ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދެވޭނީ، ގަވާއިދު ހަދައިގެން ކަމަށް އެމްޑީޕީން ބުނާ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށާއި، މަޖިލިސް ކުރިއަށް ގެންދިއުމަށް ހުރަސް ނޭޅުމަށް އިދިކޮލު ޕީއޭ އިން އެމްޑީޕީއަށް ގޮވާލައިފި އެވެ.


މިކަމާ ބެހޭ ގޮތުން ޕީއޭގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، ޕީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު މާވަށު ދާއިރާގެ އަބުދުލްއަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ، ވަޒީރުންނަށް ރުހުން ދިނުމަކީ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން އެކަން ނުކުރުމަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނޯންނާނެ ކަމަށް ވެސް އޭނަ ވިދާޅުވި އެވެ.


"ގާނޫނު އަސާސީގައި ކުރަން އޮންނަކަމެއް ނުކުރުމަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނޯންނާނެ. ގަވާއިދަކީ މަޖިލީހުގެ ކަންތައް ކުރުމަށް ފަސޭހައަކަށް ގާނޫނުން ބާރު ލިބިގެން ހަދާއެއްޗެއް. ގަވާއިދުގެ ވާހަކައަކީ އެކަން ކުރިއަށް ނުގެންގޮސް ދިގު ދައްމާލުމަށް ދައްކާ ބަހަނާއެއް. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައަކީ، ގާނޫނު އަސާސީން މަޖިލީހަށް ލާޒިމު ކޮށްފައިވާ ކަމެއް،"


އަޒީ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންގެ މައްސަލަ މިހާރު އެޖެންޑާކޮށްފައި ވަނީ ވެސް ވޯޓަށް އެހުމަށް ނޫން ކަމަށެވެ. އަދި އެ މައްސަލަ އެޖެންޑާކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އެކަމާ ގުޅޭ ގޮތުން އޮންނަ މާއްދާއަށް އަމަލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުން ކުރުމާ ގުޅިގެން ދެން އެކަންތައް ކުރިއަށްގެންދާނެ ގޮތަކާ މެދު ވާހަކަ ދައްކައި ގޮތެއް ނިންމުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"މަޖިލީހަށް އެޖެންޑާކޮށްފައި ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ ކަންތައްތައް ދެން ކުރިއަށްގެންދާނެ ގޮތަކާ މެދު ގޮތެއް ނިންމުމަށް. އެކަމާ މެދު ވާހަކަ ނުދައްކައި ގޮތެއް ނުނިންމޭނެ ކަމަކަށް އަޅުގަނޑު ދެކެނީ. އެއީ ގަވާއިދު އިސްލާހުކޮށްގެންވިޔާ އަލުން ގަވާއިދެއް ހެދިއަސް އަދި ގާނޫނެއް ހެދިއަސް. އެ މައްސަލަ ބޭނުން ގޮތަކަށް ނިންމުމަށް ހުށަހެޅުމަށް ޑީއާރުޕީ އަށް ވެސް އެމްޑީޕީ އަށް ވެސް ފުރުސަތު ލިބޭނެ. އެބަޔަކު ބޭނުން ގޮތަކަށް ހުށަހަޅައިގެން މަޖިލީހުން ފާސްކުރައްވައިފިއްޔާ ކުރިއަށް ދިޔައިމަ ނިމުނީނޫންތޯ" އަޒީ ވިދާޅުވި އެވެ.


މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި ވެސް ހިމެނި ވަޑައިގަންނަވާ އަޒީ ވިދާޅުވީ އެކޮމިޓީގައި ވެސް ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތް ނަމަވެސް ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދަވާ ކަމަށާއި ނަމަވެސް ޖަލްސާތައް މެދުކެނޑިގެން ދިއުމުން އެކަމުގެ ދަތިކަން ކޮމިޓީތަކަށް ކުރާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


އެ މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޕީއޭގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ޝަރީފް އާދަމް ވިދާޅުވީ، މަޖިލީސް ހުއްޓުވާލުމަށް އެމްޑީޕީން ކުރާ މަސައްކަތްތައް ޕީއޭ އިން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި އެމްޑީޕީގެ އެ މަސައްކަތަކީ، ކޮރަޕްޝަން ހުއްޓުވުމަށް ބާރުދޭ ގިނަ ބިލުތަކެއް މަޖިލީހަށް ހުށަހެޅިފައި ވާތީ އާއި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދައްމާލުމަށް އެމްޑީޕީންކުރާ މަސައްކަތެއް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނެ ގޮތަކަށް ރާވައި ދިނުމަށާއި ޑިސެމްބަރު މަހުގެ ނިޔަލަށް، ހުކުރު ހޮނިހިރު ފިޔަވައި ހަފްތާގެ ހުރިހާ ދުވަހަކު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވުމަށް އެދި ޕީއޭއިން މަޖިލީހުގެ ރައީސަށް މިއަދު ސިޓީއަކުން ދަންނަވާފައިވާނެ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.