އިންޑިއާ ކަނޑުގައި ދުއްވަމުންދަނިކޮށް މެދުން ދެބުރި ވި އާގުބޯޓުގެ ދެ ބުރި އަދިވެސް އޮޔާދަމުންދާ ކަމަށް އެބޯޓު އޮޕަރޭޓްކުރާ ކުންފުނިން ބުނެފި އެވެ.

ޖަޕާނުގެ މިސުއި އޯއެސްކޭ ލައިންސް (އެމްއޯއެލް)ގެ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކުންފުނީގެ ބޯޓު އެމްއޯއެލް ކޮމްފޮޓް މިމަހުގެ 19 ވަނަ ދުވަހު ދެބުރި ވެގެން ދިއުމަށް ފަހު ދެބުރިވެސް އޮޔާ ދަމުންދާ ކަމަށެވެ.

އެމްއޯއެލް އިން ބުނީ ބޯޓު ބުރިވެގެން ގޮސްފައި ވަނީ ކުރީ ކޮޅާއި ފަހަތުކޮޅު ދެބައިވާ ގޮތަށް ކަމަށެވެ. އަދި އެ ދެބައި ވެސް އޮޔާދަމުންދާ އިރު، އެ ދެބައިގެ ދެމެދުގައި 19 މޭލުގެ ދުރުމިނެއް އެބަހުރި ކަމަށް އެމްއޯއެލް އިން ބުނެ އެވެ.

ބޯޓު އޮޔާ ދަމަމުން ދަނީ އަދި އިރު އުތުރަށްވާ މިސްރާބަކަށް ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.
ސިންގަޕޫރުން ފުރައިގެން ސައުދީ އަރަބިއްޔާ އަށް ދިއުމަށް ދަތުރުކުރަމުންދިޔަ އެމްއޯއެލް ކޮންފޮޓް މެދުން ބިންދައިގެން ގޮސްފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު އިންޑިއާ ކަނޑުގައި ދުއްވަމުންދަނިކޮށް މޫސުން ގޯސްވެ ހިނގާދިޔަ ހާދިސާއެއްގައި ބޯޓުގެ މެދުގައި ރެނދުތަކެއް ލުމަށް ފަހުގައި މިމަހުގެ 19 ވަނަ ދުވަހު އެވެ.

ބޯޓު މެދުން ބިންދައިގެން ދިޔައިރު ބޯޓުގައި 4،000 އަށް ވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ހުރި ކަމަށް މައުލޫމާތު ލިބެ އެވެ.

އެމްއޯއެލްއިން ބުނީ މީގެ ތެރެއިން ގިނަ އަދަދެއްގެ ކޮންޓެއިނަރުތައް ކަނޑަށް ގެއްލިފައިވީ ނަމަވެސް، އޮޔާ ދަމުންދާ ބޯތުގެ ފަހަތުކޮޅުގައި ހުރި ބައެއް ކޮންޓެއިނަރުތައް ސަލާމަތުން ހުރި ކަމަށާއި އެކޮންޓެއިނަރުތައް ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ޓަގް ބޯޓުގެ އެހީގައި އޮޔާ ދަމުންދާ ދެބައި ސަލާމަތްކުރަން މަސައްކަތް ކުރަމުންދާ އިރު، މިކަމަށް ބޭނުންވާ ދެޓަގު ބޯޓު ދެ ދުވަހެއްގެ ތެރޭގައި އޮޔާދަމުންދާ ބޯޓު އޮތް ސަރަހައްދަށް ކައިރިކުރާނެ ކަމަށް މައުލޫމާތު ލިބެ އެވެ.