ދުނިޔޭގެ އަދި ޔޫރަޕްގެ ޗެމްޕިއަން، ސްޕެއިންއާ ދެކޮޅަށް ފީފާ ކޮންފެޑެރޭޝަންސް ކަޕްގައި މިރޭ ނުކުންނަ ޓަހީޓީގެ 23 ކުޅުންތެރިންގެ ސްކޮޑްގައި ހިމެނެނީ ޕްރޮފެޝަނަލް އެންމެ ކުޅުންތެރިއެކެވެ. އެއީ ގްރީކްގެ ޕެންތްރަކިކޯސްއަށް ކުޅޭ މަރަމާ ވަހިރުއާ އެވެ.

ގާތްގަނޑަކަށް 178،000 މީހުންގެ އާބާދީއެއް އޮންނަ ޓަހީޓީ، ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގައި އޮތީ 138 ވަނައިގަ އެވެ. އަދި މިރޭ އެ ގައުމާ ދެކޮޅަށް ނުކުންނަ ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގެ އެއްވަނައިގައި އޮތް ސްޕެއިންގެ ކޮންމެ ކުޅުންތެރިއަކީ ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިންނަށްވާއިރު މިރޭގެ މެޗަކީ ރެކޯޑް ނަތީޖާތަކެއް ފެނިގެންދާނޭ މެޗެއް ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

ފީފާ ކޮންޕެޑެރޭޝަންސް ކަޕަށް ޓަހިޓީ ކޮލިފައިވީ، 2010ގެ ވޯލްޑްކަޕް ކުޅުނު ނިއުޒީ ލޭންޑު ބަލިކޮށް، އޯޝޭނިއާ ނޭޝަންސް ކަޕް ކާމިޔާބު ކޮށްގެންނެވެ.

މުބާރާތުގައި ޓަހީޓީ ކުޅުނު ފުރަތަމަ މެޗުން ނައިޖީރިއާ އަތުން ބަލިވީ 6-1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ނެވެ. އެ މެޗުގައި ނައިޖީރިއާ ކާމިޔާބުކުރި ހަ ލަނޑުގެ ތެރެއިން ދެ ލަނޑު، ޓަހީޓީގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަދެފައިވެ އެވެ.

ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗާ ބެހޭ ގޮތުން ޓަހީޓިގެ ކެޕްޓަން ނިކޮލަސް ވަރާލް ބުނެފައިވަނީ، އެ މެޗުގައި ސްޕެއިންއާ ދެކޮޅަށް މާބޮޑު ކާމިޔާބެއް ހޯދޭނޭ ކަމުގެ ޔަގީންކަން ނެތް ނަމަވެސް، ނައިޖީރިއާ ކޮޅަށް ޓަހީޓީ ކާމިޔާބުކުރި ލަނޑުގެ ސަބަބުން އެ ޓީމުގެ ކުޅުންތެރިންނަށް ވަނީ އިތުރު ހިތްވަރެއް ލިބިފައި ކަމަށާއި އަދި މިރޭ ސްޕެއިން ކޮޅަށް ވެސް ލަނޑެއް ކާމިޔާބުކުރުން އެއީ އޭނާގެ ޓީމުން ދެކޭ ހުވަފެނެއް ކަމަށެވެ.

ނައިޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުން ހިތްވަރު ލިބިގެން ޓަހީޓީ، ސްޕެއިންއާ ދެކޮޅަށް ނުކުންނައިރު ސްޕެއިންގެ ވިންގާ ޕެޑްރޯ ބުނެފައި ވަނީ، ޓަހީޓީއާ ދޭތެރޭގައި ސަމާލުވާން ޖެހޭނޭ ކަމަށާއި، އަދި މޮޅުވުމަކީ ފަސޭ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނޭ ކަމަށެވެ.

"ޓަހީޓީ ޓީމުން އަހަރެމެންގެ ގޭމް ހަރާބުކޮށްލުމަށް ކުރެވެން އޮތް މަސައްކަތެއް ކުރާނެ. މިއީ މުހިއްމު މެޗެއް. އަދި އަހަރެމެން އަހަރެމެންނާ އިދިކޮޅަށް މިރޭ ނުކުންނަ ޓީމަށް އިޙްތިރާމް ކުރަން ޖެހޭނެ. އަދި މޮޅަކީ ހަދިޔާއެއްގެ ގޮތުގައި އަހަރެމެންނަށް ލިބޭނޭ އެއްޗެއްގެ ގޮތުގައި ދެކިގެން ނުވާނެ،" ޕެޑްރޯ ބުންޏެވެ.

ރެކޯޑް ހަދައި ރެކޯޑް މުގުރުމަކީ ކޮންމެ ބަޔަކުވެސް އަބަދުވެސް އެކަމަށް ބޭނުން ވާނޭ ކަމެކެވެ. އެގޮތުން މިރޭގެ މެޗަށް ސްޕެއިން ނުކުންނަ އިރު އެކުލަބުން ލަނޑުގެ ރެކޯޑެއް ގާއިމް ކުރުމަށް ވިސްނާނޭ ކަމީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ. ސްޕެއިންއަށް އެންމެ ބޮޑު ތަފާތަކުން ޓީމެއްގެ އަތުން މޮޅުވެވިފައި ވަނީ، މީގެ 80 އަހަރު ކުރިން ބަލްގޭރިޔާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި 13-0 ލަނޑުން ނެވެ. އެހެން ކަމުން އެ ރެކޯޑް މިރޭ މުގުރާލައި އާ ރެކޯޑެއް ގާއިމު ކުރުމަކީ އެ މީހުންގެ ވިސްނުމުގައި ހަމަ ޔަގީނުން ވެސް ގެންގުޅޭނޭ ކަމެއްކަން ކަށަވަރެވެ.

ޓަހީޓީގެ ކޯޗު އެޑީ އެޓައެޓާ ބުނީ، އުރުގުއޭއާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގެ ވީޑިއޯ ބަލައިލުމުން އޭނާ ކަންބޮޑުވާންޖެހޭ ބައެއް ކަންތައް އެބަ ހުރި ކަމަށާއި އެހެން ކަމުން ޓެކްޓިކަލީ އަދި ފިޒިކަލީ ގޮތުން ވެސް، ސްޕެއިންއާ ދެކޮޅަށް ރަނގަޅު ރައްދެއް ދޭން ޖެހޭނޭ ކަމަށެވެ.

ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގެ ތާރީޚީ މަރަކާނާ ސްޓޭޑިއަމްގައި، މިރޭ ޓަހީޓީއާ ދެކޮޅަށް ސްޕެއިން ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މެންދަމު 00:00ގަ އެވެ.