ރައްޔިތުންގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފް ޕީޕީއެމް އިން ވަކިވެއްޖެކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކުރައްވައިފި އެވެ.

މަހުލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޕީޕީއެމް އިން އޭނާ ވަކިނުވާ ވާހަކަ މައުލޫމާތައްޓަކައި ދަންނަވާ ކަމަށެވެ.

"އަޅުގަނޑު ޕީޕީއެމް އިން ވަކިނުވާ ވާހަކަ ހުރިހާ ބޭފުޅުންގެ ސަމާލުކަމަށްޓަކައި ދަންނަވަން،" މަހުލޫފް މިއަދު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވެއެވެ.

މިކަމާ ބެހޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް މަހުލޫފް އަށް ގުޅާލުމުން އޭނާ ފޯނުނަންގަވާފައެއް ނުވެއެވެ.

ޕީޕީއެމްގެ ސްޕޯކްސް ޕާސަންގެ މަގާމުން އިސްތިއުފާދެއްވިކަން އޭނާ މީޑިއާތަކަށް އަންގާފައި ވަނީ އެސްއެމްއެސް މެދުވެރިކޮށެވެ. އޭރުވެސް މީޑިއާތަކުން ގުޅުމުން އޭނާ ފޯނެއް ނުނަންގަވައެވެ.

ޕީޕީއެމް އިން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެފައި ވަނީ މަހުލޫފް އެޕާޓީދޫކޮށް ނުދާނެ ކަމަށާއި އަބަދުވެސް މަހުލޫފް ހުންނަވާނީ ޕީޕީއެމްގައި ކަމަށެވެ.