މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމުގައި ޕީޕީއެމް ނޫނީ ކެރިގެން ޕްރައިމަރީއެއް ބޭއްވި އެހެން ސިޔާސީ ޕާޓީއެއް ނެތްކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެ އެވެ.

ދިޓީވީގެ "ހުކުރު ދުވަސް މަސްއޫދާއެކު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޖަމީލު މިއަދު ވިދާޅުވީ ކެރިގެން ޕްރައިމަރީ ބާއްވަން ކެރުނު ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށާއި އެކަމުގެ ސަބަބުން ޕާޓީގެ ތެރޭގައި ޑިމޮކްރެސީ ހަރުދަނާ ކުރަން ފުރުސަތު ލިބިގެން ދިޔަ ކަމަށެވެ.

"މިހާ ކެރިގެން ޕްރައިމަރީއެއް ބާއްވާކަށް އެއްވެސް ބަޔަކަށް ކެރިވަޑައި ނުގަތް. ޕާޓީގެ ތެރޭގައި ޑިމޮކްރެސީ ހަރުދަނާ ކުރަން ފުރުސަތު ލިބިގެން ދިޔަ ކަމެއް ޕްރައިމަރީ ބޭއްވުމަކީ،" ޑރ. ޖަމީލު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ކަމުން ވަކިކުރެއްވި ކުރެއްވުމަށް އިޝާރާތް ކުރައްވައި ޑރ. ޖަމީލު ވިދާޅުވީ އެއީ ރައީސްގެ އަތްޕުޅުގައި އޮންނަ ބާރެއް ކަމަށާއި އެކަމަށް ދަންނަވާނެ އެއްޗެއް ނެތްކަމަށެވެ.

ޑރ. ޖަމީލު ވިދާޅުވީ އާ ގާނޫނު އަސާސީއާ އެކު ފުރިހަމަ ރިޔާސީ ނިޒާމަކަށް ރާއްޖެ ބަދަލުވެގެން ދިޔަ ނަމަވެސް މި ނިޒާމުގައި އިސްލާހު ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ދައުލަތުގެ ތިން ބާރުކަމަށްވާ އަދުލުއިންސާފު ގާއިމް ކުރުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރުގެ އިތުރުން ޝަރުއީ ނިޒާމުގައި އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރައްވައި ޖަމީލު ވިދާޅުވީ ރާއްޖޭގެ އާބާދީއާ އެއްވަރަށް މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވެގެން ދިޔުމަކީ އެއީ އެންމެ ރަނގަޅުގޮތެއް ނޫންކަމަށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލަވާލެވިފައިވަނީ އެންމެ ރަނގަޅަށް ނޫންކަމަށާއި އެ ނޫން އެހެންގޮތަކަށް އެ ކޮމިޝަން ބައްޓަން ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.