20 Jun 2013, 17:43
ސްޓެލްކޯ އިން އިންޖީނުތަކެއް ބަހައްޓާފައިވާ ދެ ބިމެއް މި މަސް ނިމުމުގެ ކުރިން ހުސްކުރަން މާލޭ ސިޓީ ކައުންސިލުން ނޯޓިސް ދިނުމުން އެބިން ހުސްކުރުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ސްޓެލްކޯ އިން ސިޓީ ކައުންސިލްގައި އެދިއްޖެ އެވެ.
ސިޓީ ކައުންސިލް އިން ސްޓެލްކޯ އަށް ހުސްކުރުމަށް އަންގާފައިވާ ބިމަކީ އެފްއެސްއެމް ފިއުލް ސުޓޭޝަން ފުރަގަހުގައި އޮންނަ 20000 އަކަފޫޓުގެ ގާކޮށި ބިމާއި އެތަނާއި އިންވެގެން އޮންނަ ދޮންއަނދަރާދަ ހިނގުމުގެ 800 އަކަފޫޓް ބިމެވެ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފް މިއަދު ވިދާޅުވީ ސިޓީ ކައުންސިލް އިން ހުސްކުރުމަށް އަންގާފައިވާ ގާކޮށީގައި މިވަގުތު ވެސް ތިން އިންޖީނު ހިންގަމުންދާ ކަމަށާއި އެ އިންޖީނުތަކާއި ނުލައި މާލެއަށް ކަރަންޓްގެ ހިދުމަތް އެންމެ އެދެވޭ ގޮތަކަށް ނުދެވޭ ކަމަށެވެ. އަދި ދޮންއަނދަރާ މަގަކީ ގާކޮށީގައި ހުންނަ އިންޖީނުތަކަށް ބޭނުންވާ ތެލާއި ފެން ސަޕުލައި ކޮށްދިނުމަށް ހޮޅި އަޅާފައިވާ މަގެއް ކަމުން އެތަން ހުޅުވާލައިފި ނަމަ ނުރައްކާވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވާނީ ސިޓީ ކައުންސިލްގަ އެދިފައި އަޅުގަނޑުމެނަށް ހައްލެއް ލިބެންދެން އެތަންތަން ހުސްނުކޮށް ބޭއްވުމަށް. ދެން މިއަދު ލިޔުނީ އެހެންކަމުން އަދި އެކަމަކަށް ޖަވާބެއް ލިބިފައެއް ނުވޭ،" ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެބިން ހުސްކުރެވޭނެ ވަކި ދުވަހެއް ބުނަންދަތި ކަމަށާއި އަދި އެކަން ކުރަންބޭނުން ނަމަ ހުޅުމާލޭގައި ރަނގަޅުފެން ވަރަކަށް އިންޖީނުގޭ ގާއިމްކުރެވި މާލެއަށް ސަޕްލައި ކޭބަލް އެޅަން ޖެހޭ ކަމަށާއި އެޕްލޭންގެ ދަށުން މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ލަތީފް އިތުރަށް ވިދާޅުވީ އެބިމަކީ 2009 ވަނަ އަހަރުން ފެށިގެން ސްޓެލްކޯ އަށް ދޫކޮށްފައިވާ ބިމެއް ކަމަށާއި އަދު އެބިމުގެ އެގުރިމެންޓް 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ. އަދި ކޮންމެ މަހަކު ވެސް އެ ބިމަށް ކުލީގެ ގޮތުގައި 115500ރ. ދައްކަމުންދާ ކަމަށް ވިދާޅުވި އެވެ.
އެ މައްސަލާގައި ސިޓީ ކައުންސިލްގެ ބަހެއް މިހާތަނަށް ލިބިފައިނުވާ އިރު ސްޓެލްކޯ އަށް ފޮނުވި ސިޓީގައި މާލޭ ސިޓީ ކައުންސިލް އިން ބުނެފައި ވަނީ ސްޓެލްކޯ އިން އެބިންތައް ބޭނުން ކުރާތީ އެ ސަރަހައްދު ބެދިފައި ވުމުން ދަތުރުފަތުރުކުރުމަށް ދަތިވާކަމަށް ބުނެ އެވެ.