21 Jun 2013, 12:11
އާސަންދައިގެ ޚިދުމަތް ލިބުމުގައި މާލޭގެ ރައްޔިތުންނާއި އަތޮޅުތަކުގެ ރައްޔިތުންނާ ތަފާތުތަކެއް އެބަހުރިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގއ. އަދި ގދ. އަތޮޅަށް ޖުމްހޫރީ ޕާޓީން މިހާރު ކުރަމުން ގެންދާ ދަތުރުގައި ރޭ ގއ. ވިލިނގިލީގައި ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ ދައުލަތުން ފޯރުކޮށްދޭ އާސަންދަ ނިޒާމުން ޚިދުމަތް ލިބުމުގައި ވެސް މާލޭގެ ރައްޔިތުންނާ އަތޮޅުތެރޭގެ ރައްޔިތުންނާ ތަފާތުތަކެއް ހުންނަ ކަމަށެވެ.
ގާސިމު ވިދާޅުވީ އަތޮޅުތަކާއި މާލޭގެ ތަފާތުތައް ނައްތާލުމަށް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އާސަންދަ ނިޒާމަށް ހަރުދަނާ ރަނގަޅު ބަދަލުތަކެއް ގެންނަވާނެ ކަމަށާއި އަދި ރާއްޖޭގެ އެމްބަސީއެއް ހުރި ކޮންމެ ގައުމަކުން ވެސް އާސަންދައިގެ ޚިދުމަތް ދިވެހިންނަށް ލިބޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސަވާނެ ކަމަށެވެ.
އަންނަ ސެޕްޓެމްބަރު މަހު 7 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިންގައި ގާސިމު ވިދާޅުވީ އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ބޭސް ފިހާރަ ހަދައި ހިންގުމަށް ބައެއް ރަށްރަށުން ބޭނުންވެގެން މަސައްކަތް ކުރި ނަމަވެސް ދައުލަތަށް އެވަރުގެ އެހީތެރިކަމެއް ފޯރުކޮށްދެވިފައި ނުވާ ކަމަށާއި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެކަން ހަމަޖައްސަވާނެ ކަމަށެވެ.
އާސަންދައިގެ ހިދުމަތް އަތޮޅު ތެރޭގައި ތަފާތު ކަމަށް ގާސިމު ދެއްކެވި ވާހަކަފުޅާ ބެހޭ ގޮތުން ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި އާސަންދައިގެ ޗެއާމަން ތޯރިގު އަލީ ލުތުފީ ވިދާޅުވީ އާސަންދައިގެ ހިދުމަތް އަތޮޅުތަކާއި މާލެ އާ ތަފާތު ވާނީ އެ ތަނެއްގައި ހުރި ފެސިލިޓީއެއްގެ މައްޗަށް ކަމަށެވެ. އެނޫން ތަފާތެއް ނުހުންނާނެ ކަމަށާއި އާސަންދަ އަކީ ސާވިސް ޕްރަވައިޑާއެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ އާސަންދަ އާއި ބޭރުގެ ހޮސްޕިޓަލްތަކާ އެކު ހަދާ އެގްރީމަންޓްގެ ދަށުން އައުޓް ރީޗް ޕްރޮގްރާމްތަކެއް ފެއްޓެވުމަށް ނިންމަވާފައިވާ ކަމަށާއި އޭރުން އެއްބަސްވެވޭ ގޮތެއްގެ މަތީން އަތޮޅުތަކަށް އާސައިންދައިގެ ހިދުމަތް އިތުރަށް ފުޅާކޮށްދެވޭނެ ކަމަށެވެ.