21 Jun 2013, 20:07
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރަކަށް ބަންދު އިބްރާހިމް ސަލީމް ހަމަޖައްސައިފި އެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބަންދު ސަލީމް އެ މަގާމަށް އައްޔަން ކުރީ އިއްޔެ އެވެ. އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް މިހާތަނަށް ހުންނެވި ޑރ. އިބްރާހިމް މަހުފޫޒް ވަނީ އެ ކުންފުނީގެ ބޯޑު މެމްބަރަކަށް އައްޔަންކޮށްފަ އެވެ.
ބަންދު ސަލީމް އެ މަގާމަށް އައްޔަން ކުރީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް ސަރުކާރުން އަލަށް އުފެއްދި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ ބޯޑު މިދިޔަ ފެބްރުއަރީ މަހު ރައީސް މުހައްމަދު ވަހީދު އުފައްދާފައި ވަނީ ޕްރައިވެޓައިޒޭޝަންގެ ގާނޫނާ ހިލާފަށް ކަމަށް ބުނެ ބަންޑާރަ ނައިބު ލަފާ ދެއްވުމާ ގުޅިގެން، އެ ކުންފުނީގެ ބޯޑު އުވާލެއްވުމަށްފަހު އެވެ. އަދި އެއާޕޯޓުގެ އެއްބަސްވުން އުވާލުމުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައިވާތީ، އެއާޕޯޓު ހިންގުން ވެސް އެމްއޭސީއެލް އިން ކުރިޔަށް ގެންދާ ގޮތަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރަށް ބަންދު ސަލީމް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަމުގެ މަގާމުގަ އެވެ.