21 Jun 2013, 18:18
ދ. މީދޫ، ދެތަނޑިމާގެ، އަހުމަދު ޝަރީފާއި އއ. ރަސްދޫ މެޑޯޒް، ޝިއުނާ ހަސަން ވިހެއުމާ ހަމައަށް ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށެވެ. އެންމެ ފަހު ވަގުތު ހެދި ސްކޭން ތަކުން ވެސް ދަރިފުޅުގެ އެއްވެސް މައްސަލައެއް ހުރި ކަމަކަށް ނުދައްކަ އެވެ. މީގެ ހަ އަހަރު ކުރިން ކުރި ކައިވެންޏަށް ފިރިހެން ކުއްޖަކު ލިބިފައި ތިިބި ދެމަފިރިންގެ ދެވަނަ ދަރިފުޅު ލިބުމާއި ހަމައަށް ވެސް އެއްވެސް އާދަޔާ ޚިލާފު އުނދަގުލެއް ކުރިން ކުރިމަތިވެފައި ނުވާ ކަމަށް ޝަރީފް ސަން އަށް ބުންޏެވެ.
ނަމަވެސް ދެވަނަ އަށް ލިބުނު އަންހެން ދަރިފުޅު އުފަންވިއިރު މޫނުގައި އާދަޔާ ޚިލާފު ބޮޑު ލަފެއް ހުރުން ވެގެން ދިޔައީ އެ ދެމަފިރިންގެ އިތުރުން މުޅި އާއިލާ އަށް ވެސް ލިބުނު ހައިރާން ކަމަކަށެވެ. ފުން ހިތާމަ އަކަށެވެ.
"ކުލަ ސްކޭން ވެސް މިދިޔަ ހަފްތާގައި އަޅުގަނޑުމެން ހެއްދިން. އެއްވެސް ކަމެއް ހުރި ކަމަކަށް ނުދައްކާ،" ވިހޭތާ ތިން ދުވަސްވީ ކުއްޖާގެ ބައްޕަ އަހުމަދު ޝަރީފް ކިޔައިދިނެވެ.
މީދޫ ސްކޫލުގައި ޓީޗަރެއްގެ ވަޒީފާ އަދާކުރާ ޝަރީފް ބުނާ ގޮތުގައި ދަރިފުޅުގެ މޫނަށް ވެފައި ހުރި ގޮތެއް އެއްވެސް ޑޮކްޓަރަކަށް ޔަގީން ކަމާ އެކު ބުނެދޭކަށް ނޭނގެ އެވެ.
"މީގެ ކުރިން މިކަހަލަ ކޭސްއެއް ދިމާވި ކަމަކަށް އެއްވެސް މީހަކު ނުބުނޭ. ޑޮކްޓަރުން ލަފާ ކުރަނީ މިއީ އުފަން ލަފެއް ކަމަށް. އަދި މިއީ އޭގެ ޖަޔަންޓް ވައްތަރު ކަމަށްވަނީ. ދަރިފުޅު ބޮޑުވާ އިރު އެކަމުގެ އަސަރު ކޮށްފާނެތީ ހުރިހާ ޑޮކްޓަރުން ވެސް ސާޖަރީ ހަދަން ލަފާ ދެއްވަނީ،" ޝަރީފް ބުންޏެވެ.
ޝަރީފާއި އޭނާގެ އަންހެނުން މާލޭގައި ދިރިއުޅޭ ގެއަށް ސަންގެ ނޫސްވެރިން މިރޭ ދިޔައިރު، އެނދުމަތީގައި އެ ތުއްތު ކުއްޖާ ބާއްވާފައި އޮތެވެ. އެ ކުއްޖާގެ ހަރަކާތްތައް އެވަރުގެ އެހެން ކުދިންނެކޭ އެއްވެސް ތަފާތެއް ނެތެވެ. އަދި ކުއްޖާއަށް އެއްވެސް އުނދަގުލެއް ވާހެނެއް ވެސް ހިއެއްނުވެ އެވެ. އެ ތުއްތު ތުއްތު ކުއްޖާގެ މޫނުމަތިން ފެންނަނީ މައުސޫމު ކަމެވެ. މޫނުގެ އެއްބަޔާއި ބޮލުން ބޮޑު ބަޔަކަށް ފެތުރިފައިވާ އެ ކަޅުގަނޑުގެ އެއްވެސް އުނދަގުލެއް އެ ތުއްތު ކުއްޖާ އަށް ކުރާ ހެނެއް ހީއެއް ނުވެ އެވެ.
ޝަރީފް ބުނާ ގޮތުގައި ދަރިފުޅުގެ މޫނު ރަނގަޅު ކުރެވެން އަންނަނީ ޕްލާސްޓިކް ސާޖަރީއެއް ހަދައިގެންނެވެ. އަދި އެކަމަށް ކުރަން ޖެހޭ ސީދާ ޚަރަދު ނޭނގުނު ނަމަވެސް "ބޮޑު" ހޭދައެއް ކުރަންޖެހޭ ކަމަށް ހުރިހާ ޑޮކްޓަރުން ވެސް ވިދާޅުވާ ކަމަށް ޝަރީފް ބުންޏެވެ.
ޝަރީފް ބުނީ ދަރިފުޅުގެ ސާޖަރީ އަށް ބޭނުންވާ ޚަރަދު ހޯދުމަށް ވީހާ ވެސް ގިނަ ބައެއްގެ އެހީއަށް އެދޭ ކަމަށެވެ.
އެހީވުމަށް ހުޅުވާފައިވާ އެކައުންޓް ނަމްބަރަކީ: 101-230672-7723 އެވެ.
ގުޅޭނެ ނަމްބަރު: 7757745
ޝަރީފު ވަޒީފާ އަދާ ކުރާ ސްކޫލު ކަމަށްވާ ދ. މީދޫ އަތޮޅު މަދަރުސާގެ އޮފިޝަލަކު މިރޭ ވިދާޅުވީ ޝަރީފުގެ ދެމަފިރިންނަށް މި ލިބުނު ފުން ހިތާމައިގައި ސްކޫލާއި ރަށުގެ ރައްޔިތުން ބައިވެރިވާ ކަމަށެވެ. އަދި މި ކަމަށް އެހީ ހޯދުމަށް ސްކޫލުގައި ފަންޑު ފޮއްޓެއް ބެހެއްޓުމަށް މަސައްކަތް ކުރާ ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވި އެވެ.
ޝަރީފުގެ ދެމަފިރިންނަށް މި ދިމާވި ހިތާމައިގައި އަޅުގަނޑުމެން އެންމެން ބައިވެރިވަން. ވަރަށް ދެރަވޭ. އަންހެން ކުއްޖަކު އެ ހާލުގައި ހުރެ ބޮޑު ވެއްޖެ ނަމަ ވަރަށް ބޮޑަށް ނިކަމެތިކަން އިހުސާސް ކުރެވޭނެ. އަޅުގަނޑުމެންގެ ދުޢާ އަކީ އެ ކުއްޖާ އަށް އަވަސް ޝިފާއެއް މާތްﷲ މިންވަރު ކުރެއްވުން،" މީދޫ ސްކޫލުގެ އޮފިޝަލު ވިދާޅުވި އެވެ.
ޝަރީފުގެ ދެމަފިރިންނާއި ޢާއިލާ އަށް ކުރިމަތިވެފައިވާ ހިތާމައިގައި ސަންގެ ނިއުސް ޓީމު ވެސް ބައިވެރި ވަމެވެ. އަދި ސަން އިން އެދެނީ އެ ތުއްތު ދަރިފުޅަށް އަވަސް ޝިފާ އަކަށެވެ. އާއިލާ އަށް ކެތްތެރި ކަމަށެވެ.