02 Nov 2010, 10:36
އެކްރޫޑް ޕެންޝަން ހައްޤުވާ ފަރާތްތަކުގެ ތެރެއިން 1060 މީހުން އަދި ވެސް ފޯމު ހުށަނާޅާ ކަމަށް މޯލްޑިވިސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން (އެމްޕީއޭއެފް) ބުނެފި އެވެ.
އެމްޕީއެފްގެ ޕާމަނަންޓް ސެކްރެޓަރީ އިސްމާއިލް ސުޖާއު މިއަދު ވިދާޅުވީ އެކްރޫޑު ޕެންޝަން ހައްގުވާ 3567 މީހުން އެބަތިބި ކަމަށާއި މިއަދުގެ ނިޔަލަށް އެ އޮފީހަށް ފޯމު ފޮނުވަފައި ވަނީ 2507 މީހުން ކަމަށެވެ.
އެކުރޫޑް ޕެންޝަން ހައްގުވާ މީހުން އެކްރޫޑް ޕެންޝަން ނަގާނީތޯ ނުވަތަ އުމުރުން 65 އަހަރުވަންދެން މިހާރު ވެސް ލިބެމުންދާ ޕެންޝަނުގައި ދެމި ތިބޭނީތޯ މޯލްޑިވިސް ޕެންޝަން އެޑްމިނިސްޓްރޭޝަނަށް ސާފުކޮށް ދިނުމަށް މި މަސް ފެށުމުގެ ކުރިން ފޯމު ހުށަހެޅުމަށް އެ އޮފީހުން އެދިފައިވެ އެވެ.
މިދިޔަ މަސް ނިމުމުގެ ކުރިން ފޯމުތައް ފޮނުވުމަށް އެންގި ކަމުގައިވިޔަސް އަދި ވެސް ފޯމުތައް ބަލައިގަންނަމުން އަންނަ ކަމަށާއި މި މަހު 11 އާ ހަމައަށް ފޯމުތައް ބަލައިގަންނަމުން އަންނާނެ ކަމަށް ސުޖާއު ވިދާޅުވި އެވެ.
"އެއްތިރީސް އޮކްޓޫބަރާ ހަމައަށް އަޅުގަނޑުމެން މުއްދަތު ކަނޑައަޅާފައި އޮތް ނަމަވެސް މިހާރު ވެސް [ފޯމު] ބަލައިގަންނަމުން އެބަދަން. ވަރަށް މުހިންމު ނިންމެވުމެއް ނިންމަވަން މިޖެހެނީ މި ފޯމު ހުށަހަޅުއްވައިގެން. ތާރީހެއް ދީފައި އެއާ އެއްގޮތަށް ނިންމުމަކާ ހަމައަށް ގިނަފަހަރު ނުގެނެވެނީ ވެސް ގިނަ ފަރާތްތަކަށް ފުރުސަތު ދޭން ބޭނުންވާތީ. އެކި ސަބަބުތަކާ ހެދި ފޯމު ހުށަނޭޅޭ ބޭފުޅުން ވެސް ތިބެދާނެ."
ފޯމު ނުފޮނުވާ ފަރާތްތައް ބަލާނީ އެކުރޫޑް ޕެންޝަން ބޭނުންވާ ފަރާތްތައް ކަމަށް އެމްޕީއެފްއޭ އިން ބުނެ އެވެ.
ދިވެހި ރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނު ބުނާ ގޮތުން، ދައުލަތުގެ މުވައްޒަފުންގެ ތެރެއިން 20 އަހަރު ނުވަތަ 40 އަހަރު ހިދުމަތް ކޮށްފައިވުމުން ލިބޭ ޕެންޝަން، އުމުރުން 65 އަހަރު ވަންދެން ލިބެމުން ދިއުމަށް ނުވަތަ އެ ޕެންޝަން ދޫކޮށްލައި ހިދުމަތްކޮށްފައިވާ ޖުމްލަ މުއްދަތަށް އެކްރޫޑް ޕެންޝަން ނެގުމުގެ އިހްތިޔާރު ލިބިފައިވެ އެވެ.