ބްރެޒިލްގައި އިޓަލީގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ތިބޭ ހޮޓަލުން ބޭރަށް ނުކުމެވޭނީ ހަމައެކަނީ މާރިއޯ ބަލޮޓެލީ ކަމަށާއި އެއީ ބަލޮޓެލީ "ކަޅު" މީހަކަށް ވުމުން ކަމަށް ބުނީ މަޖަލަކަށް ކަމަށްބުނެ އިޓަލީގެ ކޯޗު ސެސާ ޕްރަންޑެލީ، އެކަމަށް މާފަށް އެދިއްޖެ އެވެ.

ކޮންފެޑެރޭޝަންސް ކަޕާ ދިމާކޮށް ބްރެޒިލްގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާތައް ނުރައްކާތެރި ދަރަޖައަކަށް ފުޅާވެފައި ވުމުގެ ސަބަބުން ސެކިއުރިޓީ އެޑްވައިޒަރުން، ޓީމްތަކުގެ އެއްވެސް މެންބަރެއް ހޮޓަލުން ބޭރަށް ނުނިކުތުމަށް އަންގާފައިވާތީ، ޕްރަންޑެލީ ބުނެފައިވަނީ އެތަނުން ހަމައެކަނި ބޭރަށް ނުކުމެވޭނެ ކުޅުންތެރިއަކީ ބަލޮޓެލީ ކަމަށާއި ސަބަބަކީ ޓީމުގައި ހިމެނޭ ހަމައެކަނި "ކަޅު ކުޅުންތެރިއަކީ" ބަލޮޓެލީ ކަމަށް ވީމައެވެ.

"އަހަރެމެންގެ ތެރޭގައި ހުރި ހަމައެކަނި ކުލަ ތަފާތު ކުޅުންތެރިއަކީ އޭނާ [ބަލޮޓެލީ]. އެހެންވީމާ އޭނާއަށް ބޭރަށް ނުކުތުމުގެ ހުއްދަ އޮންނާނެ،" ޕްރަންޑެލީ ބުންޏެވެ.

އިޓަލީ ސްކޮޑްގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ބޭރަށް ނުކުމެ އުޅެން ހުއްދަ ލިބުނު ހަމައެކަނި ކުޅުންތެރިއަކަށް މެންޗެސްޓާ ސިޓީގެ ކުރީގެ ފޯވަޑް މާރިއޯ ބަލޮޓެލީ ވެފައިވަނީ، ސަލްވާޑޯގެ ފަގީރު ސަރަހައްދު ތަކަށް އެހީތެރިވުމުގެ ގޮތުން ހިންގި ޗެރިޓީ މަސައްކަތްތަކެއްގައި ކުރިން އޭނާ ބައިވެރިވެފައި ވާތީވެ އެވެ.

"އަހަރެން އެހެން ބުނީ ޖޯކަކަށް. އަދި އެކަމަށް މާފަށް އެދެން" ޕްރެންޑަލީ ފަހުން ބުންޏެވެ. "ކުރިން އަހަރެން މަޖަލަކަށް ހަދާފައި އޭނާގެ ކުލައާ ބެހޭގޮތުން އެއްޗެކޭ ބުނިން. އަހަރެން އުފާކުރަން ބަލޮޓެލީއަށް ބޭރަށް ނުކުތުމުގެ ހުއްދަ އޮތީ ކިއްވެގެންކަން މިހާރު އެންމެނަށްވެސް އެނގުމުން"

"އޭނާގެ ވަށައިގެން މިއެންމެން އުޅުނުއިރު އޭނާ ވަނީ، ފަގީރުންނަށް އެހީތެރިވުމަށް ވަރަށް ރަނގަޅު ޗެރިޓީ މަސައްކަތްތަކެއް ކޮށްފައި،" ބަލޮޓެލީއާ ބެހޭގޮތުން އިޓަލީގެ ކޯޗު ބުންޏެވެ.

ބްރެޒިލްގެ މުޒާހަރާތަކާ ގުޅިގެން އިޓަލީ ޓީމު، ކޮންފެޑެރޭޝަންސް ކަޕް ނުކުޅެ އެނބުރި ދާން ނިންމާފައިވާކަމަށް ދެކެވޭ ވާހަކަތައްވެސް ޕްރެންޑަލީ ވަނީ ދޮގުކޮށްފަ އެވެ.

"އެނބުރި ގައުމަށް ދިއުމަކީ އަހަރެމެން އެއްވެސް ވަރަކަށް ވިސްނާފައިވާ ކަމެއް ނޫން،" ބްރެޒިލާ ދެކޮޅަށް އިޓަލީ ކުޅެން ހަމަޖެހިފައިވާ މެޗުގެ ކުރިން މީޑިޔާއާ ވާހަކަ ދައްކަމުން ޕްރެންޑަލީ ބުންޏެވެ. "އަހަރެމެން ކުރިން ބްރެޒިލްގައި އުޅުނު އިރާއި މިހާރާ ވަރަށް ތަފާތު. މިހާރު އަހަރެމެންނަށް މަނާކޮށްފައި މިއޮންނަނީ ބޭރަށް ނުކުމެއުޅުން،"

ޕްރެންޑަލީ ބުނީ، މަޑުމައިތިރިކަމާއެކު ގައުމުގެ ތަރައްގީއަށް އަޑުއުފުލުމަކީ ރަނގަޅު ކަމެއް ކަމަށާއި އެހެން ނަމަވެސް މުޒާހަރާތައް ހަމަނުޖެހުމަށް ބަދަލުވެ ނުރައްކާތެރި ހިސާބައް ދިޔައިމައި އެކަމާ އެންމެވެސް ކަންބޮޑުވާނޭ ކަމަށެވެ.