20 Jun 2013, 12:40
އިންޑޮނޭޝިޔާގެ ސުމަޓްރާގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން އުފެދެމުންދާ ދުން ސިންގަޕޫރަށް ފަހު މެލޭޝިޔާއާ ހިސާބަށް ފެތުރިގެން ގޮސްފި އެވެ.
މެލޭޝިޔާ އަށް ފެތުރިފައިވާ ދުމުގެ ބޯ ކަމުގެ ސިއްހީ މައްސަލަތައް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެގައުމުގެ ސަރުކާރުން ދީފައިވާ އިރު، މެލޭޝިޔާގެ 200 ސްކޫލެއް ވަނީ ބަންދުކޮށްފަ އެވެ.
މެލޭޝިޔާ އާއި ސިންގަޕޫރަށް ދުމުގެ އަސަރުކޮށްފައިވާ އިރު، ސިންގަޕޫރުން ވައިގެ ކޮލިޓީ ދެނެގަތުމަށް ގެންގުޅޭ ޕޮލިއުޓަންޓް ސްޓެންޑަޑްސް އިންޑެކްސް (ޕީއެސްއައި) މިހާރު ހުރީ 371 އިން މަތީގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިއީ 1997 އަށް ފަހު ޕީއެސްއައި މިހާ މައްޗަށް ދަމުންދާ ފުރަތަމަ ފަހަރު ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. ނަވާރަސަތޭކަ ނުވަދިހަ ހަތް ވަނަ އަހަރުގައި ޕީއެސްއައި ހުރީ 226 ގައި ކަމުން، އެރެކޯޑުވެސް މިހާރު ވަނީ އާވެފަ އެވެ.
ސުމަޓްރާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން އުފެދެމުންދާ ދުމުގެ ނުރައްކާތެރިކަން އަވަށްޓެރި ސިންގަޕޫރާއި މެލޭޝިޔާ އަށް ފެތުރިގެން ގޮސްފައިވާ އިރު، ސިންގަޕޫރުން ވަނީ އިންޑޮނޭޝިޔާ އިން މިކަންތައް ހަމަޔަކަށް އެޅުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށް ބުނެ އިންޑޮނޭޝިޔާގެ ސަރުކާރަށް ފާޑުކިޔާފަ އެވެ.
ސިންގަޕޫރުގެ އެންވާރަމަންޓް މިނިސްޓާ ވިވިއަން ބަލަކުރިޝްނަން، ވިދާޅުވީ މިއީ ސިންގަޕޫރުގެ ހަޔާތުގައި ވެސް ވައިގެ ކޮލިޓީ މިހާ ނުރައްކާތެރި މިންވަރަކަށް މައްޗަށް ދިޔަ ފުރަތަމަ ފަހަރު ކަމަށެވެ.
"މިއީ ސިންގަޕޫރުގެ ހަޔާތުގައި ވެސް ކުރިމަތިވި އެންމެ ނުރައްކާތެރި "ހޭޒް". ސިންގަޕޫރުގެ ރައްޔިތުންގެ ސިއްހަތަށް ގެއްލުންވާ ގޮތަށް ވައި ތަގައްޔަރުކުރުމުގެ ހައްގެއް އެއްވެސް ގައުމަކަށް ލިބިގެނެއް ނުވާނެ" އެންވާރަމަންޓް މިނިސްޓަރު ވިވިއަން ފޭސްބުކުގައި ލިޔުއްވި އެވެ.
މެލޭޝިޔާގެ ވެރިރަށާ ހިސާބަށް ދުމުގެ އަސަރުކޮށްފައިނުވާ ނަމަވެސް، ސިންގަޕޫރާއި މެލޭޝިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ މެލޭޝިޔާގެ އަވަށްތަކުގައި ނުރައްކާތެރި މިންވަރަކަށް ދުން ވަނީ ފެތުރިފަ އެވެ.
މިކަމާ ގުޅިގެން މެލޭޝިޔާގެ 200 ސްކޫލެއް ވަނީ ބަންދުކޮށްފަ އެވެ.
މެލޭޝިޔާގެ ޖޮހޯރު ބަރޫގެ ޔުނިވާސިޓީ ޓެކްނޮލޮޖީ މެލޭޝިޔާގައި ކިޔަވަމުންދާ ދިވެހި ދަރިވަރެއް ކަމަށްވާ އިބްރާހިމް ތޯރިގް ސަން އަށް މައުލޫމާތު ދެމުން ބުނީ ދުމުގެ އަސަރު އެސަރަހައްދުގައި ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށެވެ.
ތޯރިގް ބުނީ އެސަރަހައްދުގައި ޕީއެސްއައި 224 އިން މައްޗަށް ގޮސްފައިވާ ކަމަށެވެ.
"ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައި ވަނީ. ބޭރުގައި ހިނގާލުމަކީ ވަރަށް އުދަނގޫ ކަމެއް. ނޭވާލަން އުދަނގޫވޭ. ލޯ ހިރުވާތީ ކެތް ނުވޭ. މުޅި ގައިން ދުވަނީ ދުން ވަސް،" ތޯރިގް ސަން އަށް ކިޔައި ދިނެވެ.
ތޯރިގު ބުނީ އެސަރަހައްދުގައި ހަތަރު ވަރަކަށް ދިވެހި ކިޔަވާ ކުދިން އުޅޭ ކަމަށެވެ.