21 Jun 2013, 20:07
ރާއްޖޭގެ އަންހެނުންނަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކާ ދޭތެރޭ ފުންކޮށް ވިސްނައި އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަންޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދު މިހެން ވިދާޅުވީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ށ. ކަނޑިތީމުގައި މިއަދު ހަވީރު ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވަހީދު ވިދާޅުވީ އަންހެނުންނަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކާ ދޭތެރޭ ފުންކޮށް ވިސްނައި އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ އިތުރުން ޖަމްއިއްޔާ ޖަމާއަތްތަކުންނާއި ކަމާ ބެހޭ އެންމެހައި މުއައްސަސާތަކުން އިސްކަންދޭންޖެހޭ ކަމެއް ކަމަށެވެ.
ގައުމު ބިނާކޮށް ކުރިއަށް ގެންދިޔުމުގައި އަންހެނުން އަދާކުރަމުންދާ ދައުރު ފުޅާވެ އަންހެނުންގެ އެކި ހަރަކާތްތައް އިތުރުވެގެން ދިޔުމަކީ ގައުމަށާއި މުޖުތަމައުއަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއްކަމަށް ރައީސް ވިދާޅުވި އެވެ. އަދި ހަމައެހެންމެ ގައުމުގެ އެކި ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް އެކަނބަލުންނަށް ހަމަހަމަ ފުރުސަތުތައް ލިބޭގޮތަށް ކަންތައްތައް އިންތިޒާމް ވެގެން ދިޔުމަކީ ވެސް ވަރަށް ބޭނުންތެރިކަމެއްކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
"އަންހެނުން އިގްތިސޯދީގޮތުން ފުދުންތެރިކަން އިތުރުކޮށް ސިޔާސީ މައިދާނުގައާއި އެކިއެކި މުހިންމު ނިންމުންތައް ނިންމާ ފަންތީގައި މަސައްކަތް ކުރާ އަންހެނުންގެ އަދަދު އިތުރު ކުރުމަކީ ސަރުކާރުން އަބަދުވެސް އިސްކަން ދޭންޖެހޭ ކަމެއް. ޚާއްސަކޮށް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އަންހެނުންގެ ދައުރު އިތުރުކުރުމަކީ ރާއްޖޭގެ ކުރިމަގައްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. ގައުމުގެ ކަންކަމުގައި މިހާރަށް ވުރެ ބޮޑަށް އިސްސަފުގައި ހަރަކާތްތެރިވާ އަންހެނުންގެ ދައުރު އިތުރު ކުރުމަކީ މިއަދުގެ ޖީލަށާއި އަންނަން އޮތް ޖީލުތަކަށް އެކަމުން މުހިންމު ފައިދާތަކެއް ކުރާނެ ކަމެއްކަން ޔަގީން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަންހެނުންނަށް ލިބެމުންދާ އަނިޔާތަށް އިތުރުވަމުން ދާއިރު އަންހެނުންނަށް ފުރިހަމަ އިންސާފު ހޯދައި ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި ރާއްޖޭގައި ނިކަމެތީންނަށާއި ކުޑަކުދީންނަށާއި އަންހެނުންނަށް ތަކުރާރުކޮށް އަނިޔާ ލިބެމުންދާއިރު އެ އަނިޔާތަށް ލިބެން މެދުވެރިވާ ސަބަބުތަކަކީ ކޮބައިތޯ ބަލައި އެކަންކަން ހައްލުކުރުމަށް އަޅަން ހުރި ފިޔަވަޅުތައް އަޅަމުން ގެންދަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ނިކަމެތީންނަށާއި ކުޑަކުދީންނަށާއި އަންހެނުންނަށް އިންސާފު ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެއްވެސް ފަރާތަކުން އިހުމާލުވެގެން ނުވާނެ ކަމަށާއި އެ މީހުންނަށް ލިބެމުންދާ އަނިޔާތަކުން ހިމާޔަތްކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ސަރުކާރުން ފަސް ނުޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޖިންސީ އަނިޔާ ލިބެމުންދާ ކުޑަކުދީންނާއި އަންހެނުން އިތުވުމަކީ ވަރަށް ހިތާމަ ހުރިކަމެއް ކަމަށާއި އެއްވެސްހާލެއްގައި އެމީހުންނަށް ޖިންސީ ގޯނާ ކުރެވިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ޖިންސީ އަނިޔާ ލިބެމުންދާ އަންހެނުންނާ ކުޑަކުދިން އިތުރުވާ ވާހަކަ. މިއީ ވަރަށް ހިތާމަހުރި ކަމެއް. ކުޑަކުދީންނަށާއި އަންހެނުންނަށް އެއްވެސް ހާލެއްގައި ޖިންސީ ގޯނާ ކުރެވިގެން ނުވާނެ. ޖިންސީ އަނިޔާ ދީގެން ނުވާނެ. އަދި އެފަދަ އަނިޔާއެއް ލިބޭގޮތަށް އަމަލުކޮށްގެން ވެސް ނުވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފަހަކަށް އައިސް ދިމާވެފައިވާ ހާދިސާތަކަށް ބެލުމުން ކުޑަކުދީންނާއި އަންހެނުންނަށް ލިބެމުންދާ އެކި އެކި އަނިޔާތަކުން އެމީހުން ސަލާމަތް ކުރުމުގެ އޮނިގަނޑުގައި ހުރި މައްސަލަތައް ހާމަވެފައިވާ ކަމަށެވެ. އެކަންކަން ދިރާސާކޮށް އިސްލާހުކޮށް ފިޔަވަޅުއެޅުމަށްޓަކައި ކަމާ ބެހޭ މުޒާރާތަށް އެކުލެވޭ ކައުންސިލެއް އުފެދި އެކައުންސިލްގެ މަސައްކަތްތައް ވަރަށް ބާރަށް މިހާރު ކުރިއަށްދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.