20 Jun 2013, 22:44
ޕީޕީއެމް އިން މިހާރުގެ ސަރުކާރުގައި ތިބީ ރައީސް ޑރ. މުހައްމަދު ވަހީދު ބޭނުންފުޅުވާ ސިޔާސީ މަންޒިލަށް ވަޑައިގެންނެވޭނެ ގޮތަށް މަގު ކޮށައިދޭން ނޫން ކަމަށާއި ޕީޕީއެމްގެ ފަރާތުން ސަރުކާރުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކި ކުރެއްވި ނަމަވެސް އެ ޕާޓީގެ މަސައްކަތްތަކަށް އެއްވެސް ތަފާތެއް ނާންނެ ކަމަށް ޕީޕީއެމް ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕިއެމްގެ ކެމްޕެއިން ދަތުރުގައި މާލެ އަތޮޅު މާފުއްޓަށް މިއަދު ހަވީރު ވަޑައިގެން އެ ރަށުގެ ބައެއް މީހުންނާއި ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިން ކުރި ސުވާލަތަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ ޕީޕީއެމް ސަރުކާރުގެ ތެރޭގައި ތިބީ ސަރުކާރު ދަމަހައްޓައި ސަރުކާރުން ކުރާ ކަންކަމުގައި އެއްބާރުލުން ދޭން ކަމަށެވެ.
ނަމަވެސް ވިދާޅުވީ ޕީޕީއެމް ބޭނުންވާ ކަންކަން ކުރެވޭނީ ވެސް ޕީޕީއެމް ވެރިކަމަށް އައިސްގެން ކަމަށާއި ރައީސް ވަހީދުގެ މެނިފެސްޓޯ އާއި ޕީޕީއެމްގެ މެނިފެސްޓޯއާ މުޅިން ތަފާތު ކަމަށެވެ.
"އަޅުގަނޑުމެން މި ސަރުކާރު ތެރެއަށް މި ވަނީ މި ސަކާރު ދަމަހައްޓަދޭން. ސަރުކާރުން ކުރާ މަސައްކަތްތައް ދަމަހައްޓައިދޭން. ރައީސް ވަހީދުގެ ސިޔާސީ މަންޒިލަށް ވަޑައިގަންނަވަން އެމަނިކުފާނަށް މަގުކޮށައިދޭކަށް ނޫން. އަޅުގަނޑުމެންނަކީ ސިޔާސީ ގޮތުން ތަފާތު ފިކުރެއްގެ ސިޔާސީ ޕާޓީއެއް. އެހެންވީމާ އަޅުގަނޑުމެން ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ޕާޓީގެ މެނިފެސްޓޯ އާއި އަޅުގަނޑުމެން ކުރަން ބޭނުންވާ ކަންކަން ގެނެސްދެވޭނީ އަޅުގަނޑުމެންގެ ސަރުކާރެއް އައިސްގެން. އަޅުގަނޑުމެންގެ ތަސައްވަރެއް ނޫން ނޫނިއްޔާ އަޅުގަނޑުމެން އެދޭ ކަންތައްތަކެއް ނޫން، ނޫނިއްޔާ ހޯދަދޭން ބޭނުންވާ ފަސޭހަތަކެއް ނޫން ޑރ. ވަހީދުގެ މެނިފެސްޓީގައި އެހެރީކީ،"
ޔާމިން ވިދާޅުވީ މި ސަރުކާރުގައި ތިއްބެވި ވަޒީރުންނާއި އިސް ބޭފުޅުން ތިއްބެވީ މަގާމުން ވަކި ކުރައްވައިފާނެ ކަމަށް ވެސް ދެކިވަޑައިގެން ކަމަށާއި މަގާމުން ވަކިކުރައްވައިފާނެ ކަމަށް ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ފަސްޖެހިފައި ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ ސިޔާސީ މަސައްކަތުގައި ފަސްޖެހިވަޑައިގަންނަވާ ހަމަ އެންމެ ވަޒީރަކު އަޅުގަނޑުމެން ތެރެއަކުން ނެތް. ސްޓޭޓް މިނިސްޓަރުން ވެސް ޑެޕިއުޓީ މިނިސްޓަރުން ވެސް އަޅުގަނޑުމެނާ އެކު ދަތުރުތައް އެބަ ކުރައްވާ. އެހެންވީމަ އެކަހަލަ ފަސްޖެހުމެއް ނެތް. ދެން އަނެއްކާ އަޅުގަނޑުގެ ރަނިންމޭޓަކަށް ޑރ. ޖަމީލް ހަމަ ޖައްސާ އިއުލާން ކުރެއްވުމާ އެކު ޖަމީލް މަގާމުން ހޯމް މިނިސްޓަރު ކަމުން ] ވަކި ކުރެއްވީ. އެހެންވީމާ އަޅުގަނޑުމެންގެ ޕާޓީގެ އެހެން ބޭފުޅަކަށް އެފަދަ ދަތުރެއް ޖެހުނަސް އެ ތިއްބެވީ ޝާމިލްވެވަޑައިގެން ކުރައްވަން،"
ޕީޕީއެމްގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި "ވަރަށް ވަރުގަދަ" ތަރައްގީއެއް ގެނައުން ކަމަށާއި އަދި އޭގެ ފަހުގައި ވެރިކަމަށް އަންނަ ބަޔަކަށް ބޮލުގައި ރިހުމަކާ ނުލައި ސަރުކާރު ހިންގޭނެ ފަދަ ހާލަތަކަށް ރާއްޖެ ގެންދިއުން ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ހަމަ މި ރާއްޖެ އަށް ވަރަށް ވަރުގަދަ ތަރައްގީއެއް ގެނައުން. ދެން އޭގެ ފަހުގައި ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް އެއްވެސް ކަހަލަ ބޮލުގެ ރިހުމަކާއިނުލާ ސަރުކާރު ހިންގޭވަރުގެ ހަމަ ޖެހުމަކާއި ހަމައަށް ސަރުކާރު ގެންދަން ބޭނުންވޭ،" ޔާމިން ވިދާޅުވި އެވެ.
ޔާމިންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ހިމެނިވަޑައިގެންނެވި ބައެއް މެންބަރުން މިއަދު ހިންމަފުއްޓަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ސަރުކާރުގެ ބައެއް އޮފީސްތަކުގެ ވެރިންނާއި ވަނީ ބައްދަލުކުރައްވައިފަ އެވެ.