ސިޔާސީ ހަރަކާތް ހިންގަން މާލޭ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދޫކޮށްފައިވާ އުސްފަސްގަނޑު ސަރަހައްދުގައި އެއްވެސް ފަރާތެއްގެ މުދަލެއް ވާނަމަ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އެ މުދަލެއް ގެންދިޔުމަށް އަންގައި ސަރުކާރުގެ ގެޒެޓުގައި ހައުސިން މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

ސަރުކާރުގެ ރަސްމީ ގެޒެޓުގައި ހައުސިން މިނިސްޓްރީން އެ އިއުލާން ޝާއިއުކޮށްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

އެ އިއުލާންގައި ބުނެފައި ވަނީ އުސްފަސްގަނޑު ސަރަހައްދަކީ އާންމުކޮށް ހުރިހާ ފަރާތަކަށްވެސް ވަދެވޭގޮތަށް ހުސްތަނެއްގެ ގޮތުގައި ބޭއްވުމަށް ޕްލޭން ކުރެވިފައިވާ ސަރަހައްދަކަށްވާތީ އެތަން އެގޮތުގައި ބޭއްވުމަށް މަގުފަހިކުރުމަށްޓަކައި އެ ސަރަހައްދުގައި އެއްވެސް ފަރާތެއްގެ މުދަލެއްވާނަމަ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އެ މުދަލެއް ގެންދައި، އެތަން ހުސްކުރުމަށް އާއްމުކޮށް އަންގައި އިއުލާން ކުރާ ކަމަށެވެ.

އުސްފަސްގަނޑު މާލޭ ސިޓީކައުންސިލާ ހަވާލުކޮށްފައިވާ ހަވާލުކުރުން ނިމުމަކަށް ގެނެސް މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެތަން ހުސްކޮށް ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށާއި، އެ މުއްދަތުގެ ތެރޭގައި އެތަން ހުސްކޮށް މިނިސްޓްރީއާ ހަވާލުނުކޮށްފިނަމަ އެތަނުގައި ހުރި ހުރިހާ ތަކެއްޗާއެކު އެތަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދެވޭނެ ކަމާއި، އޭގެ ފަހުން އެތަނުގައި ހުންނަ ތަކެއްޗަށް މިނިސްޓްރީން ޒިންމާނުވާނެ ކަން ސިޓީ ކައުންސިލަށް އެންގުމުންވެސް މިހާތަނަށް އެތަން ހަވާލުކޮށްފައި ނުވާކަން ހިތާމައާއެކު ފާހަގަ ކުރާ ކަމަށް ވެސް އެ އިއުލާންގައި ވަނީ ބުނެފަ އެވެ.