މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ އެންމެ އަގުބޮޑު ހަރުމުދާ، ހެރެތެރެ އައިލެންޑް ރިސޯޓު ވިއްކާލުމުން 30 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުނު ނަމަވެސް ކުންފުނި ވެއްޓިފައިވާ އަނދަވަޅުން އަރައިގަނެވޭނެ ކަމަށް ބުނެފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން ރޭ ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކާ ގުޅިގެން ބޯޑު މެމްބަރު އަދި ކުންފުނީގެ ފައިނޭންޝަލް ކޮންޓްރޯލަރު އަބްދުﷲ ލީމަން ޒާހިރު ވިދާޅުވީ 60 މިލިއަން ޑޮލަރުގެ ހެރެތެރެ ރިސޯޓު 30 މިލިއަން ޑޮލަރަށް ވިއްކާލުމުން ކުންފުންޏަށް ގެއްލުން ލިބުނު ނަމަވެސް ދަރަނިން ސަލާމަތްވެވޭނެ ކަމަށެވެ.

ހެރެތެރެ ވިއްކާލަން އެމްޓީޑީސީން ނިންމާފައި ވަނީ ޗަންޕާ ހުސެއިން އަފީފްގެ ހިއްސާވާ ޓްރީ ޓޮޕް އިންވެސްޓްމަންޓަށެވެ. އެ ކުންފުނިން ހެރެތެރެ ގަންނަން ހުށަހަޅާފައި ވަނީ 30 މިލިއަން ޑޮލަރެވެ.

އޭނާ ވިދާޅުވީ ހެރެތެރެ ހިންގައިގެން ވޭތުވެދިޔަ އަހަރު ކުންފުންޏަށް ގާތްގަނޑަކަށް 17 މިލިއަން ޑޮލަރު ގެއްލުންވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެވަރު ގެއްލުމެއް ލިބެމުން އަންނަ ތަނަކަށްވާތީ އެތަން ވިއްކާލަން ވަރަށް މަސައްކަތްކުރެވުނު. އެގޮތުން ވިއްކާލަން އެތައް ފަހަރަކު މަސައްކަތްކުރެވުނު. އެގޮތުން ހުށަހެޅީ ހެރެތެރެ 30 މިލިއަން ޑޮލަރަށް ގަނެގެން ހިންގަން އެއް ފަރާތެއް. އަދި ސިންގަޕޫރުގެ ކުންފުންޏަކުން ހުށަހެޅި 17 މިލިއަން ޑޮލަރަށް ގަންނަން. އަދި ޗައިނާގެ ޓުއަ އޮޕަރޭޓަރަކު ހުށަހެޅި ދެ މިލިއަން ޑޮލަރު ދިނުމަށް ފަހު ސަބްލީސްކޮށްގެން ހިންގަން ވެސް. ނަމަވެސް އޭގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމަކީ 30 މިލިއަން ޑޮލަރަށް ގަންނަކަމަށްވާތީ ބޯޑު ނިންމީ އެ ފަރާތަށް ވިއްކާލަން،" އެ ޖަލްސާގައި ވާހަކަދަ އްކަވަމުން މެނޭޖިން ޑިރެކްޓަރު މުހައްމަދު މަތީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހެރެތެރެ ހިންގައިގެން މިދިޔަ ދެ އަހަރު އެ ކުންފުންޏަށް 17 މިލިއަން ޑޮލަރު ގެއްލުމެއް ލިބުނު ކަމަށެވެ. އަދި ހެރެތެރެ ތަރައްގީކުރަން ބީއެމްއެލް އިން ނެގި ލޯނަށް ދައްކަން ޖެހޭ 17 މިލިއަން ޑޮލަރު އެބައޮތް ކަމަށް ވެސް މަތީން ވިދާޅުވި އެވެ.

"ހެރެތެރެ ވިއްކާލައިގެން އަޅުގަނޑުމެ ދަރަނި އެއްކޮށް ހަލާސްކުރެވޭނެ. އޭގެ އިތުރުން އަޅުގަނޑުމެން މިހާރު މަސައްކަތްކުރަނީ މާލެ ސަރަހައްދުން ނުވަތަ ސީ ޕްލޭން ރޭންޖުން ރިސޯޓެއް ގަންނަން. ހެރެތެރެ ވިއްކާލުމަކީ ކުންފުނި ވަރަށް ބޮޑު ގެއްލުމަކުން ސަލާމަތްވާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މަތީން ވިދާޅުވީ ހެރެތެރެ އެންމެ ފަހުން ހިންގި ތައިލެންޑްގެ އަމާރީ ކުންފުނީގެ އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި ހަ މިލިއަން ޑޮލަރު ދޭން ޖެހުނު ކަމަށެވެ. ނަމަވެސް އެންމެ ފަހުން އެނޫން ގޮތެއް ނެތިގެން ކުންފުންޏަށް ސަރުކާރުން ދިން ރަށެއް ބަދަލުގެ ގޮތުގައި ދީ، އެ މައްސަލަ މި އަހަރު ޖެނުއަރީ މަހު ހައްލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ހެރެތެރެ ވިއްކާލައިގެން އެހެން ރިސޯޓެއް ހިންގަން އިންވެސްޓްކޮށްފި ނަމަ ކުންފުންޏަށް ފައިދާ ވާނެ. މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން މާލެ ކައިރި ރިސޯޓެއް ހިންގުމުން ފުރަތަމަ ކުއާޓަރުގައި ދެ ލައްކަ ޑޮލަރު ފައިދާވި. އެހެންވީމަ އޭގެ ސަބަބުން އަޅުގަނޑުމެންނަށް ކަންތައްތަކެއް ސާބިތުވެގެންދިޔަ،" މަތީން ވިދާޅުވި އެވެ.

މިއަހަރުގެ ކުރީކޮޅު ކ.ކްލަބްފަރު ރިސޯޓް ސަރުކާރުން ނެގުމުން އެމްޓީޑީސީން ވަނީ މިއަހަރުގެ ކުރީކޮޅު އެ ރަށް ހިންގައިފަ އެވެ.

ރޭގެ އާންމު ޖަލްސާގައި ހެރެތެރެ ވިއްކުމާ ބެހޭ ގޮތުން އެއްވެސް ހިއްސާދާރަކު ދެކޮޅު ހަދައިފައެއް ނުވެ އެވެ.