20 Jun 2013, 12:07
ދައުލަތުގެ ފައިސާ ބޭނުން ކުރުމުގައި މާލީއްޔަތު ގާނޫނާއި ގަވާއިދުގެ އިމުން ބޭރުން ކަމެއް ހިނގާފައި އޮތުމަކީ އެއީ ޖިނާއި ކުށެއް ނުވަތަ ކޮރޮޕްޝަނެއް ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހެންވޭރުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ސޯސަން މަގުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާންގެ ސަރުކާރުގައި މާލީއްޔަތު ގާނޫނާއި ގަވާއިދާއި ހިލާފަށް ދައުލަތުގެ ފައިސާ ބޭނުން ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނަރަލް ވިދާޅުވެފައިވާ ކަމަށާއި އެހެން ނަމަވެސް މާލިއްޔަތު ގަވާއިދާއި ހިލާފަށް ކަމެއް ހިނގާފައި އޮތުމަކީ އެއީ ޖިނާއީ ކުށެއް ނުވަތަ ކޮރޮޕްޝަނެއް ހިނގާފައި ވަނީ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެނަށް ރާއްޖޭގެ އޮޑިޓާ ޖެނަރަލް އެބަ ފާހަނގަ ކޮށްދެއްވާ އަޅުގަނޑުމެންގެ ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި އެބޭފުޅާ ލަފާ ކުރައްވާ ގޮތުގައި މާލީއްޔަތު ގަވާއިދުތަކާއި ހިލާފަށް ދެ ބިލިޔަން ރުފިޔާ ހަރަދު ކުރެވިފަ އެބަވެޔޭ. އޮޑިޓާ ޖެނަރަލް ވިދާޅު ވަނީ އަޅުގަނޑުމެން އެމްޑީޕީގެ ތިން އަހަރުގެ ސަރުކާރުގައި 31 ބިލިޔަން ރުފިޔާ ހަރުދުކޮށްފައި ވެޔޭ. އޭގެ ތެރެއިން ދެ ބިލިޔަން ރުފިޔާ ހަރަދުކޮށްފައި ވަނީ މާލީއްޔަތު ގާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތަކަށް ނޫނޭ. އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ މާލީޔަތު ގާނޫނާއި ގަވާއިދުން ބޭރުން ކަމެއް ހިނގާފައި އޮތުމަކީ ޖިނާއީ ކުށެއް ނުވަތަ ކޮރޮޕްޝަންގެ އަމަލެއް ހިންގީކީ ކަމަކަށް ނުބެލެވޭނެއޭ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެއްވެސް ކަމެއް ގާނޫނާއި ގަވާއިދުގެ އިމުން ބޭރުން ހިންގައިގެން ނުވާނެ ކަމަށެވެ. އެމްޑީޕީ ސަރުކާރުގެ ތިން އަހރުގެ ތެރޭގައި ދައުލަތުގެ ފައިސާ މާލީއްޔަތު ގާނޫނާއި ގަވާއިދާ ހިލާފަށް ބޭނުންކޮށްފައިވާ ކަމަށް އޮޑިޓާ ޖެނަރަލް ވިދާޅުވާނަމަ އެކަން ތަހުގީގު ކުރުމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އެސީސީ)އަށް ނަޝީދު ގޮވާލެއްވި އެވެ. އަދި ވިދާޅުވީ އެކަމުގައި ކޮރޮޕްޝަންގެ އަމަލެއް ހިނގާފައިވާނަމަ އެކަމުގައި ޝާމިލްވާ ފަރާތްތަކަށް ހައްގު އަދަބު ލިބެންޖެހޭނެ ކަމަށެވެ.
އެމަނިކުފާން ވިދާޅުވީ މިހާތަނަށް ވެސް އެމަނިކުފާންގެ ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް އެއްވެސް ކަމެއް ހިނގާފައިވާ ކަމަށް އޭސީސީން ބުނެފައި ނުވާ ކަމަށެވެ. އަދި ކޮރޮޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކުރި ޖީއެމްއާރް މައްސަލާގައި ވެސް ކޮރޮޕްޝަންގެ އެއްވެސް ކަމެއް ހިނގާފައި ނުވާކަން މިހާރު ސާބިތުވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމަނިކުފާން ބޭނުންވަނީ އެމްޑީޕީ ސަރުކާރުގައި އެއްވެސް ކޮރޮޕްޝަންގެ އަމަލެއް ހިނގަފައިވާނަމަ ދެފުށް ފެންނަ ގޮތަކަށް އެކަން ބަލައި ތަހުގީގު ކުރުމަށް ކަމަށެވެ. މީގެއިތުރުން އެމަނިކުފާން ވިދާޅުވީ މިހާރު ޖީއެމްއާރް މައްސަލަ ނިމި "ކެޔޮ ކޭވަރު" މިހާރު އެނގިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަކީ ފުރަތަމަ މިނިވަން އޮޑިޓާ ޖެނެރަލެއްގެ އޮޑިޓްތައް ވެސް އަޅުގަނޑުމެންނާ ދިމާލަށް އަމާޒުވުމުގެ ނަސީބު ލިބުނު ސަރުކާރު. އަދި މިނިވަން އެންޓި ކޮރަޕްޝަން ކޮމިޝަނެއްގެ ބެލުމުގެ ދަށުން ވެސް ސަރުކާރު ހިންގުމަށް ފުރުސަތު ލިބުނު ސަރުކާރު. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އެދުމަކީ ސަރުކާރުގެ ހުރިހާ ފައިސާއެއް ވެސް ރަނގަޅަށް އެކައުންޓަބަލް ކުރުން އަދި ޚަރަދު ބަރަދު ދެ ފުށް ފެންނަ ގޮތަށް ކުރެވެމުން ދިއުން،" ނަޝީދު ވިދާޅުވި އެވެ.
ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހެންވޭރުގެ 25000 ރައްޔިތުންގެ ވޯޓް އެމަނިކުފާން ހޯއްދަވާނެ ކަމަށާއި އަދި ރިޔާސީ އިންތިހާން އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.