ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ސެމީފައިނަލުން ޖާގަ ކަށަވަރުކޮށްފައިވާ، ބްރެޒިލްއާއި އިޓަލީ، އެ މުބާރާތުގައި ދެޓީމް ހިމެނޭ ގްރޫޕް "އޭ"ގެ އެއްވަނަ ހޯދުމަށްޓަކައި ގަދަ ހިފުމަކަށް މިރޭ ނުކުންނާނެ އެވެ.

ސެމީފައިނަލު ކަށަވަރުވެފައިވާ ބްރެޒިލަށްވެސް އަދި އިޓަލީއަށްވެސް މިރޭގެ މެޗު މުހިއްމުވާ އެންމެ ބޮޑު ސަބަބަކީ، ގްރޫޕް "ބީ"ގެ އެއްވަނަ ސްޕެއިން ހޯދާނޭކަން ޔަގީނާ ގާތްވެފައިވާއިރު، ސެމީ ފައިނަލުގައި ގްރޫޕް "އޭ"ގެ ދެވަނައަށްދާ ޓީމު ވާދަކުރަން ޖެހޭނީ "ބީ"ގެ އެއްވަނަ ޓީމާ ކަމަށްވާތީ އެވެ.

މި ދެޓީމު އެންމެ ފަހުން ބައްދަލުވެފައިވަނީ މިދިޔަ މާޗުމަހު 21ގައި ޖެނީވާގައި ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގަ އެވެ. އެމެޗު ނިމުނީ 2-2 ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ.

މިރޭގެ މެޗުން ބްރެޒިލް މޮޅުވިޔަސް އަދި އެއްވަރުވިޔަސް ގްރޫޕްގެ އެއްވަނަ ލިބޭނީ ބްރެޒިލް އަށެވެ. އެހެން ކަމުން ގްރޫޕްގެ އެއްވަނމަ ހޯދުމަށްޓަކައި އިޓަލީއަށް އެ މެޗުން މޮޅުވުން ނޫންގޮތެއް ނޯންނާނެ އެވެ. އެންމެ ފަހުގެ ކޮންފެޑެރޭޝަންސް ކަޕްގައި އެ ދެ ޓީމު ގްރޫޕްސްޓޭޖްގައި ވާދަކުރި މެޗުން ބަލިވުމުގެ ސަބަބުން އިޓަލީ ޖެހުނީ ގަދަ ހަތަރަކުން ޖާގަ ނުލިބި އެނބުރި ގައުމަށް ދާށެވެ.

ދުނިޔޭގެ ޗެމްޕިއަންކަން ފަސްފަހަރަށް ހޯދާފައިވާ ބްރެޒިލްއާއި ހަތަރުފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އިޓަލީ، މިރޭގެ މެޗަށް ނުކުންނައިރު، ދެ ޓީމަށްވެސް ވަނީ މައްސަކަތަކާ ކުރިމަތިވެފަ އެވެ. އެގޮތުން ބްރެޒިލްގެ މިޑްފީލްޑަރު ޕައުލީނިއޯގެ ފަޔަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން އޭނާއަށް މެޗަށް ނޭރޭނޭކަން ޔަގީންވެފައިވާއިރު ސެންތްރަލް ޑިފެންޑަރު ޑޭވިޑް ލުއިޒްއަށްވެސް ވަނީ މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭފަތަށް އަނިޔާ ވެފައެވެ.

އަނިޔާގެ ސަބަބުން އިޓަލީގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭ ޕިރްލޯއަށް މެޗުގައި ނުކުޅެވޭއިރު ސަސްޕެންޝަންގެ ސަބަބުން ޑެނިއެލް ޑި ރޮސީއަށްވެސް މެޗުގައި ނުކުޅެވޭނެ އެވެ. އެހެން ކަމުން ލަފާކުރެވޭ ގޮތުގައި ކޯޗު ސެސާ ޕްރެންޑަލީ، އޭނާގެ ޓީމަށް ބޮޑެތި ބަދަކުތަކެއް ގެންނާނޭ ކަމަށް ލަފާކުރެވެ އެވެ.

މިރޭގެ މެޗަށް ބްރެޒިލްގެ ޓީމުން ނެރެން އިސްކަންދޭނީ ކުރީގެ ދެ މެޗަށްވެސް ފުރަތަމަ ނެރުނު ކުޅުންތެރިން ކަމަށް ކޯޗު ފެލިޕޭ ސްކޮލާރީ ބުނެފައިވާއިރު ޓެކްނިކަލް ޑައިރެކްޓާ ކާލޯސް އަލްބާޓީ ޕެރެއިރާ ބުނެފައިވަނީ، ބްރެޒިލްގެ ޓީމަކީ ހަމައެކަނި ނޭމާގެ ކުޅުމަށް ބުރަވެގެން ކުޅޭ ޓީމެއް ނޫންކަމަށާއި، އެ ޓީމުގެ ހުރިހާ ކުޅުންތެރިންނަކީވެސް ވަރަށް މުހިއްމު ކުޅުންތެރިން ކަމަށެވެ.

ބްރެޒިލްއާއި އިޓަލީ 15 ފަހަރު ބައްދަލުވެފައިވާއިރު އޭގެތެރެއިން ހަތް މެޗު ކާމިޔާބު ކޮށްފައިވަނީ ބްރެޒިލް އެވެ. އަދި އިޓަލީއަށް ބްރެޒިލްގެ މައްޗަށް ކުރިހޯދިފައިވަނީ ފަސް ފަހަރު އެވެ. ބްރެޒިލްގެ ކާމިޔާބުގެ ތެރޭގައި ވޯލްޑް ކަޕް ފައިނަލްގައި މި ދެޓީމު ވާދަ ކުރި ދެފަހަރުވެސް ހިމެނެ އެވެ.

އެންމެ ފަހުން އިޓަލީއާ ދެކޮޅަށް ބްރެޒިލް ކުޅުނު ހަ މެޗުންވެސް ބަލިނުވެ އޮތުމުގެ ރެކޯޑެއް ބްރެޒިލްއިން ހިފަހައްޓަމުން އަންނައިރު އިޓަލީއަށް އެންމެފަހުން ބްރެޒިލް ބަލިކުރެވިފައިވަނީ، 1982ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޕައުލޯ ރޮސީ ހެޓްރިކެއް ހެދި މެޗުގަ އެވެ.

ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ގްރޫޕް "އޭ"ގައި ވާދަކުރާ، ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ދެޓީމުގެ ކުރިމަތިލުން ފަށާނީ މިރޭ ރާއްޖޭ ގަޑިން 00:00ގަ އެވެ.