20 Jun 2013, 16:15
މިދިޔަ ސީޒަނަށްފަހު ވިކްޓަރީ ސްޕޯޓްސް ކްލަބުން، ކްލަބް ވެލެންސިޔާއަށް ބަދަލުވި ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު، އަކްރަމް ޢަބްދުލް ޣަނީ، މިއަދު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ގުޅިއްޖެ އެވެ.
އަކޫ ނިއުއާ ގުޅުނުކަން އިއުލާން ކުރީ މިއަދު ހަވީރު އެފްއޭއެމް ހައުސްގައި، ނިއުއިން ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި އެ ކްލަބްގެ ޗެއާމަން ޢަލީ ވަހީދު (ބަލަކް) އެވެ.
"އަޅުގަނޑު ވަރަށް އުފާކުރަން އަޅުގަނޑުމެންގެ 13 ނަންބަރު ޖާޒީގަ އަކުރަމް އަނެއްކާވެސް އަޅުގަނޑުމެންނާ ގުޅުނީމަ،" ނިއުގެ ޗެއާމަން ބަލަކް ވިދާޅުވި އެވެ. "އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ކޯޗު ވަނީ ދެ ކުޅުންތެރިއަކު ހޯދުމަށް މެނޭޖްމަންޓުގައި އެދިފައި. އެހެން ކަމުން އަކޫ ލިބުމުން އޭގެ ވަރަށް ބޮޑުބައި މިވަނީ ހަމަޖެހިފައި"
އަކޫ ނިއުއާ ގުޅުނީ ކިހާ މުއްދަތަކަަށް ކަން ކުލަބުން ހާމަ ކޮށްފައި ނުވިނަމަވެސް ބަލަކް ވިދާޅުވީ އަކޫ ނިއުރޭޑިއެންޓްގައި ދިގު މުއްދަތަކަށް ހުންނާނޭ ކަމަށެވެ. އަދި މި ސީޒަން ފެށުނު ފަހުންވެސް ނިއުގެ 13 ނަންބަރު ޖާޒީ އެހެން ކުޅުންތެރިއަކަށް ދީފައި ނުވަނީ އޭރުއްސުރެންވެސް އަކޫ ހޯދުމުގެ މަސައްކަތް އެ ކުލަބުުން ކުރިއަށް ގެންދާތީ ކަމަށެވެ.
"އަޅުގަނޑުމެން މި ސީޒަން ފެށުނު އިރުވެސް އަކޫ ނިއުއަށް ގެންނަން މަސައްކަތް ކުރިން. އެކަމަކު އޭރު، އަކޫގެ ބޭބެ ވެލެންސިޔާއާ ގުޅުމުން އެކަންތައް ހަމަ ނުޖެހުނީ،" ބަލަކް ވިދާޅުވި އެވެ. "އަކްރަމަކީ އަޅުގަނޑާވެސް ވަރަށް ގާތް، އިތުބާރު ކުރެވޭ ކުޅުންތެރިއެއް. އެހެން ކަމުން އޭއެފްސީ ކަޕްގައި ނިއުއާ އަކޫ ގުޅުމަކީ ޓީމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ދިރުމެއް"
ނިއުރޭޑިއެންޓަށް ބަދަލުވުމާ ގުޅޭ ގޮތުން އަކޫ ބުނީ، މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރާ ވަރަށް ބޮޑަށް ހުޅިފައިވާ ނިންމުމެއް ކަމަށެވެ.
"އަޅުގަނޑު ނިއުއާ މިގުޅުނީ ކޮންމެހެން ނިއު، އޭއެފްސީ ކަޕްގެ ދެވަނަ ބުރަށް ގޮސްފައި އޮތުމުންނެއް ނޫން. އަޅުގަނޑަކީ ފުޓްބޯޅައިގަ އަދިވެސް އިތުރަށް ކުރިއަށް ދާން ބޭނުންވާ މީހަކަށް ވީމަ، ވަރަށް ވިސްނާފައި ނިންމި ނިންމުމެއް މިއީ،" އަކޫ ބުންޏެވެ.
އަކޫ ބުނީ، ގިނަ ދުވަސް ތަކަކަށްފަހު އަނެއްކާވެސް އުމޭރުއާ އެއް ޓީމަކަށް ކުޅެން ލިބުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.
"ވަރަށް ގިނަ ދުވަސްތަކަކަށް ފަހު އުމޭރުއާ ދެމީހުން ދެޓީމަކަށް ދިޔައީ. އެކަމަކު އަނެއްކާވެސް ސީޒަންގެ މެދުތެރެއިން ނަމަވެސް ދެމީހުންނަށް އެއްޓީމަކަށް ކުޅެން ލިބުމުން ވަރަށް ހިތްހަމަ ޖެހޭ،" އަކޫ ބުންޏެވެ.
ނިއުގެ ކޯޗު ވެލިޒާ ޕޮޕޯފް ބުނީ، އަކޫ އަކީ، ފުރަތަމަ ދުވަހުއްސުރެންވެސް އޭނާ ވަރަށް ގަޔާވާ މޮޅު ކުޅުންތެެރިއެއް ކަމަށާއި، އަކޫގެ ބޭނުން އޭނާގެ ޓީމަށް ވަރަށް ރަނގަޅަށް ހިފޭނޭ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
މި އަހަރުގެ ދިރާގު ދިވެހި ލީގު ކާމިޔާމިބު ކުރުމާ ދެމެދު މަދު ޕޮއިންޓް ކޮޅެއް ދުރުގައި އޮތް ނިއުއިން މިހާރު އެންމެ ބޮޑަށް ވިސްނާނީ އޭއެފްސީ ކަޕް ކަމަށްވާ އިރު ނިއުގެ ޗެއާމަން ބަލަކް ވިދާޅުވީ، މިހާރު ކުރިއަށްދާ ޓްރާންސްފާ ވިންޑޯ ބަންދު ވުމުގެ ކުރިން ނިއުއަށް އަދިވެސް އިތުރު އެއް ކުޅުންތެރިއަކު ގެނެވޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.