22 Jun 2013, 12:13
އިޓަލީގެ ނަޕޯލީއަށް ކުޅޭ އުރުގުއާއީ ފޯވަޑް އެޑިންސަން ކަވާނީ، ޓީމު ދޫކޮށް ނުދިއުމަށް ކޯޗް ރަފޭލް ބެނީޓޭޒް އެދިއްޖެ އެވެ.
ކަވާނީ ހޯދުމަށް 49.3 މިލިޔަން ޕައުންޑުގެ ފީއެއް ޕްރިމިއާ ލީގުގެ ޗެލްސީއިން ދާދިފަހުން ހުށަހެޅި ކަމަށް މީޑިއާރިޕޯޓްތައް ބުނެއެވެ.
ކަވާނީ ނަޕޯލީގައި މަޑުކުރުމަށް އެދި މީޑިއާގައި ވާހަކަ ދައްކަމުން އެޓީމުގެ ކޯޗް ރަފޭލް ބެނިޓޭޒް ބުނީ، ކަވާނީ އަކީ އެޓީމަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އޭނާއާއި އެކު ގިނަ ކާމިޔާބީތައް ހޯދޭނެ ކަމާމެދު އުންމީދު ކުރާކަމަށެވެ. އަދި ކުރިއަށް އޮތް ސީޒަނުގައި ކަވާނީ ޓީމުގައި ހުންނާނެ ކަމާމެދު އުންމީދު ކުރާކަމަށް ވެސް ބެނިޓޭޒް ބުންޏެވެ.
"ކަވާނީ ކުލަބްގައި މަޑުކުރާނެކަމަށް އުއްމީދުކުރަން. ކަވާނީ އަކީ ޓީމަށް މުހިންމު ކުޅުންތެރިއެއް. ކަވާނީ އާއެކު ޓީމަށް ކާމިޔާބީތައް ހޯދިދާނެ" ބެނިޓޭޒް ބުންޏެވެ.
ޗެލްސީގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އެނބުރި އެ ކުލަބާ ހަވާލުވުމަށްފަހު ކުރިއަށް އޮތް ސީޒަނަށް ކުލަބު ވަރުގަދަ ކުރުމުގެ ގޮތުން ގެންނަން ބޭނުންވި ލިސްޓުގެ އެންމެ ކުރީގައި ކަވާނީ ހިމަނާފައިވާ ކަމަށް ވެއެވެ. އެގޮތުން ކަވާނީ ހޯދުމަށް ފުރަތަމަ ޗެލްސީއިން ހުށަހެޅީ އެކުލަބަށް 2011 ވަނަ އަހަރުގެ ޖެނުއަރީ ޓްރާންސްފާގައި ލިވަޕޫލްއިން 50 މިލިޔަން ޕައުންޑުގެ ފީއެއްދީފައި ގެނައި ސްޓާ ފޯވަޑް ފެނާންޑޯ ޓޮރޭޒް އާއި 25.5 މިލިޔަން ޕައުންޑެވެ. އެހެން ނަމަވެސް ނަޕޯލީ އިން ބޭނުންވަނީ ޕާޓް-ޕޭމަންޓުގެ ބަދަލުގައި ހުރިހާ ފައިސާއެއް އެއްފަހާރާ "ކޭޝް"ކޮށް ހޯދުމަށެވެ.
ނަޕޯލީއާ އެކު ކަވާނީ ހަދާފައިވާ އެއްބަސް ވުމުގެ "ރިލީޒް ކްލޯސް"ގައި އޭނާ ދޫކޮށްލާނޭ އަގަކަށް ހަމަޖައްސާފައިވަނީ 53.6 މިލިޔަން ޕައުންޑެވެ. އެހެން ކަމުން ނަޕޯލީ އިން ބޭނުންވާ ހިނދެއްގައި ކަވާނީއަށް އެކުލަބު ދޫކޮށް އެހެން ކުލަބަކަށް ދެވޭނީ އެވަރުގެ އަގެއް ހުށަހަޅާ ކުލަބަކަށެވެ.
ނަޕޯލީގެ ޕްރެޒިޑެންޓް، އައުރެލިއޯ ޑި ލައުރެންޓިސް ކުރިން ވިދާޅުވެފައިވަނީ، އެކުލަބުގެ އެންމެ ރަނގަޅު ކުޅުންތެރިޔާ ވިއްކާލުމުގެ ހިޔާލެއް ނުގެންގުޅޭ ކަމަށެވެ. އެހެންނަމަވެސް ފަހުން ވިދާޅުވެފައިވަނީ، ކުލަބުން ބޭނުންވާ ވަރުގެ އަގެއް ހުށަހަޅައިފި ނަމަ ކަވާނީ ދޫކޮށްލުމަށްފަހު އެފައިސާ އަލުން އެހެން ކުޅުންތެރިއެއް ހޯދުމަށް ރި-އިންވެސްޓް ކުރާނީ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން މޮރީނިއޯވަނީ، 26 އަހަރުގެ ކަވާނީ ޗެލްސީއަށް ގެނައުމައްޓަކައި އޭނާއާ ފޯނުން ގުޅައިގެން އެކަމާބެހޭ މަޝްވަރާތައްވެސް ކޮށްފަ އެވެ.
އެލް މެޓަޑޯގެ ނަމުން މަޝްހޫރުވެފައިވާ ކަވާނީ ވަނީ، ނަޕޯލީއަށް އޭނާ ކުޅުނު ތިން ސީޒަންގައި ޖުމުލަ 104 ލަނޑު އެކުލަބަށް ކާމިޔާބު ކޮށްދީފަ އެވެ. އެއީ އެކުލަބުގެ ކުރީގެ ތަރި އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާ އެކުލަބުގައި ހޭދަކުރި ހަތް އަހަރު ދުވަހުގެ ތެރޭގައި ކާމިޔާބު ކޮށްދިން ލަނޑުގެ އަދަދަށްވުރެ އެންމެ 11 ލަނޑު މަދު އަދަދެކެވެ.