އެސްޓީއޯ ހިއްސާވާ މޯލްޑިވްސް ގޭސް އިން ކޮންޓްރޯލްކޮށްގެން ވިއްކަމުން ގެންދިޔަ ގޭސް ކުރިއެކޭ އެއްގޮތަށް ވިއްކަން ފަށައިފި އެވެ.

މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓާ އަހުމަދު ވާފިރު މިއަދު "ސަން" ވިދާޅުވީ އެކުންފުނިން ގޭސް ދޫކުރަމުންދިޔަ ކޮންޓުރޯލް ދޫކޮށްލުމަށް ފަހު އާދައިގެ މަތިން މިހާރު ގޭސް ދޫކުރަމުންދާ ކަމަށެވެ. އަދި ގޭސް ލިބުނީ އިއްޔެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންގެ އަތުން ގޭސް ލިބޭނެ ހަމަ ކުރިން ލިބުނު ގޮތަށް އެއްވެސް ލިމިޓަކާ ނުލައި،" ވާފިރު ވިދާޅުވި އެވެ.

މޯލްޑިވްސް ގޭސް ލިމިޓަކާއި ނުލައި ގޭސް ދޫކުރަން ފަށާފައިވީ ނަމަވެސް ވިލާ ގޭހުން ބުނީ އެކުންފުނިން ގޭސް ދޫކުރަން ފެށޭވަރުވާނީ މިއަދު ހަވީރު ނުވަތަ މާދަމާގެ ވަގުތެއްގައި ކަމަށެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ގޭސް ވިއްކާ ދެ ކުންފުނިން ވެސް ގޭސް ހުސްވެ ގޭސް ވިއްކުން ލިމިޓްކޮށްފަ އެވެ. އަދި ގޭސް ލިބުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިވެ ބައެއް ހޮޓާތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ގޭސް ލިބުން ދަތިވީ ގޭސް ގެންނަ ބޯޓްގެ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން ބޯޓް ރާއްޖެއައުން ލަސްވުމާއި ގުޅިގެން ކަމަށް ގޭސް ވިއްކާ ދެކުންފުނިން ވެސް ވަނީ ބުނެފަ އެވެ.