މިއަދު ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު އެއް ވާޖިބަކީ ޖީއެމްއާރާއި އެއާޕޯޓު ހަވާލުކުރި އެއްބަސްވުން އަލުން އަނބުރާ އިއާދަކުރުމަށް އެކުންފުންޏާ އެކު މަޝްވަރާ ކުރެވޭނެ ގޮތެއް ހޯދައިދިނުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ތ. ތިމަރަފުށީގައި ރޭ ބޭއްވި އެމްޑީޕީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓު އަތުލާފައިވާތީ 1.4 ބިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެ ކުންފުނިން ބައިނަލްއަގުވާމީ ކޯޓުތަކުގައި މިހާރު އެދިފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެ ފައިސާ އަކީ ދިވެހި ދައުލަތުގެ އަހަރުގެ ބަޖެޓަކަށް ވުރެ ވެސް ބޮޑު އަދަދެއް ކަމަށާއި އެބަދަލު ނަގައިދީފި ނަމަ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ބޮޑު ޕަސެންޓޭޖެއް ގެއްލިގެން ހިނގައިދާނެ ކަމަށެވެ.

"މި ބަދަލު އަޅުގަނޑުމެން ނަގާނީ ދޭނީ ކޮންތާކުންތޯ؟ 1.4 ބިލިއަން ރުފިޔާ އަކީ މި ދިވެހި ދައުލަތުގެ އަހަރުގެ ބަޖެޓަކަށް ވުރެ ވެސް ބޮޑު ޢަދަދެއް. އެއަކު ނެތް އަޅުގަނޑުމެންގެ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ބޮޑު ޕަސެންޓޭޖެއް މި ބަދަލު ނަގައިދިނުމުގައި ގެއްލިދާނެ. އަޅުގަނޑު ރާއްޖޭގެ ރައްޔިތުން ގާތުން އޮޅުން ފިލުވަން ބޭނުމީ އެ ބަދަލު ދިނުމަށްތޯ އަޅުގަނޑުމެން ބޭނުންވަނީ ނޫނިއްޔާ އަވަސް ހަލުވި ސްޕީޑުގައި އެއަރޕޯޓެއް ތަރައްޤީ ކުރަންތޯ. މިއަދުވެސް އަޅުގަނޑު ފެންނަ ފެނުމުގައި ރައްޔިތުންގެ މަޖްލިހުގެ އެންމެ މުހިއްމު އެއް ވާޖިބު އެއީ އެ ކޮންޓްރެކްޓް އަލުން އަނބުރާ އިޔާދަކުރުމަށް އެކަމާ އެކުންފުންޏާއި އެކީގައި މަޝްވަރާ ކުރެވޭނޭ ގޮތެއް ހޯދާ އަޅުގަނޑުމެންގެ ރައްޔިތުންނަށް ކުރިމަތިވާން މި އުޅޭ ބޮޑު މުސީބާތުން މި ރާއްޖެ ސަލާމަތް ކުރުން،" ނަޝީދު ވިދާޅުވި އެވެ.

ޖީއެމްރާއި އެއާޕޯޓު ހަވާލުކުރުމަށްވި އެއްބަސްވުމަކީ ސައްޚަ އެއްބަސްވުމެއް ކަމަށާއި އޭގައި ކޮރަޕްޝަން ނުހިމެނޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ ދިވެހި ރައްޔިތުންނަށް ފައިދާވާ ގޮތަށް ހެދިފައިވާ އެއްބަސްވުމެއް ކަމަށާއި ވަރަށް އަވަހަށް އެ އެއްބަސްވުން އަނބުރާ އިއާދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޖީއެމްއާރާ އެއާޕޯޓު ހަވާލު ކުރި މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީން ނެރުނު ރިޕޯޓު ދިރާސާ ކުރުމަށް ފަހު ބަންޑާރަ ނާއިބް އޮފީހުން ވަނީ އެ އޮފީހަށް ފާހަގަކުރެވުނު ކަންތައް އޭސީސީ އަށް ހުށަހަޅާފަ އެވެ.

ބަންޑާރަ ނާއިބް އޮފީހުން ބުނެފައި ވަނީ އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މާލިއްޔަތު ގާނޫނާ ޚިލާފަށް ކަމަށާއި އޭސީސީގެ ތަހުގީގުގައި ކޮންމެހެން ބަލަންޖެހޭކަންތައްތައް ބަލާފައި ނުވާ ކަމަށެވެ.