މާދަމާ ފެށުމަށް ހަމަޖެހިފައިވާ އިންޓަ އޮފީސް ތިން ވަނަ ކެރަމް މުބާރާތުގެ ގުރުއަތުލުން ބާއްވައިފި އެވެ. މުބާރާތުގެ ގުރުލުން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ކެރަމް ހޯލްގައެވެ.

މިމުބާރާތުގައި ޖުމްލަ 139 ކުޅުންތެރިއަކާއި 19 ޓީމެއް 14 އޮފީހަކުން ވަނީ ބައިވެރިވެފަ އެވެ.

މުބާރާތުގައި ބައިވެރިވެފައިވާ އޮފީސްތަކަކީ އެމް.ބީ.ސީ، މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް، ވަތަނިއްޔާ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ނެޝަނަލް ސެންޓަ ފޯ އިންފޮރމޭޝަން ޓެކްނޮލޮޖީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓެރެޜަރީ، އެސްޓީއޯ، އެމްއެންޑީއެފް، އައިޖީއެމްއެޗް، ބެންކް އޮފް މޯލްޑިވްސް އަދި ކީމަން ކޮންސްޓްރަކްޝަން އެވެ.

މާދަމައިން ފެށިގެން އަންނަ މަހުގެ އެއް ވަނަދު ވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އޯޕަން ސިންގަލްސް އިވެންޓުގެ މެޗުތަކުންނެވެ. އެއަށްފަހު ފިރިހެން އަދި އަންހެން ސިންގަލްސް އިވެންޓުގެ މެޗުތައް 26 ޖޫން ގައި ފެށުމަށް ވަނީ ޝެޑިއުލް ކުރެވިފައެވެ. ފިރިހެން ޑަބަލްސް އަދި އަންހެން ޑަބަލްސް އިވެންޓުގެ މެޗުތަށް 28 ޖޫން ގައި ފަށާއިރު އެންމެ ފޯރިގަދަ އިވެންޓު ކަމުގައިވާ ޓީމް އިވެންޓުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 29 ޖޫން ގައެވެ.

މިމުބާރާތުގެ އޯޕަން ސިންގަލްސް އާއި ފިރިހެން ޑަބަލްސް އަދި އަންހެން ޑަބަލްސް އިވެންޓުގެ ފައިނަލް މެޗުތަށް ކުޅުމަށް ހަމަޖެހިފައިވަނީ 30 ޖޫން ގައެވެ.

ފިރިހެން ސިންގަލްސް އަދި އަންހެން ސިންގަލްސް އިވެންޓުގެ ފައިނަލް މެޗުތަށް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ.

ހުސްވި އަހަރު ބޭއްވި ދެ ވަނަ އިންޓަ އޮފީސް ކެރަމް މުބާރާތުގައި ބައިވެރިވެފައި ވަނީ ޖުމްލަ 15 އޮފީހަކުންނެވެ. އެގޮތުން އެމުބާރާތުގެ ފިރިހެން ޗެމްޕިއަންކަން އެމްއެންޑީއެފްއިން ހޯދި އިރު، އަންހެން ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އެވެ.