ބްރަޒީލިޔާ (ޖޫން 22): ބްރަޒީލްގައި ސަރުކާރާ ދެކޮޅަށް އިޙްތިޖާޖްތައް ކުރަމުންގެންދާ މީހުންގެ އެދުންތަކަށް އިޖާބަ ދެއްވުމަށް އެގައުމުގެ ރައީސާ ދިލްމާ ރޮސެޔޭވް ވައުދުވެވަޑައިގެންފި އެވެ.

ބްރަޒީލްގައި ޢާންމު ރައްޔިތުންނަށް ދޭ އިޖްތިމާޢީ ޚިދްމަތްތަކާއި ދަތުރުފަތުރުގެ ޚިދްމަތްތަކުގެ ފެންވަރުދަށްވެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ހީނަރުވަމުންދާ މައްސަލާގައި ގައުމުގެ ކަންކޮޅުތަކުގައި އިޙްތިޖާޖްތަކާއި މުޒާހަރާތައް ޢާންމުވެފައިވާތާ ހަފްތާއެއް ފަހުން ރައްޔިތުންނަށް ދެއްވި ޚިތާބެއްގައި ރައީސާ ދިލްމާ ރޮސެޔޭވް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އާންމު ހުރިހާ ޚިދްމަތްތަކެއްގެ ފެންވަރު ރަނގަނޅުކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ރައްޔިތުންގެ ބޭނުންތައް މިހާރަށް ވުރެ ފަސޭހަ އިން ފުއްދައި ދިނުމަށް ބޭނުންވާ އިޤްތިސާދީ އަދި އިޖްތިމާއީ އިސްލާޙުތައް ގެންނަވާނެ ކަމުގަ އެވެ. އަދި ތަކެތީގެ އަގުބޮޑުވުމުގެ މައްސަލަ އާއި ތައްލީމާއި ސިއްޙީ ޚިދްމަތްތަކާއި ދަތުރުފަތުރުގެ ޚިދްމަތްތަކުގެ ފެންވަރު ދަށްވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ދިލްމާ ވިދާޅުވި އެވެ.

މިމައްސަލަތަކާ ގުޅިގެން ބްރަޒީލްގެ މެދުފަންތީގެ އެތައް މިލިޔަން ރައްޔިތުންނެއް ގެންދަނީ އެގައުމުގެ ސަތޭކައަށް ވުރެ ގިނަ ސިޓީގައި މުޒާހަރާތަކާއި އިޙްތިޖާޖްތައް ކުރަމުންނެވެ. މުޒާހަރާކުރާ މީހުންގެ ޝަކުވާއަކީ ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތައް ރަނގަނޅު ކުރުމަށް އިންވެސްޓް ކުރުމުގެ ބަދަލުގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ސްޓޭޑިޔަމްތައް އެޅުމާއި މުއްސަނދިންނަށާއި ގައުމަށް ޒިޔާރަތްކުރާ ބޭރުގެ ފަރާތްތަކަށް ބޭނުންވާ މުނުފޫހި ފިލުވުމުގެ ޙަރަކާތްތައް ފަދަ އާންމު ރައްޔިތުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމާ ގުޅުންނެތްކަންކަމަށް ދައުލަތުގެ ފައިސާ ބިލިޔަނުން ޚަރަދުކުރަމުންދާ މައްސަލަ އެވެ.

މިކަންކަން ރަނގަނޅު ކުރުމަށް ގޮވާލައި ރައްޔިތުން އިޙްތިޖާޖްތައް ކުރަން ފެށުމުން ބްރަޒިލްގެ ސަރުކާރުން ފުރަތަމަ މަސައްކަތްކުރީ ސަލާމަތީ ބާރުތައް ނެރެގެން އިޙްތިޖާޖްތައް ހުއްޓުވުމަށެވެ. ނަމަވެސް ހަފްތާއެއްވީ އިރުވެސް އިޙްތިޖާޖްތައް ހުއްޓުވުމުގައި ސަރުކާރު ނާކާމިޔާބުވެ މުޒާހަރާތައް އިތުރަށް ފުޅާވަމުން ދިޔުމުން ރައީސާ ދިލްމާ މިހާރު ވަނީ ރައްޔިތުންގެ އިޙްތިޖާޖްތަކަށް ސަރުކާރުން ބޯލަނބައި އިޙްތިޖާޖްތައް ކުރަމުންގެންދާ މީހުންގެ އެދުންތަކަށް އިޖާބަ ދެއްވުމަށް ވަޢްދުވެވަޑައިގެންފަ އެވެ. ނަމަވެސް މުޒާހަރާތަކާއި އިޙްތިޖާޖްތަކަށް އަދި ނިމުމެއް ނާންނަ ކަމަށް ޚަބަރު ލިބެ އެވެ. (ބީ.ބީ.ސީ)