20 Jun 2013, 23:40
ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ކުލަބު ވެލެންސިޔާއާ ވާދަކޮށް 2-2 އިން މެޗުގެ ނަތީޖާ ހަމަހަމަވީ ނަމަވެސް ލިބުނު ޕޮއިންޓާއެކު ކްލަބް އީގަލްސް ރެލިގޭޝަނުން ސަލާމަތްވުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
މިއަދުގެ ނަތީޖާއާއެކު ތާވަލުގެ ހަ ވަނައިގައި އީގަލް އޮތީ 14 ޕޮއިންޓާއެކު އެވެ. އަދި ހަތްވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 11 ޕޮއިންޓެވެ. ދެވަނަ ބުރުގައި ކޮންމެ ޓީމަކަށްވެސް ބާކީ އެއް މެޗު އޮތްއިރު، ވިކްޓަރީއަށް ރެލިގޭޝަނުން ސަލާމަތްވާން އޮތް ހަމައެކަނި ގޮތަކީ، މިބުރުގައި އީގަލްސް ކުޅޭ ފަހު މެޗުން މާޒިޔާ އަތުން ތަފާތު ބޮޑުކޮށް ބަލިވެ، އަދި ބީޖީ ސްޕޯޓްސް އަތުން ވިކްޓަރީ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، އީގަލްސްއާއި ވިކްޓަރީއާ އެދެމެދު އޮތް 11 ލަނޑުގެ ތަފާތު ނެތިކޮށްލުމެވެ.
މިއަދުގެ މެޗުގައި އީގަލްސްއަށް ކުރި ހޯދައި ދިނީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ލަނޑެއް ކާމިޔާބުކޮށް އިސްމާއީލް ޝަފީއު އެވެ. އަދި އީގަލްސްގެ ދެވަނަ ލަނޑު 59 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ، އަޙްމަދު އިމާޒު (އާއްކޮ) އެވެ.
ފަހުހާފުގައި ކުޅުން ރަނގަޅުކޮށް ވެލެންސިޔާގެ ފުރަތަމަ ލަނޑު އެކުލަބަށް ކާމިޔާބުކޮށްދިނީ 71 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން އިބްރާހީމް ހަމްދާން އެވެ. އަދި އޭގެ އަށް މިނިޓު ފަހުން ލަނޑެއް ކާމިޔާބުކޮށް ވެލެންސިޔާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަލީ ޝަރީފް އެވެ.