މިހާތަނަށް އެންމެ ގިނަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރި ނައިޓް މާކެޓު ބޭއްވި ސަރަހައްދު، މާލޭގެ އިރުދެކުނު ބޮޑުތަކުރުފާނު މަގުން 65 ލޮރީގެ ކުނި ނަގާފައިވާ ކަމަށް އެ ބާޒާރު އިމްތިޒާމް ކުރި ގޯ މީޑިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މިއަދު ބުނެފި އެވެ.

ނައިޓް މާކެޓް މިދިޔަ ބުދަ ދުވަހުގެ ރެއަށް ނިންމާލިއިރު، މާލޭގެ އިރުދެކުނު ބޮޑުތަކުރުފާނު މަގަށް ޖަމާވެފައިވާ ކުނި އެ ސަރަހައްދުން ނަގައި މާލޭ ސިޓީ ކައުންސިލާ އެތަން ހަވާލު ކުރީ މިއަދު މެންދުރު 12:00 ގައެވެ. އެ ސަރަހައްދު ސާފުކުރުން ލަސްވުމުގެ ސަބަބުން އެތަނަށް ޖަމާވެފައިވާ ބައެއް ކުނި ވަޔާއެކު ގޮނޑުދޮށަށާއި މޫދަށް ދިއުމުން އެކަމާ ކަންބޮޑުވެ، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ވަނީ ސިޓީ ކަންސިލާއި ގޯ މީޑިއާގެ ބޭފުޅުންނާ ވާހަކަފުޅު ދައްކާފަ އެވެ.

ގޯ މީޑީއާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް އާމިރު "ސަން" އަށް މިއަދު ވިދާޅުވީ މިދިޔަ ބުދަ ދުވަހުގެ ރެއަށް ނައިޓް މާކެޓް ނިންމާލިއިރު، އެ ސަރަހައްދުގައި ޖަހާފައިވާ ބައެއް ސްޓޯލްތަކުގެ ރޫޅާފައި ވަނީ އިއްޔެ ހަވީރު ކަމަށެވެ. އަދި އެ ސަރަހައްދު ސާފު ކުރުން ލަސްވެގެންދިޔައީ އެހެންވެގެން ކަމަށާއި އެފަދަ ބޮޑު ބާޒާރެއް ބާއްވާއިރު "ކުނި ވެސް ޖަމާވާނެ" ކަމަށާއި އެތަން ސާފު ކުރުމަށް ވަގުތު ނަގާނެ ކަމަށް އާމިރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރޭ ދަންވަރު ހޭލާތިބެގެން ހަތަރު ގްރޫޕަކުން އެ ސަރަހައްދު ސާފުކޮށް، މިއަދު ސިޓީ ކައުންސިލާ އެތަން ހަވާލުކޮށްފައިވާ ކަމަށެވެ.

"ގައުމީ ވަރަށް ބޮޑު ބާޒާރެއް މިއީ. އެތަން ބަޔަކު ޒިޔާރަތް ކުރި ކާރުބާރު ބޮޑުވި ސަރަހައްދެއް އެއީ. އެހެންވީމަ ކުނި ވެސް ހުންނާނެ ނޫންތޯ. އެތަން ސާފު ކުރުމަށް އަޅުގަނޑުމެންނަށް ވަގުތު ބޭނުންވޭ. އެއީ 700 އަށް ވުރެ ގިނަ މޭޒު ޖެހި ސަރަހައްދުގެ ސްޓޯލްތައް ރޫޅާފައި ވަނީ އިއްޔެ ހަވީރުވީ ފަހުން. މިއަދާ ހަމަޔަށް އެތަނުން 65 ލޮރީގެ ކުނި ބޭރުކުރެވުނު،" ނައިޓް މާކެޓް ބޭއްވި ގޯ މީޑިއާގެ ޖެނަރަލް މެޖޭނަރު ވިދާޅުވި އެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ކޮންމެ އަހަރަކު ނައިޓް މާކެޓް ބާއްވާ އިރު، އެތަނަށް ޖަމާވާ ކުނިތައް މޫދަށް ނުދާނެ ގޮތަށް އެ ސަރަހައްދު އަވަހަށް ސާފު ކުރުމަށް ނަސޭހަތްތެރިވަމުން ދިޔަ ކަމަށެވެ. އަދި މިފަހަރުގެ ނައިޓް މާކެޓް މިދިޔަ ބުދަ ދުވަހުގެ ރެއަށް ނިންމާލައި، އިއްޔެ އިރުއޮއްސުނު އިރުވެސް އެ ސަހައްދު ސާފުނުކޮށް ހުރުމުން، އާންމުނަށް އެކަމުގެ އުނދަގޫވެގެންދިޔަ ކަމަށް ނައީމް ވިދާޅުވި އެވެ.

"ނައިޓް މާކެޓް ކުރިން ބޭއްވީ ވިޔަފާރިވެރިންގެ ޖަމިއްޔައިން. އަޅުގަނޑުމެން ކުރިން ނަސޭހަތް ތެރިވީ އެބޭފުޅުންނާ. ނަމަވެސް މިހާރު މުޅިން އަލަށް ގޯ މީޑިއާއިން އެ ބާޒާރު މި ބޭއްވި. އެ ބޭފުޅުންގެ ފުރަތަމަ ފަހަރުވުމުން އަޅުގަނޑުމެން ނަސޭހަތްތެރިވީ،" އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް ވިދާޅުވި އެވެ.