ބަންޑާރަ ނާއިބް އާއިޝަތު ބިސާމް އާއި ޖެންޑާ، ފެމެލީ އެންޑް ހިއުމަންރައިޓްސް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރު އަދި ޓްރާސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމަށް މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ މި މަހުގެ 26 ވަނަ ދުވަހަށް އެޖެންޑާކޮށްފި އެވެ.

ތިން ވަޒީރަކަށް ރުހުން ދިނުމާއި ގުޅޭ ގޮތެއް ކަނޑައަޅައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މަޖީލަށް ފޮނުވާފައިވާ މައްސަލައިގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީން ނިންމާފައިވާގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަން މެންބަރުންނަށް މަޖިލީހުގެ އިދާރާއިން މިހާރު ވަނީ އަންގާފަ އެވެ.

ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން ނިންމާފައިވަނީ ބަންޑާރަ ނާއިބް އާއިޝަތު ބިސާމް އާއި ޖެންޑާ، ފެމެލީ އެންޑް ހިއުމަންރައިޓްސް މިނިސްޓަރު އާއިޝަތު އާޒިމާ ޝުކޫރަށް މަޖިލީހުން ރުހުން ނުދިނުމަށެވެ. ނަމަވެސް ޓްރާސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމަށް ރުހުން ދިނުމަށް ކޮމެޓީން ވަނީ ނިންމާފަ އެވެ.

ދެ ވަޒީރުންނާއި ބަންޑާރަ ނައިބަށް ރުހުން ދިނުމާމެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމާނީ، މަޖިލީހުގެ ތަޅުމަށް ކޮމެޓީގެ ރިޕޯޓް ހުށަހަޅައި ވޯޓަށް އަހައިގެންނެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގައި އާޒިމާއާއި ބިސާމްއަށް ރުހުން ނުދިނުމަށް ފާސްކުރީ ކޮމެޓީއަށް ހާޒިރުވި ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އާޒިމާ އާއި ބިސާމް އަށް ރުހުން ނުދޭން ވޯޓު ދިނީ އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒް އާއި ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު އަބްދުލްޣަފޫރު މުސާގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ އާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެވެ.

އެ ދެ ބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓުދީފައި ވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ޝަރީފުގެ އިތުރުން ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އަމީން އަށް ރުހުން ދޭން ފެންނަ ކަމަށް ހަތަރު މެންބަރަކު ވޯޓު ދެއްވިއިރު، އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް ތިން މެންބަރަކު ވޯޓު ދެއްވި އެވެ. އަމީނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ޝަރީފު އާއި ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމްގެ އިތުރުން ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާނު ހަސަން މަނިކެވެ.

އަމީން އަށް ރުހުން ދޭން ނުފެންނަ ކަމަށް ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒް އާއި ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު އަބްދުލްޣަފޫރު މުސާގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ވޯޓުދެއްވިއިރު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަކި ކޮޅަކަށް ވޯޓު ދެއްވާފައެއް ނުވެ އެވެ.