ކްލަބްގެ ތާރީހުގައި ވަރަށް ހާއްސަ ދުވަހެއް. މިއަދު މެންދުރުފަހު އަޅުގަނޑުމެންނަށް މިވަނީ، ގައުމީ ޓީމުގެ މިޑްފީލްޑަރު އިސްމާއީލް އީސާ، އަޅުގަނޑުމެން އެންމެންގެ ފޭވަރިޓް ނަމުންނަމަ [މެސީ]، ނިއުރޭޑިއަންޓާ ޖޮއިން ކޮށްފައި،" ނިއުގެ ޒުވާން ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވި އެވެ.
ބަލަކް ވިދާޅުވީ، ނިއުގެ މިހާރުގެ މެނޭޖްމަންޓުން ޓީމާ ހަވާލުވުމަށްފަހު ދެކެމުން އައި އެންމެ ބޮޑު އެއް ހުވަފެނަކީ މުސްތަގުބަލުގައި ރާއްޖޭގެ ގައުމީ ޓީމު ލީޑުކުރަންތިބޭ ކުޅުންތެރިން ނިއުއަށް ކުޅޭތަން ދުށުން ކަމަށެވެ.
"އަޅުގަނޑުމެން ނިއުރޭޑިއަންޓުގެ މެނޭޖްމަންޓު، ނިއުގެ ބޯޑު މެންބަރުން ނިއުއާ ހަވާލު ވުމަށްފަހު، ރާއްޖޭގެ ޒުވާން ގައުމީ ޓީމުގައި މިތިބި، މާދަމާގެ، ދުރުމުސްތަގުބަލެއްގައި ރާއްޖޭގެ ގައުމީ ޓީމު ލީޑު ކުރާނޭ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކުޅުންތެރިން، ނިއުރޭޑިއަންޓުގައި އެއްކޮށް ކުޅޭތަން ދުށުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ހުވަފެނެއް،" ބަލަކް ވިދާޅުވި އެވެ. "އަޅުގަނޑުމެން ފުރަތަމަ މި ސީޒަން ފެށުނުއިރު ރިލޭ، ޔާންބެ، ދެން އަދި މިއަދު މެސީ، އަދި އެބައުޅޭ ސެންޓޭ ބޮކުރީ، އަޅުގަނޑު ދެކޭގޮތުގައި މީއީ ރާއްޖޭގެ ގައުމީ ޓީމުގެ ދެން އޮތް ޖެނެރޭޝަން"
ބަލަކް ވިދާޅުވީ އޭނާ ކްލަބާ ހަވާލުވީފަހުންވެސް ކްލަބްގެ ސަޕޯޓަރުން ދެކޭ ގޮތުގައި ނިއުގެ އެންމެ ދަށް ޑިޕާޓްމަންޓަކީ މިޑްފީލްޑް ކަމަށާއި އެހެން ނަމަވެސް މިހަފްތާ ތެރޭގައި ޓީމަށް ގެނެވުނު ދެ ކުޅުންތެރިންނާއެކު މިހާރު އެންމެ ވަރުގަދަ ޑިޕާޓްމަންޓަކަށް މިޑްފީލްޑް ޑިޕާޓްމަންޓް ވެގެން ދާނޭ ކަމަށެވެ.
ދިރާގު ދިވެހި ލީގުގައި ވެސް މިވަގުތު 14 ޕޮއިންޓުގެ ބޮޑު ތަފަތަކާއެކު ލީގުގެ އެއްވަނަ މަގާމްގައި އޮތް ނިއުއިން ވަނީ އޭއެފްސީ ކަޕްގެ ދެވަނަ ބުރުގައި ވާދަކުރުމަށް ތައްޔާރުވަމުންދާ ކްލަބްގެ ސްކޮޑް ވަރުގަދަ ކުރުމަށްޓަކައި، ކްލަބް ވެލެސިޔާ އަދި ގައުމީ ޓީމުގެ މިޑްފީލްޑަރު އަކްރަމް އަބްދުލް ޣަނީ (އަކޫ) ނިއުއަށް ގެނެސްފަ އެވެ.
ވީބީ އައްޑޫ އެފްސީއިން މިދިޔަ ސީޒަނަށް މާޒިޔާއާ ގުޅުނު މެސީ، ނިއުއާ ގުޅުމުން އޭނާ ކުޅޭނީ ނިއުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހީމް ރަޝީދު (އަންދަރޭ) ކުޅުނު 15 ނަންބަރު ޖާޒީގަ އެވެ.
"އަޅުގަނޑުމެންގެ 15 ނަންބަރު ޖާޒީ، އެއީ މެސީގެ ގައުމީ ޓީމުގެ ޖާޒީ. އަޅުގަނޑުމެންގެ ލެޖެންޑެއް އަންދަރޭއަކީ. އެހެންވީމާ އަޅުގަނޑުމެން ހުސްކޮށް ބާވާ ޖާޒީ ޖާޒީއެއް ނޫން މިއީކީ. އަޅުގަނޑުމެން އެދެނީ ހަމަ އެކަހަލަ އަހްލާގު ރަނގަޅު މޮޅު ކުޅުންތެރިއަކަށް ނިއުރޭޑިއަންޓްގައި މެސީ ވެގެން ދިއުން،" ބަލަކް ވިދާޅުވި އެވެ.
މެސީ ބުނީ އޭނާ ނިއުއާ ގުޅުނީ ރަނގަޅު ހުށަހެޅުމެއް ލިބުމުން ކަމަށާއި އަދި ނިއުރޭޑިއަންޓްގައި އޭނާ އަކީ އެ ކްލަބް ބޭނުންވާފަދަ މުހިންމު ކުޅުންތެރިއަކަށް ވުމަށް މަސައްކަތް ކުރާނޭ ކަމަށެވެ.
"އެންމެ ފުރަތަމަވެސް އަޅުގަނޑު ބޭނުންވޭ މާޒިޔާގައި އަޅުގަނޑު ހޭދަކުރި ދުވަސްތަކުގައި ކްލަބްގެ އެންމެހާއި ފަރާތްތަކާއި ހާއްސަކޮށް ކްލަބްގެ ކޯޗަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ދެން ނިއުއިން އޮފާ ލިބިފައި އޮތީމަ ހަމަ ދާން ބޭނުންވީ. ދެ ކްލަބުންވެސް ހަމަ އެންމެ ބޭނުންވީ ގޮތަށް ނިމިފައި މިއޮތީ،" މެސީ ބުންޏެވެ. "ފުރަތަމަވެސް ސޮއިކުރަން އޮފާ ކުރި ހިސާބުންވެސް އަޅުގަނޑު އެންމެ ބޮޑަށް ވިސްނި ކަމަކީ، ނިއުރޭޑިއެންޓްގަވެސް މުހިއްމު ކުޅުންތެރިއަކަށްވުން. ޓާގެޓަކީ ނިއުރޭޑިއަންޓް ބޭނުންވާފަދަ މީހަކަށް ވުން"
ނިއުގެ ކޯޗް ވެލިޒާ ޕޮޕޯފް ބުނީ، ކްލަބްގެ މެނޭޖްމަންޓުން އޭނާ ބޭނުންވާ ކުޅުންތެރިން ހޯދުމުގައި ވެދޭ އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށާއި މެސީ އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ "ކްރިއޭޓިވް" އެއް މިޑްފީލްޑަރު ކަމަށެވެ.
އަލީ އަޝްފާގާއި މުހައްމަދު އުމެއިރު ފަދަ ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް މިހާރުވެސް ކުޅެމުން އަންނަ ނިއުގެ ޗެއާމަން ބުނީ މި ޓްރާންފާގައި ދެން އިތުރު ދިވެހި ކުޅުންތެރިއަކު ޓީމަށް ގެންނަން ނުވިސްނާ ކަމަށާއި އެހެން ނަމަވެސް އަދިވެސް ޓްރާންސްފާ ނިމުމުގެ ކުރިން ބިދޭސީ ކުޅުންތެރިއަކު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނޭ ކަމަށެވެ.