20 Jun 2013, 12:34
އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ބަންޑާރަ ނާއިބް އޮފީހުން ބުނެފި އެވެ.
ޖީއެމްއާރަށް އެއާޕޯޓު ކުއްޔަށް ދިން މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީން ނެރުނު ރިޕޯޓު ދިރާސާ ކުރުމަށް ފަހު ބަންޑާރަ ނާއިބްގެ އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މާލިއްޔަތު ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހަށް އަމަލު ކުރަން ފެށުމުގެ ކުރިން ކަމަށްވާތީ އެ އެއްބަސްވުމުގައި ސޮއިކުރުމުގެ މައްސަލައެއް ނެތްކަމަށް އެ ކޮމިޝަނުން ނިންމާފައިވާ އިރު، އެ އެއްބަސްވުން ވެފައި ވަނީ އޭރު އަމަލުކުރަމުން ގެންދިޔަ މާލިއްޔަތު ގާނޫނުގެ ފަސް ވަނަ މާއްދާ އާއި އަދި މާލިއްތު ގަވާއިދާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށެވެ. ނަމަވެސް އެ ކޮމިޝަންގެ ރިޕޯޓުގައި އެއްވެސް ގޮތަކަށް އެކަމަށް ރިއާޔަތް ނުކޮށް، އެއްބަސްވުމުގައި ސޮއިކުރުމުގެ ގާނޫނީ މައްސަލައެއް ނިންމާފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
އެ ސިޓީގައި ބުނެފައި ވަނީ އެއްބަސްވުމުގައި ސޮއިކުރުމަށް އެއާޕޯޓްސް ކޮމްޕެނީގެ ބޯޑުން އެއްބަސްނުވުމުން އެ ކުންފުނީގެ ބޯޑުގެ މެންބަރުން ބަދަލުކޮށް އެއްބަސްވުމުގައި ސޮއިކުރާނެ ފަދަ ބޭފުޅަކު އައްޔަން ކޮށްގެން އެއްބަސްވުމުގައި ސޮއިކޮށްފައިވާ އިރު އެކަންބަލާފައި ނުވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
"މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑު މެންބަރުން ބަދަލުކުރެއްވުމަށް ފަހު، މަދުގަޑިއިރުތަކެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށްފައިވާ އިރު، ދައުލަތުގެ މިފަދަ ބޮޑު އެސެޓެއް ދިނުމުގެ އެއްބަސްވުން އަލަށް އެކުލަވާލެވުނު ބޯޑުން ބައްލަވާފައިވާ ކަމާމެދު ސުވާލު އުފެދިފައިވާ އިރު، އެކަމަށް އެއްވެސް ވަރަކަށް ތަހުގީގު ރިޕޯޓުގައި ރިއާޔަތް ކުރައްވާފައި ނުވާކަން. އަދި މި ހާލަތުގައި މި އެއްބަސްވުމުގައި ސޮއިކުރުމަކީ ގާނޫނީ ގޮތުން މައްސަލައެއް ނޫން ކަމަށް ނިންމާފައިވާ އިރު، މިފަދަ މާހައުލެއްގައި ވެވޭ އެއްބަސްވުމެއްގެ ގާނޫނީ ހާލަތަކީ ކޮބާކަމާ މެދު. ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ހުދޫދުގެ ތެރެއިން މި ރިޕޯޓު އެކުލަވާލެއްވި އިރު ބައްލަވާފައި ނުވާކަން،" އެ ސިޓީގައި ބުނެފައިވެ އެވެ.
އެއާޕޯޓު ޖީއެމްއާރަށް ކުއްޔަށް ދިނުމުން ދައުލަތަށް ވަނީ ފައިދާ ކަމުގައި ތަހުގީގު ރިޕޯޓުގައި ބުނެފައިވާ އިރު ރިޕޯޓުގައި ހިމަނާފައިވާ ހިސާބު ހެދުމުގައި ބޭނުންކޮށްފައި ވަނީ ރަނގަޅު ފޯމިއުލާއެއްކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި އޭގެ ތަފްސީލުތައް ވެސް އެ ސިޓީގައި ވަނީ ހިމަނާފަ އެވެ.
އެ ސިޓީގައި ބުނެފައި ވަނީ ތަހުގީގު ރިޕޯޓުގައި މާލީ ހިސާބުތައް ހަދާފައި ވަނީ މުޅި އެގްރީމެންޓުގެ ސިނޭރިއޯ ބަލައިގެން ނޫން ކަމަށާއި އެ ރިޕޯޓުގައިވާ ދައުލަތުގެ ފައިދާ ހުރި ވިޔަފާރިތައް ޖީއެމްއާރަށް ބަދަލުކުރުމުން ޖުމްލަ 15 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ވާނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެކަންކަމަށް ތަހުގީގު ރިޕޯޓުގައި ރިއާޔަތް ކޮށްފައި ނުވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
ޖީއެމްއާރަށް އެއާޕޯޓު ކުށްޔަށް ދިނުމުން ހުޅުލެއާއި ހުޅުލޭ ސަރަހައްދުގައި އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތަކަށް ނިސްބަތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ވެސް އަންދާޒާ ކުރެވިފައިވާ ކަމަށާއި ނަމަވެސް އެކަންކަމަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފަ އެވެ.
ތަހުގީގު ރިޕޯޓުގައި ހިމެނޭ މާލީ ހިސާބުތައް ހަދާފައި ވަނީ އެއާޕޯޓްސް ކޮންޕެނީ އަށް ލިބޭނެ އެއްޗަކަށް ބަލައިގެން ކަމަށްވާ އިރު އެއްބަސްވުމުގެ ދަށުން އެއާޕޯޓްސް ކޮމްޕެނީގެ ހުރިހާ އެސެޓެއް ދޫކޮށްލުމުން ލިބޭ ގެއްލުން ހިސާބުކޮށްފައި ނުވާ ކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފަ އެވެ.