21 Jun 2013, 03:02
ފީފާ ކޮންފެޑެރޭޝަންސް ކަޕްގައި މިރޭ 10-0 ލަނޑުން ޓަހީޓީ ބަލިކޮށް، ދުނިޔޭގެ ޗެމްޕިއަން ސްޕެއިން އެ މުބާރަތުގެ ތާރީހުގައިވެސް އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ޓީމެއް ބަލި ކުރުމުގެ ރެކޯޑް މުގުރާލުމަށްފަހު މުބާރާތުގެ ސެމީފައިންލުން ޖާގަ ހޯދައިފި އެވެ.
ފީފާ ކޮންފެޑެރޭޝަންސް ކަޕްގައި މިހާތަނަށް އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ޓީމެއް ބަލިކުރުމުގެ ރެކޯޑް އޮތީ ބްރެޒިލް އަތުގަ އެވެ. 1999 ވަނަ އަހަރުގެ ކޮންފެޑޭރޭޝަންސް ކަޕްގައި ބްރެޒިލް އަތުން ސައޫދީ އަރަބިއްޔާ ބަލިވެފައިވަނީ 8-2 ލަނޑުން ނެވެ. އެ މެޗުގައި ބްރެޒިލްގެ ހީރޯ، ރޮނާލްޑީނިއޯވަނީ ހެޓްރިކެއް ހަދާފަ އެވެ.
ވަރުގަދަ އަޒުމަކާއެކު ސްޕެއިންއާ ކުރިމަތިލީ ޓަހީޓީގެ ގޯލް މެޗުގެ ފަސް ވަނަ މިނިޓުގައި ސްޕެއިން ޓީމަށް ހުޅުވާލަ ދިން ޗެލްސީގެ ފޯވަޑް ފެނާންޑޯ ޓޮރޭޒް ވަނީ އެ މެޗުގައި ހަތަރު ލަނޑު ކާމިޔާބު ކޮށްފައި ވާއިރު ބާސެލޯނާގެ ޑޭވިޑް ވިޔާ ވަނީ ހެޓްރިކެއް ހަދާފަ އެވެ. އަދި މެންޗެސްޓާ ސިޓީގެ ޑޭވިޑް ސިލްވާ، ދެ ލަނޑު ކާމިޔާބު ކޮށްދީފައިވާއިރު ޗެލްސީގެ ހުއާން މާޓާވަނީ އެއް ލަނޑު ކާމިޔާބުކޮށްފަ އެވެ. ޓޮރޭޒް ވަނީ އެ މެޗުގައި ލިބުނު ޕެނަލްޓީއެއް ގެއްލުވާލާފަ އެވެ.
މިރޭގެ މެޗުގައި ޓޮރޭޒް ކާމިޔާބުކުރި ހަތަރު ލަނޑާއެކު އޭނާ ސްޕެއިންގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ލަނޑުގެ އަދަދު 35ށް އަރާއިރު މިރޭގެ މެޗުގައި ޑޭވިޑް ވިޔާ ހެދި ހެޓްރިކާއެކު އޭނާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ލަނޑުގެ އަދަދު 56ށް އަރައެވެ.
ދުނިޔޭގެ އަދި ޔޫރަޕްގެ ޗެމްޕިއަން އަތުން ދިހައެއް ސުމަކުން ބަލިވި ޓަހީޓީގެ ފުޓްބޯޅައިގެ ތާރީހުގައިވެސް ހަނދާން ނުނެތޭނޭ ވަރުގެ ނަތީޖާއަކަށް މިރޭ މެޗުގެ ނަތީޖާ ވެގެންދާއިރު 2004 ވަނަ އަހަރު އެކުލަބް ވަނީ ހަމަ އެ ނަތީޖާއިން ނިއުޒިލެންޑް އަތުން ބަލިވެފަ އެވެ.
ގާތްގަނޑަކަށް 178،000 މީހުންގެ އާބާދީއެއް އޮތް، އަދި ފީފާ ފުޓްބޯޅަ ރޭކިންގައި 138 ވަނައިގައި އޮތް ޓަހީޓީ، ފީފާ ކޮންޕެޑެރޭޝަންސް ކަޕަށް ކޮލިފައިވީ، 2010ގެ ވޯލްޑްކަޕް ކުޅުނު ނިއުޒީ ލޭންޑު ބަލިކޮށް، އޯޝޭނިއާ ނޭޝަންސް ކަޕް ކާމިޔާބު ކޮށްގެންނެވެ.
ކޮންފެޑެރޭޝަންސް ކަޕްގައި، އަން އާދީއްތަ ދުވަހުގެރޭ އުރުގުއޭއާ ދެކޮޅަށް، ޓަހީޓީ ނުކުންނައިރު އެރޭ ސްޕެއިން ނުކުންނާނީ ނައިޖީރިޔާއާ ދެކޮޅަށެވެ.