20 Jun 2013, 23:44
ގިނަ ކާޑު ތަކެއް ފެނިގެންދިޔަ ފޯރިގަދަ ލީގު މެޗުގައި މިރޭ ބީޖީ ސްޕޯޓްސް އަތުން 2-1 ލަނޑުން ބަލިވެ، ވީބީ އައްޑޫ އެފްސީއަށް ރެލިގޭޝަން ކަށަވަރު ވެއްޖެ އެވެ.
ދިރާގު ދިވެހި ލީގުގައި މިހާތަނަށް އައި އިރު ކޮންމެ ޓީމެއް ވަނީ 13 މެޗު ކުޅެފަ އެވެ. އެގޮތުން ފުރަތަމަ ބުރުގައި ކޮންމެ ޓީމަކަށް ބާކީ އެންމެ މެޗެއް އޮތް އިރު، ދިވެހި ލީގު ތިންފަހަރު ކާމިޔާބުކޮށްފައިވާ ވީބީ އޮތީ، އެންމެ ނުވަ ޕޮއިންޓާއެކު ތާވަލުގެ ފުލުގަ އެވެ. އަދި މި ސީޒަންގައި ރެލިގޭޝަން ޔަގީންވި ފުރަތަމަ ކްލަބްކީވެސް ވީބީ އެވެ.
މިރޭގެ މެޗުގައި ބީޖީއަށް ވީބީގެ ގޯލް ހުޅުވާލަ ދިނީ މެޗުގެ 18 ވަނަ މިނިޓުގައި ވީބީގެ ކުރީގެ ކެޕްޓަން އަޝްހަދު އަލީ (އަޑުބަރޭ) އެވެ. ސަސްޕެންޝަންގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރެފައި މިރޭގެ މެޗަށް ނުކުތް އަޑޭ، ލަނޑު ކާމިޔާބު ކުރީ، ބީޖީގެ ބިދޭސީ ފޯވަޑް އުސްމާން އަބްދުލް ކެޑާ ޑިއާނީ ތަނަވަސް ކޮށްދިން ފުރުސަތަކުން ނެވެ.
މެޗުގެ 52 ވަނަ މިނިޓުގައި ވީބީއަށް ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްދިނީ، ކުރިން ވީބީއަށް ކުޅުމަށްފަހު މިސީޒަނަށް ކްލަބް ވެލެންސިޔާއާ ގުޅުމަށްފަހު މުސާރައިގެ މައްސަލައިގައި ވެލެންސިޔާ ދޫކޮށް އިއްޔެގެ ވަގުތެއްގައި އަލުން އެނބުރި ވީބީއާ ގުޅުނު ޝަމްވީލް ގާސިމް (ބޮންޑާ) އެވެ. ބޮންޑާ އެ ލަނޑު ކާމިޔާބުކުރީ، ވީބީއަށް ލިބުނު ޕެނަލްޓީއަކުން ނެވެ.
މެޗުގެ 48 ވަނަ މިނިޓުގައި ވީނީގެ ވިކްޓާ ބްރެނިމިރޯފްގެ ގައިގައި ގަސްދުގައި ޖެހުމާ ގުޅިގެން ރެފްރީ ވަނީ، ބީޖީގެ ގޯލް ކީޕަރު އިބްރާހީމް އިފްރާހް އަރީފް އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. އަދި 83 ވަނަ މިނިޓުގައި އުސްމާނީ، ޝަމްވީލް ގާސިމަށް ފައުލް ކުރުމާ ގުޅިގެން ދެވަނަ ރީނދޫ ކާޑަކާއެކު ރެފްރީ ވަނީ އުސްމާނީއަށްވެސް ރަތްކާޑު ދައްކާފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ވީބީގެ ހަސަން ފައިރޫޒް، ބީޖީގެ އަޑުބަރޭއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީވަނީ ފައިރޫޒަށްވެސް ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.
ބީޖީ މިރޭގެ މެޗުން މޮޅުވި ލަނޑު ޓީމަށް ކާމިޔާބު ކޮށްދިނީ ބީޖީގެ ޕެނަލްޓީ އޭރިޔާ ބޭރުން، އަޑުބަރޭއަށް ފައިރޫޒް ކުރި ފައުލާ ގުޅިގެން އެޓީމަށް ލިބުނު ހިލޭ ޖެހުމެއް ވީބީގެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން އަހްމަދު އަޝްފާން އެވެ.
މިރޭގެ ނަތީޖާއާއެކު ލީގު ތާވަލަށް ބަލައިލާއިރު ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 39 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތީ ނިއު ރޭޑިއަންޓް އެވެ. އަދި 25 ޕޮއިންޓާއެކު މާޒިޔާ، ތާވަލުގެ ދެވަނައިގައި އޮތް އިރު، 18 ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ ވެލެންސިޔާ އެވެ. 16 ޕޮއިންޓާއެކު ބީޖީ ހަތަރު ވަނައިގައި އޮތް އިރު 15 ޕޮއިންޓާއެކު ފަސް ވަނައިގައި އޮތީ އޭވައިއެލް އެވެ.
ތާވަލުގެ ހަ ވަނައިގައި 14 ޕޮއިންޓާއެކު އީގަލްސް އޮތްއިރު 11 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައި އޮތް ވިކްޓަރީއަށް އަދިވެސް ރެލިގޭޝަނުން ސަލާމަތްވުމުގެ ކުޑަ އުއްމީދެއް އެބަ އޮތެވެ. އެއީ މިބުރުގައި އީގަލްސް ކުޅޭ ފަހު މެޗުން މާޒިޔާ އަތުން ތަފާތު ބޮޑުކޮށް ބަލިވެ، އަދި ބީޖީ ސްޕޯޓްސް އަތުން ވިކްޓަރީ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، އީގަލްސްއާއި ވިކްޓަރީއާ އެދެމެދު އޮތް 11 ލަނޑުގެ ތަފާތު ނެތިކޮށްލުމެވެ.