ރާއްޖޭގެ ކުންފުންޏަކުން ސްރީލަންކާގައި 170 މިލިއަން ޑޮލަރު (2.6 ބިލިއަން ރުފިޔާ)ގެ ލަގްޒަރީ ހޮޓަލެއް ހަދަން ނިންމައިފި އެވެ.

ލަންކާ ބިޒްނަސް އޮންލައިންގައި ބުނެފައި ވަނީ ރާއްޖޭގެ އިއޮން ރެޒޯޓްސް އިން ހޮޓާ އެޅުމަށް ހަމަޖެހިފައި ވަނީ ކޮލަމްބޯގެ ޑީއާރު ވިޖެވަރުދަނާ މަވައްތައިގަ ކަމަށެވެ. އަދި އެ ކުންފުނިން އެ މަޝްރޫއު ކުރިޔަށް ގެންދަން ހުށަހެޅި ޖޮއިންޓް ޕްރޮޕޯސަލަށް ކެބިނެޓުން ހުއްދަ ދީފައިވާ ކަމަށެވެ.

ލަންކާ ބިޒްނަސް އޮންލައިންގައި ބުނެފައި ވަނީ މަތީ ފެންވަރުގެ ވިޔަފާރިވެރިންނަށް އަމާޒުކޮގެން ހަދާ 300 ކޮޓަރި އާއި 100 ލަގްޒަރީ އެޕާޓްމަންޓް ހިމެނޭ 45 ބުރީގެ އިމާރާތް ހެދުމަށް ހަމަޖެހިފައި ވަނީ އެ ގައުމުގެ ފިޝަރީޒް މިނިސްޓްރީގެ ކުންފުންޏެއް ކަމަށްވާ ސީ ނޯ ފައުންޑޭޝަންގެ އޮފީސް މިހާރު ހުންނަ ބިމުގައި ކަމަށެވެ.

ލަގްޒަރީ ހޮޓަލެއްގެ އިތުރުން ގާތްގަނޑަކަށް 150،000 އަކަފޫޓުގެ ޝޮޕިން މޯލަކާއި 2000އަކަފޫޓުގެ ފުޑް ކޯޓެއް ވެސް ހެދުމަށް ހަމަޖެހިފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

އިއޮން ރިސޯޓްސްގެ ވެބްސައިޓްގައި ބުނެފައި ވަނީ އެ ކުންފުނިން ރާއްޖޭގެ ރިސޯޓްތައް ތަރައްގީކޮށް ވެރިފަރާތަށް އޮޕަރޭޓްކޮށްދޭ ކަމަށެވެ. އެ ކުންފުނިން ތަރައްގީކޮށް އަދި ހިންގާ ރިސޯޓްތަކުގެ ތެރޭގައި ޖުމެއިރާ ދެވަނަފުށި، ޖުމައިރާ ވިޓަވެލި، ސިކްސްސެންސަސް ލާމު، ށ. ވަގަރުގައި ހެދި ވައިސްރޯއި މޯލްޑިވްސް، ކޮންސްޓެންސް ހަލަވެލި، ދަ އައިލެންޑް ހައިޑަވޭ އަދި ސޮނެވާ ގިލަ ހިމެނެ އެވެ. މީގެ އިތުރުން އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ހުޅުވުމަށް ހަމަޖެހިފައިވާ އެޓްމޮސްފިއާ ކަނިފުށި މޯލްޑިވްސް އަކީ އެ ކުންފުނިން ހިންގަން ހަމަޖެހިފައިވާ ރިސޯޓެކެވެ.