ރާމަﷲ : ފަލަސްތީނުގެ ބޮޑުވަޒީރު ޑރ. ރާމީ ޙަމްދުﷲ ކުއްލި ގޮތަކަށް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެކަން ދިރާސާ ކުރަމުންގެންދާކަން ފަލަސްތީނުގެ ރިޔާސަތުން ހާމަކޮށްފި އެވެ.

ފަލަސްތީނުގެ ރިޔާސީ ތަރްޖަމާން ނަބީލް އަބޫ ރުދައިނާ ވިދާޅުވީ ބޮޑުވަޒީރުގެ ކުއްލި އިސްތިއުފާއާ ގުޅިގެން ރައީސް ޢައްބާސްއަށް ސިހުން ލިބިވަޑައިގެންނެވި ކަމަށާ އަދި ޢައްބާސް ގެންދަވަނީ އެކަން ބައްލަވަމުން ކަމުގަ އެވެ. ޑރ. ހަމްދުﷲ ގެ އިސްތިއުފާ ރައީސް މަޙްމޫދު ޢައްބާސް ގަބޫލުކުރައްވާނެކަން ނުވަތަ ނޫންކަން ރުދައިނާ ހާމަކޮށްފައެއްނުވެ އެވެ. ޑރ. ޙަމްދުﷲގެ ވަރަށް ގާތްބޭފުޅަކު ވިދާޅުވެފައި ވަނީ ޙަމްދުﷲގެ އިސްތިއުފާގެ ސިޓީ ރައީސް މަޙްމޫދު ޢައްބާހަށް އެރުވުމަށްޓަކައި ފަލަސްތީނުގެ ރިޔާސީ ދީވާނުގެ ވެރިޔާ ޙުސައިނުލްއަޢްރަޖް އާ އިއްޔެ ޙަވާލުކޮށްފައިވާ ކަމުގަ އެވެ.
ފަލަސްތީނުގެ ބޮޑުވަޒީރު ކުއްލިގޮތަކަށް އިސްތިއުފާ ދެއްވާފައިމިވަނީ މަޤާމާ ޙަވާލުވެޑައިގެންނެވިތާ އެންމެ 15 ދުވަހުގެ ތެރޭގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ބޮޑުވަޒީރު އިސްތިއުފާ ދެއްވީ ފަލަސްތީނުގެ ރިޔާސަތުން ބޮޑުވަޒީރުގެ މަސައްކަތްތަކާއި މެންޑޭޓްގެ ތެރެއަށް ވަންނަމުން ދިޔުމުގެ ސަބަބުން ހިތްޕުޅާ ނުވެގެންނެވެ. އިސްތިއުފާ ދެއްވި ސަބަބާ ބެހޭ ގޮތުން ޑރ. ހަމްދުﷲ ބަޔާނެއް ދެއްވާފައި ނުވިނަމަވެސް އޭނާގެ ފޭސްބުކް ޕޭޖްގައި ވަނީ އެނބުރި ދެން މަޤާމަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޑރ. ރާމީ ޙަމްދުﷲ އަކީ ފަލަސްތީނުގެ އަމިއްލަ ޔުނިވަރސިޓީއެއް ކަމަށްވާ އައްނަޖާޙް ޔުނިވަރސިޓީގެ ޗާންސެލާ ކަމުގެ މަޤާމުގައި ހުންނެވި ޕްރޮފެސަރެކެވެ. ޑރ. ޙަމްދުﷲގެ ބޮޑުވަޒީރު ކަމުގައި އައު ސަރުކާރެއް އެކުލަވާލަންޖެހުނީ ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު ސަލާމް ފައްޔާޒް އިސްތިއުފާ ދެއްވިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވީ އިރު ވެސް ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާނުލެވި ސަލާމްގެ ވެރިކަމުގައި ވަގުތީ ސަރުކާރެއް މާގިނަދުވަހަށް ދިގުދެމިގެން ދާތީ އެވެ. ފަލަސްތީނުގައި އެކުލަވާލުމަށް ހަމަޖެހިފައިވާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރު، ޙަމާސް ޖަމާއަތާއި ފަތްޙު ޖަމާއަތާ ދެމެދުގައިވާ ދެބަސްވުންތަކުގެ ސަބަބުން ވުޖޫދަށް ނައިސް ވަނީ އެތަށް އަހަރަކަށް ލަސްވެގެން ގޮސްފަ އެވެ. ޙަމްދުﷲގެ ސަރުކާރު އެކުލަވާލިއިރު ރައީސް މަޙްމޫދު ޢައްބާސް ވިދާޅުވެފައި ވަނީ ހަމްދުﷲގެ ސަރުކާރު ދެމިއޮންނާނީ ޙަމާސް އާއި ފަތްޙާ ދެމެދުގައިވާ ދެބަސްވުންތައް ޙައްލުވެ ފަލަސްތީނުގައި ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް މަގުފަހިވަންދެން ކަމަށާ މިކަން އަންނަ އޮގަސްޓް މަހުގެ މެދެއްހާ ހިސާބުގައި ކުރެވޭނެ ކަމުގަ އެވެ.

ފަލަސްތީނަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި ހަމާސްއާއި ފަތްޙާ ދެމެދުގައިވާ ދެބަސްވުންތައް ހައްލުނުވެ ދިގުލުމުގެ އިތުރުން އިޤްތިސާދީ ހީނަރުކަމާއި ފައިސާގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވުމާއި އިސްރާއީލާ އެކު ކުރިޔަށް ގެންދިޔަ ސުލްޙައިގެ ވާހަކަތައް އަލުން ފެށޭނެ މާހައުލެއް ތަނަސްވެފައި ނެތުން ހިމެނެ އެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި ފަލަސްތީނުގެ އެންމެ ބޮޑު ދެޖަމާއަތް ކަމަށްވާ ހަމާސް އާއި ފަތްޙު އެއްގަލަކަށް އަރައިގެން އުފައްދާ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރަކަށް ނޫނީ ދެމިނޯވެވޭނެ ކަމަށް މުޙައްލިލުން ކުރިން ވެސް ވަނީ ލަފާކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)