އދ. މަޖިލިސް (ޖޫން 22) : ފަލަސްތީނުގެ ކުޑަކުދިންނަށް އަނިޔާކޮށް އެކުދިންގެ އިންސާނީ ހައްޤުތަކަށް އިސްރާއީލުން ފުޅާދާއިރާއެއްގައި އަރައިގަންނަމުންދާ މައްސަލަ އދ. ން އަނެއްކާ ވެސް ދުނިޔޭގެ ސަމާލު ކަމަށް ގެނަސްފި އެވެ.

ކުޑަކުދިންގެ ޙައްޤުތަކާބެހޭ އދ.ގެ ކޮމިޓީން އިއްޔެ ނެރުނު ރިޕޯޓެއްގައި ވަނީ އިސްރާއީލުން ފަލަސްތީނުގެ ކުޑަކުދިންނަށް އަނިޔާކޮށް ކުދިކުދި ކަންތައްތަކުގައި އެކުދިން ދިގުމުއްދަތު ތަކަށް ޖަލަށްލުމުގެ އިތުރުން ފަލަސްތީނުގެ މުޖާހިދުންގެ ޙަމަލާތަކުން އިސްރާއީލު ސިފައިން ޙިމާޔަތް ހޯދާ އިންސާނީ އައްޑަނައަކަށް ވެސް އެކުދިން ހަދަމުންގެންދާ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށް ބުނެ އިސްރާއީލު ކުށްވެރިކޮށްފަ އެވެ. އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް ނުކުތުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްޤެއް ކަމަށްވާއިރު ވެސް އިސްރާއީލާ ދެކޮޅަށް މިނިވަން ކަމަށް ގޮވާލައި މުޒާހަރާކުރާ ފަލަސްތީނުގެ ކުޑަކުދިން ހައްޔަރުކޮށް އެކުދިންނަށް ޖިސްމާނީ އަނިޔާކުރުމުގައި އިސްރާއީލުގެ ފުލުހުންގެ އިތުރުން އިސްރާއީލު ސިފައިންގެ އެންމެ ވަރުގަދަ ލަޝްކަރުތައް ވެސް ބައިވެރިވާ ކަމަށް އދ. ން ބުނެފައިވެ އެވެ.
މީގެއިތުރުން އިސްރާއީލު ސިފައިން ފަލަސްތީނުގެ ކުޑަކުދިން ހައްޔަރު ކުރުމަށް ފަހު އެކުދިން ދެއަތްފުރަގަހަށްލައިގެން ބަނުމުގެ އިތުރުން ކަނުބަނދެގެން ގޮތްނޭންގޭ ތަންތަނަށް ގެންގޮސް އެކުދިންނާ ބެހޭ މަޢްލޫމާތު ޢާއިލާތަކަށް ނުދީ އަދި ކާބޯތަކެއްޗާއި ބޭސް ފަރުވާއާއި ސާފުތާހިރުވާނެ ގޮތްތަކުން މަޙްރޫމްކުރަމުން ގެންދާކަމަށް ވެސް އދ.ގެ ރިޕޯޓްގައި އިސްރާއީލުގެ މައްޗަށް ތުހުމަތުކޮށްފައިވެ އެވެ.

އަދި އިސްރާއީލު ސިފައިން ފަލަސްތީނުގެ ކުޑަކުދިންނާ ދިމާއަށް ހުތުރު ބަސްތަކުން މުޚާތަބުކޮށް ކުޑަކުދިންގެ އިއްޒަތާއި އަބުރާއި ކަރާމާތަށް ގަސްދުގައި އަރައިގަންނަމުންދަނީ ތަހުޒީބު މުޖްތަމަޢުތައް ލަދުގަންނަންޖެހޭ ފަދަ ދަށުދަރަޖައަކުން ކަމަށް ވެސް އިސްރާއީލުގެ މައްޗަށް ތުހުމަތުކޮށްފައިވެ އެވެ. އަދި ހައްޔަރުކުރެވޭ ކުޑަކުދިންގެ ކިބައިން އިސްރާއީލުގެ ސަލާމަތީ ބާރުތަކުން އިޢްތިރާފްތައް ހޯދަނީ އެކުދިންނަށް ބިރުދައްކައި ޖިސްމާނީ އަނިޔާތައް ދީގެން ކަމަށާ އިސްރާއީލުން ގަސްދުގައި ފަލަސްތީނުގެ ކުޑަކުދިން ކިޔެވުމަށް ހުރަސްއަޅައި މަދްރަސީ ޙަޔާތުން ވެސް މަޙްރޫމް ކުރުމަށް ރާވައިގެން މަސައްކަތް ކުރަމުން ގެންދާކަމަށް ވެސް ކުޑަކުދިންނާ ބެހޭ އދ.ގެ ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވެ އެވެ.

މިރިޕޯޓްގައި އިސްރާއީލުން ފަލަސްތީނުގެ 12 އަހަރާއި 17 އަހަރުގެ 9 ހާސް ކުދިން ހައްޔަރުކޮށްފައިވާއިރު މިޢުމުރަށްވުރެ ދަށުގެ ކުދިންވެސް ގޮތެއްފޮތެއްނެތި ހައްޔަރުކުރަމުން ގެންދާކަމަށް ބުނެފައިވެ އެވެ. އިސްރާއީލުން ފަލަސްތީނުގެ ކުޑަކުދިންނަށް އަނިޔާކޮށް އެކުދިންގެ އިންސާނީ ހައްޤުތަކަށް އަރައިގަންނަމުންދާ މައްސަލަ އެތަށްފަހަރަކު ވަނީ ބައިނަލްއަޤްވާމީ މުޖްތަމައުގެ ސަމާލުކަމެއް އައިސްފައެވެ. ނަމަވެސް އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އދ. ވަނީ ނުކުޅެދިފައެވެ. (ނޫސްއެޖެންސީތައް)