ދިވެހިރާއްޖޭގައި ސިވިލް ރަޖިސްޓްރޭޝަން ޑޭޓާ ބޭސްއެއް ޤާއިމު ކުރައްވައި، ސިވިލް ރަޖިސްޓްރޭޝަނާ ބެހޭ އިދާރީ ހުރިހާ މަސައްކަތްކުރާ ސަރުކާރުގެ އިދާރާއަކީ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ކަމަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.


މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ބެހޭ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ތައްޔާރު ކުރެއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން ވާހަކަފުޅު ދެއްކެވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


މިހާރު ރަޖިސްޓްރޭޝަނާ ގުޅޭ އެކިއެކި މަސައްކަތްތައް ކުރަމުން ގެންދަނީ، ސަރުކާރުގެ އެކިއެކި އިދާރާތަކުންނެވެ. އެގޮތުން، ވިހާ މަރުވާގެ ރެކޯޑުތައް ބަލަހައްޓަނީ، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއިންނެވެ. މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީ އާއި، އުފަންދުވަހުގެ ސެޓްފިކެޓާ ބެހޭ ކަންތައްތައް ބަލަހައްޓަވަނީ، މާލޭ މުނިސިޕަލްޓީއިންނެވެ. އަދި ރަށްރަށުގެ ރަށްވެހިންގެ ރަޖިސްޓްރީ ބަލަހައްޓަވަނީ ރަށު އޮފީސްތަކުންނެވެ. މިގޮތަށް އެކި އިދާރާތަކުން އެކި މަޢްލޫމާތުތައް ބަލަހައްޓަމުން ގެންދާތީ، ބައެއް މަޢްލޫމާތުތައް ދިމާނުވާކަން މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވި އެވެ. އަދި މިގޮތަށް އެކިއޮފީސްތަކުން ހޯދާ މައުލޫމާތު ދިމާނުވުމުގެ ސަބަބުން، ބޮޑެތި މައްސަލަތައް ކުރިމަތިވާ ކަމުގައި ވެސް މެންބަރުން ވިދާޅުވި އެވެ.


މިކަމާ ބެހޭގޮތުން މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރަޖިސްޓްރޭޝަންގެ މަސައްކަތް، އެއް އޮފީހަކުން ކޮންޓްރޯލް ކުރައްވައިގެން ބަލަހައްޓަވައި އަދި އެއް އުސޫލަކުން އެމަސައްކަތްތައް ކުރުމުން، ކުރިމަތިވާ މައްސަލަތައް މަދުވެ، ތަކުރާރުވާ މަސައްކަތްތައް ވެސް މަދުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވި އެވެ.


މީގެއިތުރުން މަރްކަޒީ ރަޖިސްޓްރޭޝަން ސިސްޓަމެއް ޤާއިމު ކުރުމަކީ، ބޯހިމެނުންފަދަ ތަފާސް ހިސާބުތައް ނެގުމަށް ފަސޭހަވެގެންދާނެ ކަމެއްކަމާއި، އަދި ދައުލަތުގެ އެކި ބޭނުންތަކަށް ރައްޔިތުންގެ މައްލޫމާތު ނަގަން ބޭނުންވެއްޖެ ހިނދެއްގައި، އެއް އޮފީހަކުން މަޢްލޫމާތު ލިބެން ހުންނާނެތީ، އެއީވެސް ވަރަށްބޮޑު ފަސޭހަތަކެއް ލިބި، މައުލޫމާތުތައް ކަށަވަރު ކުރެވޭނެ ކަމެއް ކަމުގައިވެސް މެންބަރުން ވިދާޅުވި އެވެ.


ސިވިލް ރަޖިސްޓްރޭޝަން ޑޭޓާ ބޭސްއެއް ޤާއިމު ކުރައްވައި، ސިވިލް ރަޖިސްޓްރޭޝަނާ ބެހޭ އިދާރީ ހުރިހާ މަސައްކަތެއްކުރާ ސަރުކާރުގެ އިދާރާއަކީ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ކަމަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު މި ނިންމެވީ، މަޖިލީހުގައި މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެ ކަންތައްތަކުގެ މައްޗަށް ރިޢާޔަތް ކުރެއްވުމަށްފަހުގައި އެވެ.