ކެއްކުމަށް ބޭނުންކުރާ ގޭސް ލިބުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިވެ ބައެއް ހޮޓާތައް ބަންދުކޮށްފި އެވެ.

ގަލޮޅުގައި ހުންނަ ލޮނުޒިޔާރަތް ކެފޭގެ މުއައްޒަފަކު މިއަދު ބުނީ އެހޮޓަލަށް ބޭނުންވާވަރަށް މިހާރު ކައްކާ ގޭސް ނުލިބޭ ކަމަށެވެ. އެގޮތުން ދުވާލަކު އެހޮޓަލަށް އެންމެ މަދުވެގެން 13 ކިލޯގެ ގޭސް ބޭނުންވާއިރު މިހާރު އެއަދަދަށް ގޭސް ނުލިބޭ ކަމަށާއި އެހެން ކަމުން ގޭސް ލިބެންދެން އެހޮޓާ ބަންދުކޮށްފައިވާ ކަމަށެވެ.

"ކޮންމެ ދުވަހަކުވެސް ބައިވަރު ރިހަތަކާއި އެކިއެކި ކެއްކުންތައް ކައްކަން ޖެހޭ، ނަމަވެސް މިހާރު މިލިބޭ ގޭހަކުން އެކެއްކުންތައް ނުކެއްކޭ އެހެންވެ ބަންދުކުރީ،" ލޮނުޒިޔާރަތް ކެފޭގެ މުއައްޒިފު ބުންޏެވެ.

ސަން އާއި ވާހަކަ ދެއްކި ބައެއް އިތުރު ހޮޓާތަކުގެ މީހުން ވެސް ބުނީ ގޭސް ނުލިބުމުން އެމީހުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވާ ކަމަށާއި އަދި ވަގުތީގޮތުން އެފަދަ ބައެއް ހޮޓާތައް ބަންދުކޮށްފަވާ ކަމަށެވެ. އަދި ބައެއް އާންމުން ވެސް ދަނީ ގޭސް ލިބުމުގެ ދަތިކަން ދިމާވާ ކަމަށް ބުނެ ޝަކުވާތައް ކުރަމުންނެވެ.

މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓާ އަހުމަދު ވާފިރު މިއަދު ސަން އޮންލައިނަށް ވިދާޅުވީ އެކުންފުނިން މިހާރު ގޭސް ދޫކުރަމުންދަނީ ވަރަށް ބޮޑަށް ކޮންޓުރޯލް ކޮށްގެން ކަމަށެވެ. އެގޮތުން ގޭބިސީތަކަށް ތިން ކިލޯގެ ގޭސް ވިއްކާއިރު ހޮޓާތަކަށް ވިއްކަނީ 10 ކިލޯކަމަށް ވިދާޅުވި އެވެ. އަދި ގޭސް ލިބުން ދަތިވެގެން އުޅެނީ ގޭސް ގެންނަ ބޯޓް ނައިސްގެން ކަމަށް ވިދާޅުވި އެވެ.

ވިލާ ގޭހުން ބުނީ އެކުންފުނިން ވިއްކަމުން ދިޔަ ގޭސް އެއްކޮށް ހުސްވެއްޖެ ކަމަށެވެ.

އެދެކުންފުނިން ވެސް މިފަހަރު އެއް ބޯޓަކުން ގޭސް ގެންނައިރު އެބޯޓް ރާއްޖެ އައުން ލަސްވެފައި ވަނީ އެބޯޓްގެ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެނެވެ. އަދި އެ ދެ ކުންފުނިން ވެސް ބުނީ މާދަމާ ހަވީރު އެބޯޓް ރާއްޖެ އަންނާނެކަމަށް ބުނެފައިވާ ކަމަށެވެ.