20 Jun 2013, 17:37
ރާއްޖޭގައި ބޭނުންކުރަމުން އަންނަ ދިވެހި ރުފިޔާގެ ވަކި ލާރި ސްޓޮކް މަދުވެފައިވާތީވެ އަލުން ޖަހައިގެން ވަކި ލާރި މިއަދު ގެނެސްފައިވާ ކަމަށް މޯލްޑިވްސް މަނެޓަރީ އޮތޯރިޓީ އިން ބުނެފި އެވެ.
އެ އޮތޯރިޓީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ފައިސާ ފޮތިތަކުގެ ތެރެއިން 1 ރުފިޔާ، 50 ލާރި އަދި 25 ލާރީގެ ފައިސާ ފޮތިތަކުގެ ސްޓޮކް މަދުވުމުގެ ސަބަބުން އަލުން ޖަހައިގެން މިއަދު ސްޓޮކް ރާއްޖެ ގެނެސްފައިވާ ކަމަށެވެ.
އަދި މިއަދު ގެނެވުނު ފައިސާ ފޮތިތައް މިހާރު ދައުލަތުގެ ހަޒާނާގައި ރައްކާކުރެވިފައިވާ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
އެމްއެމްއޭ އިން އެންމެ ފަހުން ވަކި ލާރި ޖަހައިގެން ގެނެސްފައި ވަނީ މިދިޔަ އަހަރުގެ މޭ މަހުގަ އެވެ.
އެފަހަރު ދެކޮންޓެއިނަރެއްގެ ވަކި ލާރި އެމްއެމްއޭއަށް ވަނީ ގެނެސްފަ އެވެ. އެމްއެމްއޭއަށް ވަކި ލާރި ޝިޕްމަންޓް ގެނައި އިރު ސިފައިންނާއި ފުލުހުން ވަނީ އެސަރަހައްދުގައި ހަތިޔާރާއެކު ފޯރި މަރާފަ އެވެ.
ރާއްޖެއަށް ޓެކްސްގެ ނިޒާމެއް ތައާރަފުކުރުމަށްފަހު، ޖީއެސްޓީ ފަދަ ޓެކްސްތައް ނަގަން ފެށުމާ ގުޅިގެން ވަކި ލާރީގެ ބޭނުން ބޮޑުވެގެން ދިޔަ ކަން ފާހަގަކޮށްލެވެ އެވެ.