މާލޭގައި ޓެކްސީކުރަން ލިމިޓެއް ނެތި ހުޅުވާލުމުން 18 ކާރަކަށް އަލަށް ހުއްދަ ހޯދަން އެދި ހުށަހަޅާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

ޗެއާމަން އަބްދު ރަޝީދު ނާފިޒު ވިދާޅުވީ އަލަށް ޓެކްސީ ކުރަން ހުއްދައަށް އެދި ހުށަހެޅުމަށް ހުޅުވާލީ މާލޭގައި ޓެކްސީ އެކަށީގެންވާ ވަރަށް ނުލިބޭ ކަމުގެ ޝަކުވާ ލިބެމުންދާތީ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ހުޅުވާލާފައި ވަނީ 31މެއިގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ކާރުތައް ޓެކްސީއަކަށް ބަދަލުކުރަން ބޭނުންވާ ނަމަ އެކަމަށް އެދި ހުށަހަޅަން. ޓެކްސީއަކަށް ބަދަލުކުރަން އަޅުގަނޑުމެން އެއްވެސް ފީއެއް ނުނަގަން،" އޭނާ ވިދާޅުވި އެވެ.

ނާފިޒު ވިދާޅުވީ ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުންގެ ޝަކުވާތާއެކު ޓެކްސީ ކުރުމުގެ ގަވައިދަށް ވެސް ބައެއް އިސްލާހުތައް ގެނެސް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެގޮތުން ކުރިން ގަވައިދުގައި އޮތް ދިހަ އަހަރުވީ ވެހިކަލްތަކަށް ހުއްދަ ނުދޭ ގޮތަށް އޮތް މާއްދާ މިހާރު 20 އަހަރަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މާލޭގައި ޓެކްސީގެ ހިދުމަތް ދޭ ސެންޓަރުތަކުން ފޯނު ނުނަގާ މައްސަލަ ބޮޑުވެ، އާއްމުންގެ ޝަކުވާތައް އަބަދުވެސް ލިބެމުން އަންނަ ކަމަށެވެ.

މާލޭގައި ޓެކްސީ ކުރާ ކާރުތަކުގެ ބޯޑުތައް ޓެކްސީކުރަން ބޭނުންވާ އެހެން ފަރާތްތަކަށް ބޮޑު އަގުގައި ވިއްކާ މައްސަލަ ފެންމަތިވެފައިވެ އެވެ. ނަމަވެސް އެކަމާ މެދު އެ އޮތޯރިޓީއަށް އެއްވެސް ފިޔަވަޅެއް އަޅާފައެއްނުވެ އެވެ.

އެ އޮތޯރިޓީން ބުނީ މާލޭގައި ޓެކްސީ ކުރުމުގެ ހުއްދަ 650 ކާރަކަށް ދީފައި އޮތް ނަމަވެސް އޭގެ ތެރެއިން ގަވައިދުން ހިދުމަތް ދެނީ 50-60 ދެމެދުގެ ޓެކްސީ ކަމަށެވެ.