މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ހިންގާ ކޮމެޓީއަށް މެމްބަރުން އިންތިހާބު ކުރުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި މެންބަރުން ހުށަހެޅި މައްސަލަތަކަކާ ގުޅިގެން، އެންމެ ފަހުން އިންތިހާބު ފަސްކޮށްފި އެވެ.

އެމްޖޭއޭގެ ހިންގާ ކޮމެޓީއަށް ހަ މެންބަރުން އިންތިހާބު ކުރުމަށް ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމްގައި ބޭއްވި ބައްދަލުވުން ހިޔާލު ތަފާތުވީ ޖަމިއްޔާގެ އަސާސީ ގަވާއިދުގައިވާ ބައެއް މާއްދާތަކާ މެދު މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވުމުގެ ސަބަބުންނެވެ.

އެ ޖަލްސާގައި ފުރަތަމަ މައްސަލައެއްގެ ގޮތުގައި މެންބަރުން ނެގީ މިރޭގެ އިންތިހާބަށް ވޯޓުލުމަށް އަލަށް ޖަމިއްޔާއަށް ވަންނަން ހުށަހެޅި ނޫސްވެރިންނަށް އިންތިހާބުގައި ވޯޓު ނުލެވޭ މައްސަލަ އެވެ. އިދާރީ މޭޒުން އެ މައްސަލާގައި ބުނެފައި ވަނީ މިރޭ އެމްޖޭއޭގެ އިންތިހާބު ބާއްވަން ނިންމާފައި ވަނިކޮށް، މިއަދު ހަވީރު 4:00ގެ ފަހުން އެ ޖަމިއްޔާގެ މެންބަރުންނަށްވުމަށް އެދި ނޫސްވެރިންތަކެއް ފޯމު ހުށަހެޅި ކަމަށެވެ. އަދި އެ ފޯމްތަކާ މެދު އަމަލު ކުރާނެ ގޮތެއް ހިންގާ ކޮމެޓީން ނިންމާފައިވާ ކަމަށް އިދާރީ މޭޒުން އިއުލާންކުރި އެވެ.

އެމްޖޭއޭގެ މިހާރު ހިނގަމުންދާ ދައުރުގެ ހަ މެންބަރުންގެ ހިންގާ ކޮމެޓީން މިއަދު ހަވީރު ނިންމާފައި ވަނީ އެ ޖަމިއްޔާއާ ގުޅުމަށް މިއަދު ހުށަހެޅި ނޫސްވެރިންނަށް މިރޭގެ އިންތިހާބުގައި ވޯޓު ނުލެވޭނެ ކަމަށެވެ. އެ ގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވި ހިންގާ ކޮމެޓީގެ ފަސް މެންބަރުންގެ ތެރެއިން ދިޓީވީގެ އެޑިޓަރު މިދުހަތު އާދަމާއި ވީ މީޑިއާގެ އޮންލައިން އެޑިޓަރު މުންޑޫ އާދަމް ހަލީމުގެ އިތުރުން ސަން އޮންލައިގެން ނޫސްވެރިޔާ ހުސައިން ހަސަން ވޯޓު ދެއްވައިގެންނެވެ. އެ ބޭފުޅުންނާ ދެކޮޅަށް ވޯޓު ދެއްވީ ސަން އޮންލައިގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) އާއި ހަވީރުގެ ނޫސްވެރިޔާ އަލީ ޔޫސުފެވެ.

އެމްޖޭއޭއަށް ވަންނަން ބޭނުންވާ ހުރިހާ ނޫސްވެރިންނަށް ފުރުސަތު ލިބޭ ގޮތަށް އިންތިހާބު ފަސް ކުރުމަށް ހިރިގާ ޒާހިރު ހުށަހެޅުއްވުމުން އެ ހުށަހެޅުމެއް ފާހެއް ނުވި އެވެ. އެ ހުށަހެޅުމަށް ވޯޓު ދެއްވީ ހިރިގާ ޒާހިރާއި އަލީ ޔޫސުފެވެ. ވޯޓުގައި ބައިވެރިވި އަނެއް ތިން މެންބަރުން ކަމުގައިވާ އާދަމް ހަލީމާއި މިދުހަތާއި ހުސައިން ވޯޓު ދެއްވީ އެ އިސްލާހު ފާސް ނުކުރުމަށެވެ.

ހިންގާ ކޮމެޓީގެ އެ ނިންމުމާއެކު މިރޭގެ ބައްދަވުމުން ކުރިއަށް ގެންދިއުމަށް އިދާރީ މޭޒުން އިއުލާން ކުރުމާއެކު ދެން މެންބަރުން ފާޅު ކުރެއްވި ޝުއޫރަކީ މިރޭ ބާއްވަން އުޅޭ އިންތިހާބުގެ ބައްދަލުވުމަކީ ސައްހަ ބައްދަލުވުމެއް ނޫން ކަމަށެވެ. އެގޮތުން މެންބަރުން ވިދާޅުވީ ޖަމިއްޔާގެ އަސާސީ ގަވާއިދު ބުނާ ގޮތުން އިންތިހާބު ބާއްވާ ޖަލްސާގެ ކުރިން ލިބެން ޖެހޭ ހަތް ދުވަހުގެ މުހުލަތު ނުލިބޭ ކަމަށެވެ.

އިދާރީ މޭޒުން އެކަމުގައި ބުނެފައި ވަނީ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތަށް އިންތިހާބު ބޭއްވުމަށް ދޭން ޖެހޭ ހަތް ދުވަހުގެ މުހުލަތު ދީފައިވާނެ ކަމަށެވެ. އެގޮތުން މީގެ ހަތް ދުވަސް ކުރިން މިދިޔަ ހުކުރު ދުވަހުގެ ރޭ އިންތިހާބު ބާއްވާނެ ކަމަށް އިއުލާން ކުރި ކަމަށެވެ. އެ އިއުލާންގައި ބުނެފައިވާ ގޮތުން އިންތިހާބު އޮންނާނީ މާދަމާ ރޭގައި ކަމަށާއި ނަމަވެސް އިންތިހާބު ބާއްވަންޖެހޭ ދުވަސް މިރެއަށް އަވަސްކޮށް އިއުލާނެއް ނެރުނު ކަމަށާއި އެ އިއުލާން ނެރެން ޖެހުނީ ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމް ލިބުމުގައި ދަތިތަކެއް އުޅޭތީ ކަމަށެވެ.

އިންތިހާބު މިރޭ ބާއްވަން އުޅުނު ޖަލްސާއާ މެދު މެންބަރުންގެ ކަންބޮޑުވުންތައް ބޮޑުވުމުގެ ސަބަބުން އެންމެ ފަހުން އިދާރީ މޭޒުން ނިންމީ އިންތިހާބު ފަސް ކުރުމަށެވެ.

އެމްޖޭއޭގެ އިންތިހާބަށް ހުޅުވާލާފައިވާ މަގާމުތަކަކީ އެ ޖަމިއްޔާގެ ރައީސްގެ މަގާމާއި ނައިބު ރައީސް ކަމުގެ މަގާމާއި ސެކަރެޓަރީގެ މަގާމާއި ހަޒާންދާރުގެ މަގާމުގެ އިތުރުން އާންމު މެންބަރުންގެ ތެރެއިން ހިންގާ ކޮމެޓީގައި އިންނަވާ ދެ މެންބަރުންގެ މަގާމެވެ.