22 Jun 2013, 00:56
ހޮންކޮންގައި އިނގިރޭސިވިލާތުގެ އަންހެނަކު މަރާލި ދިވެއްސަކު އުމުރަށް ޖަލަށްލާން އެގައުމުގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.
އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ އިކޯނިވްސް އިން ބުނެފައި ވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ޖެނެޓް ގިލްސަން މަރާލާފައި ވަނީ އުމުރުން 29 އަހަރުގެ ދިވެއްސެއްކަމަށްވާ އަހްމަދު ފަރީދު ކަމަށެވެ.
އިކޯނިވްސް އިން ބުނެފައި ވަނީ ފަރީދަކީ ޖެނިޓް ގިލްސަންގެ ކޮއްކޮއެއް ކަމަށްވާ ޖޫލިޔާ އާ ކައިވެނިކޮށްގެން އުޅުނު މީހެއްކަމަށާއި ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ޖެނެޓް މަރާލުމަށް ފަހު ހޮންކޮންގެ ފެރީ ހާބަރުގައި ހުއްޓާ 2011 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
ގިލްސަންގެ ހަށިގަނޑު ފެނިފައި ވަނީ ޖެނެޓްގެ ކޮއްކޮ އަދި ފަރީދު ކުރިން ކައިވެނިކޮށްގެން އުޅުނު އަންހެން މީހާ ޖޫލިޔާގެ ގޭގައި ހުރި ސޯފާއެއްގެ ދަށުން ކަމަށެވެ.
ފުލުހުން ބުނީ ޖެނެޓް ފެނިފައި ވަނީ ގެއްލިގެން ރިޕޯޓުކުރިތާ ތިން ދުވަސް ފަހުން ކަމަށެވެ.
ކޯޓުގައި ކުރިއަށްދިޔަ ހަ ދުވަހުގެ ޝަރީއަތުގައި ހޮންކޮންގެ ދައުލަތުން ވަނީ ފަރީދުއާ ދެކޮޅަށް ގޮނަ ހެކިތަކެއް ކޯޓަށް ހުށަހަޅާފަ އެވެ. މިގޮތުން ޖެނެޓް ގިލްސަން މަރާލާފައި ވަނީ ވަލަކުން ކަރުގައި މަޅިބެއްދުމަށް ފަހު ކަމަށާއި މަރާލި އިރު އޭނާގެ އަނގައިގެ ތެރެއަށް ތުވާއްޔެއް ކޮއްޕާލާފައިވާ ކަމަށް ވަކީލުން ކޯޓުގައި ބުނެފައިވެ އެވެ.
ޖެނެޓުގެ ތިން މޭކައްޓެއް ބިންދާލާފައިވާ ކަމަށާއި އޭނާ މަރާލާފައި ވަނީ ވަރަށް އަނިޔާވެރި އަދި ރަހުމްކުޑަގޮތަކަށް ކަމަށް ދައުލަތުގެ ވަކީލުން ކޯޓުގައި ވަނީ ބުނެފަ އެވެ.
ހޮންކޮންގެ ކޯޓުން ފަރީދު އުމުރަށް ޖަލަށްލާން ހުކުމް ކޮށްފައި ވަނީ ޖޫރީގެ އަޣުލަބިއްޔަތުންނެވެ.