02 Nov 2010, 11:53
ވައްކަމާއި ފޭރުން މަދުވެފައި އޮތުމަށް ފަހު ބަންދާ ދިމާކޮށް ފޭރުމާއި ވައްކަމުގެ ބޮޑެތި އަމަލުތަކެއް ހިންގަން ބަޔަކު ރާވަމުންދާ ކަމަށާއި ފޭރޭ މީހުންނާމެދު ވަރަށް ބޮޑަށް ސަމާލުވުމަށް ފުލުހުން އިންޒާރުކޮށްފި އެވެ.
ފުލުހުންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ވައްކަމާއި ފޭރުމާއި ޓެކުމުގެ ހާދިސާތައް މަޑުޖެހިފައި އޮތުމަށް ފަހު މީހުންގެ އަތުން ފައިސާ ފޭރުމުގެ މައްސަލަ އަނެއްކާވެސް ވަނީ އިތުރުވެފަ އެވެ. އަދި އެފަދަ ބޮޑެތި ހާދިސާތަކެއް ހިންގުމަށް ބަޔަކު ރާވަމުން އެބަދެ އެވެ.
އެ އޮފިޝަލު ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފައިސާ ފޭރުމުގެ ބޮޑު ދެ ހާދިސާއެއް ހިންގާފައިވާ ކަމަށެވެ. އެ ދެ ހާދިސާގެ ތަފުސީލެއް ފުލުހުންނެއް ނުދެ އެވެ. ނަމަވެސް ވިދާޅުވީ ދެ ހާދިސާގައި ހިމެނޭ ފައިސާގެ އަދަދުތައް ވެސް ލައްކައިން މަތި ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ކުއްލި ގޮތަކަށް ފޭރުން އިތުރުވުމުން ފޭރޭ މީހުންގެ ނެޓްވޯކް މަސައްކަތް ކުރަމުންދާ ގޮތް ފުލުހުން ބަލަން ފަށާފައިވާ ކަމަށާއި މިހާތަނަށް ބެލިބެލުމުން މަގު ފޭރުން އިތުރުވެފައި ވަނީ މި ނޮވެމްބަރު މަހުގެ ތެރޭގައި ބޮޑު ބަންދެއް އަންނާތީ އާއި ބޮޑު ޗުއްޓީގެ ތެރޭގައި އެފަދަ ނެޓްވޯކްތަކުން ހިންގަން ބޭނުންވާ ގަވައިދާ ހިލާފު ކަންކަމަށް ހޭދަކުރާނެ ފައިސާ ޖަމާ ކުރުމަށް ކަމަށް ބެލެވޭ ކަމަށެވެ.
އޮފިޝަލު ވިދާޅުވީ ފޭރުންތަކުގައި އޮފީސްތަކުގައި އުޅޭ ބައެއް މުވައްޒަފުންގެ ބައިވެރިވުން ހިމެނޭކަމަށް މިހާތަނަށް އެނގިފައިވާ ކަމަށާއި އެކަން ކަމަށް ސަމާލުވެ، ޝައްކުރެވޭ ފަރާތްތަކެއް ތިބިނަމަ އެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރަމުންދިއުމަށް އެދޭ ކަމަށެވެ.
ބޮޑެތި އަދަދުތަކުން ފައިސާ އެއްތަނުން އަނެއްތަނަށް އުފުލުމުގައި ވެސް މިދުވަސްކޮޅު ސަމާލުވާންޖެހިފައިވާ ކަމަށާއި ބޮޑެތި އަދަދުތަކުގެ ފައިސާ ޓްރާންސްފާ ކުރާއިރު ފުލުހުންގެ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ފުލުހުންދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.