22 Jun 2013, 13:55
ސާނަވީ މަރުހަލާ ނިންމައި އެސްއެސްސީ އިމްތިިހާނަށް ތައްޔާރުވަމުން ގެންދާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން "އަޅުގަނޑުގެ ދޭހަ ފޮތް" މިނަމުގައި ފޮތެއް ނެރެފި އެވެ.
ތައުލީމީ ދާއިރާގައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމުގައިވާ ހަސަން ޒަހީން ލިޔުއްވާފައިވާ މިފޮތުގައި ހިމަނާފައިވާ ދޭހަތަކަކީ ކިޔަވާ ކުދިންނާ ގުޅޭގޮތަށް ލިޔެފައިވާ އަދި އެސްއެސްސީ އިމްތިހާނުގެ މުގައްރަރާ އެއްގޮތްވާ ގޮތުގެ މަތިން ތައްޔާރުކޮށްފައިވާ ދޭހަތަކެކެވެ. މިފޮތުގައި ދޭހަ ހެދުުގައި ސަމާލުކަން ދޭން ޖެހޭ މުހިންމު'"ޓިޕްސް"ތައް ބުނެދީފައިވެ އެވެ.
މިއީ އެސްއެސްސީ އިމްތިހާނަށް ތައްޔާރުވުމުގައި ދަރިވަރުންނަށް އެހީތެެރިވެދިނުމުގެ ގޮތުން މަސައްކަތްތަކާއި ޖަވާބުތަކާ ވެސް އެކު ތައްޔާރުކޮށްފައިވާ ފޮތެކެވެ. އަދި ދަރިވަރުން ދޭހަ ހެދުމުގައި ސަމާލުކަންދޭން ޖެހޭ މުހިންމު ކަންތައްތަކެއްގެ މައްޗަށް ވެސް އެ ފޮތުގައި އަލިއަޅުވާލައިފަ އެވެ.
ޒަހީން ވިދާޅުވީ މިފަދަ ފޮތެއް ތައްޔާރު ކުރުމުގެ ބޭނުމަކީ ކިޔަވާ ކުދިންނަށް ދޭހަ ހެދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ކުދިންގެ އަހުލާގަށް އެދެވޭ އަސަރުތަކެއް ފޯރާފަދަ ލިޔުންތަކެއް ކިޔާލުމުގެ ފުރުސަތު ދިނުން ކަމަށެވެ.
"މިފަދަ ފޮތެއް ނެރުނީ ދޭހަ ހެދުމުގައި ކިޔަވާކުދިންނަށް އަޅުގަނޑުގެ ފަރާތުން އެހީތެރިކަމެއް ފޯރުކޮށްދިނުމަށް،" ޒަހީން ވިދާޅުވި އެވެ.
މިފޮތް ތައްޔާރުކުރުމުގައި ދިވެހި ބަހުގެ ޑިގްރީއެއް ހާސިލްކުރައްވާފައިވާ ދެ ބޭފުޅުން ކަމުގައިވާ ނުއުމާ އަބްދުރަހީމާއި މުހައްމަދު މުސްތަފާގެ އެހީތެރިކަން ލިބިފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.