22 Jun 2013, 10:59
ހއ. ދޮނަކުޅީގައި ހިންގާ އައިލެންޑް ހައިޑަވޭ ރިސޯޓްގެ މެޖޯރިޓީ ޝެއާ ކްރައުން ކޮމްޕެނީ އަށް ވިއްކާލައިފި އެވެ.
ލިލީ ހޮޓެލްސްގެ އެއް ހިއްސާދާރު މައްލާ އަހުމަދު ނާސިރު (ނާބެ) މިއަދު ވިދާޅުވީ އެ ކުންފުނިން ހިންގާ އައިލެންޑް ހައިޑަވޭ ކްރައުން ކޮމްޕެނީއަށް ވިއްކާލުމަށް ފަހު އެ ރިސޯޓް ހިންގަން ނިންމާފައި ވަނީ އަލަށް އުފައްދާ ދޮނަކުޅި އިންވެސްޓްމަންޓް ކިޔާ ޖޮއިންޓްވެންޗާ ކުންފުންޏަކުން ކަމަށެވެ. އެ ކުންފުނީގައި ކްރައުން ކޮމްޕެނީގެ 51 ޕަސެންޓް ހިއްސާ އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކްރައުން ކޮމްޕެނީއަކީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
"މިރަށް މީގެ ކުރިން ހިންގަމުން މިގެންދިޔައީ ބޭރު މީހަކާ ގުޅިގެން. ނަމަވެސް ޗަމްޕާއަށް ވިއްކާލުމުގެ ކުރިން އަޅުގަނޑުމެން ބޭރު މީހާ ހިއްސާ ގަނެފައި މި ވިއްކާލީ،" ނާބެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ރިސޯޓު ވިއްކާލަން ޖެހުނު މައިގަނޑު ސަބަބަކީ ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން 1.4 ކިލޯ މީޓަރު ދިގު 500 މީޓަރު ފުޅާ ރަށުގެ ލޭންޑް ރެންޓް އިންތިހާއަށް ބޮޑުވެގެންދިއުމާ ގުޅިގެން ވޭތުވެދިޔަ ދެ އަހަރު ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވުމުން ކަމަށެވެ.
"މި ރަށް ބޮޑުވީމަ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ކުލި ވަނީ ޑަބަލްވެފައި. އޭގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދިޔަ. އެކަން ފޫބައްދަން އިތުރު ކޮޓަރިތަކެއް އަޅަން ހުއްދަ ހޯދަން ކުރި މަސައްކަތުން މިހާރު ވަނީ އެކަން ހަމަޖެހިފައި. އޭގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބިގެން ހިނގައްޖެ،" ނާބެ ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ޔޮޓްމެރީނާއެއްގެ ގޮތުގައި ތަރައްގީކުރި ރަށުގައި ތަފާތު އަށް ވައްތަރެއްގެ 48 ވިލާ ހުރެ އެވެ.
ނާބެ ވިދާޅުވީ 2005 ވަނަ އަހަރު ހުޅުވި ރިސޯޓުގައި އިތުރު 77 ކޮޓަރި އަޅަން ހުއްދަ ދިފައިވާ ކަމަށެވެ. ނަމަވެސް މިހާރު ރިސޯޓް ތަރައްގީކުރަން ހިންގާ ފުރަތަމަ ފިޔަވަހީގެ ދަށުން 52 ކޮޓަރި އަޅަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ރަށް ވިއްކާލުމާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބެލުމަށް އިއުލާންކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ ޓޫރިސްޓު ރިޒޯޓެއް ތަރައްގީކޮށް ހިންގުމަށް ކުއްޔަށް ހިފާފައިވާ ފަރާތުން، އެރަށް ކުއްޔަށް ދިނުމަށް ކުރެވިފައިވާ އެގްރީމަންޓުގެ ދަށުން ލިބިފައިވާ އެންމެހާ ހައްގުތައް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށްއެދި ހުށަހަޅުއްވާފައި ވާތީ، އެރަށާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއްވާ ނަމަ، އަންނަ މަހުގެ ހަތަރެއްގެ ކުރިން ހުށަހެޅުމަށެވެ.