ވެލެންސިއާއަށް ކުޅެމުންއަންނަ ގައުމީ ޓީމްގެ ޒުވާން ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އަށް ފާއިތުވި ދެ މަސް ދުވަހުގެ މުސާރަ ނުދޭތީ ކަމަށް ބުނެ، ވެލެންސިއާއިން ރިލީޒް ހޯދައިގެން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ބަދަލުވެއްޖެ އެވެ.

މާޒިޔާގެ އިސް އޮފިޝަލަކު ވިދާޅުވީ، ހޮކޭ މާޒިޔާއަށް ސޮއި ކުރީ އިއްޔެ ކަމަށެވެ.

'ހޮކޭ ސޮއި ކުރީ އިއްޔެ. އޭނާ އަކީ މާޒިޔާއަށް ވަރަށް މުހިންމު ކުޅުންތެރިއެއް. ހޮކޭ އަށްފަހު މި ޓްރާންސްފާ ޓާމްގައި މާޒިޔާއަށް ދެން އިތުރު ކުޅުންތެރިން ނުހޯދާނަން." އޮފިޝަލް ވިދާޅުވި އެވެ.

ވެލެންސިޔާގެ އިސް އޮފިޝަލަކު ވިދާޅުވީ ހޮކޭއަށް ކުލަބުން ދޭންޖެހޭ 27000 ރުފިޔާ ނުދީ އެބޮތް ކަމަށެވެ.

އެއްބަސްވެފައިވާ ގޮތުގެ މަތިން މުސާރަ ނުލިބޭ ކަމަށް ބުނެ ދާދިފަހުން ވެލެންސިއާއަށް ކުޅެމުންއައި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުޚްތާރު ނަސީރު (ޓޫކިލޯ) ވެސް ވަނީ އެކުލަބުގެ ރިޒީލް ހޯދައިގެން މާޒިޔާ އަށް ސޮއި ކޮށްފަ އެވެ. ޓޫކިލޯއަކީ ރާއްޖެއަށް 2008 ވަނަ އަހަރުގެ ސާފްޗެމްޕިއަންޝިޕް ކާމިޔާބު ކުރެވުނު ތާރީޚީ ލަނޑު އިންޑިޔާގެ ގޯލަށް ވައްދާލި ތަޖުރިބާކާރު ކުޅުންތެރިއެކެވެ.

ޓޫކިލޯވެސް ވެލެންސިޔާއިން ވަކިވީ އެކުލަބުން އޭނާއަށް ލިބެންޖެހޭ 170،000ރ، އެއްބަސްވުމާ އެއްގޮތަށް ކުލަބުން ދީފައި ނުވާކަމަށް ބުނެ އެވެ.