22 Jun 2013, 11:59
އިންޑިއާގެ ޕޫނާގައި އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ، 20 ވަނަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބައިވެރިވާން ނިންމައިފި އެވެ.
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމްގައި ހިމެނެނީ ހަތަރު ފިރިހެން އެތުލިޓުންނާއި، އަންހެން އެތުލީޓެކެވެ.
މުބާރާތުގައި ވާދަކުރާ އެތުލީޓުންނަކީ ޝިފާޒް މުހައްމަދާއި އަހުމަދު ހަސަނާއި ހަސަން ސާއިދުއާއި އަޒްނީމް އަހުމަދު އަދި އަފާ އިސްމާއީލް އެވެ.
ޓީމްގެ ކޯޗުންނަކީ ސްޕްރިންޓް ކޯޗް އަހުމަދު ފާއިލް އަދި މިޑްލް ކޯޗް އަބްދުﷲ އިބްރާހީމް އެވެ. ޓީމްގެ މެނޭޖަރަކީ މުހައްމަދު ޝުޖާއުއެވެ.
މުބާރާތުގައި ޝިފާޒް އާއި އަހްމަދު ހަސަން ވާދަކުރާނީ 800 މީޓަރު އަދި 1500 މީޓަރު ދުވުމުގަ އެވެ. އަޒްނީމް ވާދަކުރާނީ 100 މީޓަރު އަދި 200 މީޓަރު ދުވުމުގަ އެވެ. ސާއިދު 200 މީޓަރު އަދި 400 މީޓަރު ދުވުމުގައި ވާދަކުރާން ހަމަޖެހިފައި ވާއިރު އަފާ ވާދަކުރާނީ 100 މީޓަރު އަދި 200 މީޓަރު ދުވުމުގަ އެވެ. މީގެ އިތުރުން 400 މީޓަރު ރިލޭގައިވެސް ރާއްޖެއިން ވާދަކުރާނެ އެވެ.
މުބާރާތުގެ ކުރިން ޕޫނާގައި އެއް ހަފްތާ ޓްރެއިނިން ހެދުމަށް ވެސް ވަނީ ނިންމާފަ އެވެ.
މުބާރާތުގައި ވާދަކުރާ ޓީމް މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ. އަދި މުބާރާތަށް ފަހު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހު އެވެ.