22 Jun 2013, 09:27
ސިންގަޕޫރު (ޖޫން 21): އިންޑޮނީޝިޔާގެ ޖަންގަލިތަކުގައި އަނދަމުންދާ އަލިފާން ގަނޑުގެ ސަބަބުން ސިންގަޕޫރަށް ކުރަމުންދާ ދުމުގެ ނޭދެވޭ އަސަރުތަކާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިން ލޫންގް ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވައިފި އެވެ.
ލީ ވިދާޅުވީ ސިންގަޕޫރަށް މިހާރު ކުރިމަތިވެފައިވާ ދުމުގެ އަސަރު އެތަށް ހަފްތާއަކަށް ދިގުދެމިގެން ހިނގައިދާނެ ކަމަށާ މިއީ ވަރަށް ބޮޑު މައްސަލައެއް ކަމުގަ އެވެ. މިއީ އެހެންގައުމެއްގައި ހިނގަމުންދާ ޙާދިސާއެއްގެ ސަބަބުން ސިންގަޕޫރުގެ ރައްޔިތުން ތަޙައްމަލް ކުރަންޖެހިފައިވާ ސިއްޙީ އަދި އިޤްތިސާދީ ނުރައްކަތަކެއް ކަމަށް ވެސް ލީ ވިދާޅުވި އެވެ. ލީ އިތުރަށް ވިދާޅުވީ ދުމުގެ ސަބަބުން ސިންގަޕޫރުގެ ޖައްވު ރެކޯޑް މިންވަރަކަށް ތަޣައްޔަރުވެފައިވާ ކަމަށާ މިކަން ޙައްލުކުރުމަށް އިންޑޮނީޝިޔާ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިންގަޕޫރުން މަސައްކަތް ކުރަމުން ގެންދާކަމުގަ އެވެ. ނަމަވެސް ހަފްތާތަކަށް މިކަން ދިގުލައިގެން ހިނގައިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.
އިންޑޮނީޝިޔާގެ ސުމަޓްރާގެ ޖަންގަލިތަކުގައި އަލިފާން ރޯވުމުގެ ޙާދިސާތައް ތަކުރާރުވެ މިކަމުގެ ނޭދެވޭ އަސަރު ސިންގަޕޫރަށް ކުރަމުންދާ މައްސަލާގައި އެގައުމު މިހަރު ވަނީ ހިތްހަމަ ނުޖެހިފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސިންގަޕޫރުގެ ތިމާވެއްޓާ ބެހޭ ވަޒީރު ވީވަން ބަލަކްރިޝާން ވަނީ އިންޑޮނީޝިޔާގެ ޖަންގަލިތަކުގައި އަލިފާން ރޯވުމުގެ ޙާދިސާތައް ތަކުރާރުވަމުންދަނީ އިންޑޮނީޝިޔާ ސަރުކާރުގެ އިހްމާލުން ކަމަށް ވިދާޅުވެ އިންޑޮނީޝިޔާއަށް ފާޑުވެސް ވިދާޅުވެފަ އެވެ.
އިންޑޮނީޝިޔާގެ ޖަންގަލިތަކުން އަންނަ ދުމުގެ ސަބަބުން ސިންގަޕޫރު ހާސްވެ ރައްޔިތުންގެ ސިއްޙަތު ގުރްބާންކުރަންޖެހި އިޤްތިސާދީ ގޮތުން ބޮޑު އަގެއްދައްކަންޖެހިފައިވާ ކަމަށް ވީވަން ބަލަކްރިޝާން ވަނީ ވިދާޅުވެފަ އެވެ. އިންޑޮނީޝިޔާގެ ސުމަޓްރާގެ ޖަންގަލިތަކުގައި އަނދަމުންދާ އަލިފާން ގަނޑާއެކު އަރަމުންދާ ދުމުގެ އަސަރު މިހާރު ވަނީ މެލޭޝިޔާއަށް ވެސް ވަރަށް ބޮޑަށް ކޮށްފަ އެވެ. މިއަލިފާންގަނޑު ނިއްވާލުމަށް އިންޑޮނީޝިޔާ އިން ކުރަމުން ގެންދާ މަސައްކަތް މިހާތަނަށް ކާމިޔާބުވެފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)