22 Jun 2013, 11:11
ދައުލަތުގެ އިމާރާތްތަކާއި އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުގެ އިތުރުން އާއްމުންގެ ގޭގޭގެ ފާރުތަކުގައި ގަވާއިދާއި ހިލާފަށް ހުއްދަ ނެތި ކުލަ ލުމުގެ މަސައްކަތް ކުރާ ނަމަ އެ ބަޔަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މާލޭގެ ބައެއް ސަރަހައްދުތަކުގައި ސިޔާސީ ޕާޓީތަކުގެ ސަޕޯޓަރުން އެ ޕާޓީތަކަށް ނިސްބަތްވާ ކުލަ ލުމުގެ މަސައްކަތް ކުރަމުން ގެންދިއުމާ ގުޅިގެން އެކަންތައްތައް ހުއްޓުވުމަށް ހޯމް މިނިސްޓްރީން މިދިޔަ ހަފްތާގައި ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. އަދި އެފަދަ ކަންތައްތައް ކުރާ ބަޔަކު ހުއްޓުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސިޔާސީ ޕާޓީއެއްގެ ކުލައެއް އެގޮތަށް ގަވާއިދާއި ހިލާފަށް ލާ ކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ ފިޔަވަޅު އަޅާނަން. އެކަންތައް ކުރާ ބަޔަކު އެ ސަަރަހައްދަކަށް ގޮސް ވެސް ހުއްޓުވައި އެބަޔަކާ މެދު ފިޔަވަޅު އަޅާނަން،" އޭނާ ވިދާޅުވި އެވެ.
އެފަދަ ކަމެއް ބަޔަކު ކުރާ ނަމަ ނުވަތަ ރާވައިގެން ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިއްޖެ ނަމަވެސް އެ މައުލޫމާތެއް ފުލުހުންނަށް އެނގުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.
މާލޭގައި ކުލަ ލުމުގެ ފޯރި އެންމެ ބޮޑަށް ގަދަ ވެގެން ގޮސްފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެންމެ ބޮޑު ދެ ސިޔާސީ ޕާޓީކަމުގައިވާ ޕީޕީއެމާއި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގަ އެވެ. އެގޮތުން އެ ޕާޓީތަކުގެ ސަޕޯޓަރުން ވަނީ ދައުލަތުގެ ބައެއް މުއައްސަސަސާތަކަށް ދޫކޮށްފައިވާ އިމާރާތްތަކާއި ސަރަހައްދުތަކުގެ ފާރުތަކުގައި ޕާޓީގެ ކުލަ ލައިފަ އެވެ.
ސަރުކާރުގެ އޮފީސްތަކުގެ އިމާރާތްތަކާއި ދައުލަތުގެ މުއައްސަސާތަކަށް ދޫކޮށްފައިވާ ބިންތަކުގެ ފާރުތަކުގައި ކުލަލުމުގެ ސަބަބުން އެކަންކަން ރަނގަޅު ކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށާއި އެފަދަ ކަންކަން ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ހޯމް މިނިސްޓްރީން މިދިޔަ ހަފްތާގައި ވަނީ ބުނެފަ އެވެ. އަދި އެފަދަ އަމަލުތައް ނުހިންގުމަށް ވެސް ހޯމް މިނިސްޓްރީން ވަނީ ގޮވާލައިފަ އެވެ.