22 Jun 2013, 16:05
ފޯސީޒަން ކުޑަހުރާ ރިސޯޓްގެ ފްރޮންޓް އޮފީހުގެ މަސައްކަތް ކުރަމުން ދިޔަ އަންހެން މުވައްޒަފަކު ޑައިވިންއަށް ގޮސް އެރި ވަގުތު ދޯންޏެއްގެ ބުރަފަތީގައި ޖެހިގެން މަރުވެއްޖެ އެވެ.
އެ ކަން ފުލުހުން ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ. ފުވައްމުލަކު ކައުންސިލްގެ މެމްބަރަކު ސަން އަށް މިއަދު ވިދާޅުވީ އެ ހާދިސާގައި މަރުވި އަންހެން ކުއްޖަކީ އެ ރަށު ފެހިގިރި، އައިޝަތު ސަފާ، 26، ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ އެ އަންހެން ކުއްޖާ ޑައިވިން އަށް ގޮސް މައްޗަށް އެރި ވަގުތު އެ ސަރަހައްދުގައި އޮތް ފޯސީޒަންގެ ޑައިވިން ދޯނީގެ ބުރަފަތީގައި ޖެހިގެންނެވެ. އަދި އެ ހާދިސާގައި އެ އަންހެން ކުއްޖާގެ މޫނު މަތިން ބައެއް ވަނީ ވަރަށް ބޮޑަށް ކަފައިގެން ގޮސްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަަލަކު މިއަދު ވިދާޅުވީ އެފަދަ ހާދިސާއެއް މިއަދު 3:20 އެހާކަންހާއިރު ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ އެކު ހިންމަފުށީގެ ފުލުހުންގެ ޓީމެއް އެ ސަރަހައްދަށް ގޮސް، އެ ހާދިސާގައި މަރުވި އަންހެން ކުއްޖާ މާލެ ގެނެސް، އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުންނާ ހަވާލާދީ އޮފިޝަލް ވިދާޅުވި އެވެ.
އެ ހާދިސާއާ ބެހޭ މައުލޫމާތު ފޯސީޒަން އިން ވަނީ ލިބޭ ގޮތް ނުވެފަ އެވެ.